
ބަރުދަން ލުއިކުރަން ސައްހަނޫން ތަކެތި ބޭނުން ނުކުރަން އަންގައިފި

މުޙައްމަދު ފަޟްލޫން - 23 ޖުލައި 2026 - 06:27
ބަރުދަން ލުއިކުރުމަށްޓަކައި، ސައްހަ ނޫން މައުލޫމާތު ހިމަނައިގެން އިޝްތިހާރުކުރާ ކާބޯތަކެތި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ، އެމްއެފްޑީއޭ އިން އިލްތިމާސްކޮށްފިއެވެ.
އެ އޮތޯރިޓީން ފާހަގަކުރި ގޮތުގައި، ބަލިތަކަށް ފަރުވާ ލިބޭ ކަމަށް ނުވަތަ ހަށިގަނޑަށް ވަކި ކަހަލަ ބަދަލުތަކެއް އަންނާނެ ކަމަށް ދޭހަވާ ގޮތަށް ރާއްޖޭގައި ކާބޯތަކެތި މާކެޓުކުރާކަން ވަނީ ފާހަގަކުރެވިފައެވެ.
ބަރުދަން ލުއިކޮށްދޭ ތަކެތީގެ ގޮތުގައާއި ތަފާތު ބަލިތަކުގެ ޝިފާއެއްގެ ގޮތުގައި ގިނަ އުފެއްދުންތަކެއް އިޝްތިހާރުކޮށް، އެކި މަންސަތަކުގައި އެފަދަ ތަކެތި ބޭނުންކުރުމަށް ހިތްވަރުދޭ މަޢުލޫމާތު ފަތުރަމުންދާ ކަމަށް އެމްއެފްޑީއޭ އިން ބުނެފައިވެއެވެ.
ސައިންޓިފިކް ދިރާސާތަކެއްގެ މައްޗަށް ބިނާނުކޮށް، ސާބިތު ނުހިފޭ މަޢުލޫމާތު ހިމަނައިގެން ކާބޯތަކެތި މާކެޓުކުރުމަކީ ބޭނުންކުރާ ފަރާތްތަކަށް މައުލޫމާތު އޮޅި، ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެއް ކަމަށް އެ އޮތޯރިޓީން އިންޒާރު ދެއެވެ.
ވަކިން ހާއްސަކޮށް ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި، މާބަނޑު މީހުންގެ އިތުރުން ގާތުން ކިރުދޭ މައިންނަށް މިފަދަ ތަކެތީގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާ ބޮޑުކަން ވަނީ ފާހަގަކޮށްފައެވެ.
ކާބޯތަކެތީގެ އުފެއްދުމެއް ކުރިއެރުވުމަށްޓަކައި އެކި މަންސަތަކުގައި މަޢުލޫމާތު ފެތުރުމަކީ، ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދު ގެ ދަށުން އިޝްތިހާރުކުރުން ކަމުގައި ބެލެވޭނެ ކަމަށް ވަނީ ބުނެފައެވެ.
ސިއްހީ ގޮތުން ވަކި ފައިދާއެއް ކުރާނެ ކަމަށް ނުވަތަ ބައްޔެއްގެ ފަރުވާއެއްގެ ގޮތުގައި ދޭހަވާ ގޮތަށް ކާބޯތަކެތި އިޝްތިހާރު ކުރުމަކީ މަނާކަމެއް ކަމަށްވެސް އެ އޮތޯރިޓީން ވަނީ ހަނދާންކޮށްދީފައެވެ.
ކާބޯތަކެއްޗަކީ ވަކި ފެންވަރެއްގެ ނުވަތަ ހާއްސަ ސިފަތަކެއް އެކުލެވޭ އެއްޗެއްކަން ދޭހަވާނޭހެން، ހަގީގަތާއި ހިލާފަށް ނުވަތަ އޮޅުން އަރާފަދަ ގޮތަކަށް އިޝްތިހާރު ކުރުމަކީ މަނާކަމެއްކަން އެމްއެފްޑީއޭ އިން ވަނީ ހަނދާންކޮށްދީފައެވެ. އެހެންކަމުން، ކާބޯތަކެތި އިޝްތިހާރު ކުރުމުގައި ކަނޑައެޅިފައިވާ ޤަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެ އޮތޯރިޓީން ވަނީ އިރުޝާދު ދީފައެވެ.
މީގެ އިތުރުން، ސިއްހީ ގޮތުން ސާބިތުނުހިފޭ މަޢުލޫމާތުތަކަށް ބަރޯސާވުމުގެ ބަދަލުގައި، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށްޓަކައި މިންހެޔޮކޮށް ކެއުމަށާއި، ކާނާގައި ހަކުރާއި ލޮނު ބޭނުންކުރާ މިންވަރު މަދުކުރުމުގެ އިތުރުން، ގަވާއިދުން ކަސްރަތު ކުރުމަށްވެސް އެމްއެފްޑީއޭ އިން އިލްތިމާސް ކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް

ގްރޭޓަރ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ގެންނަ އިސްލާހުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
7 ގަޑިއިރު ކުރިން

އުކުޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމަކާ ގާތަށް
7 ގަޑިއިރު ކުރިން

ތުލުސްދޫ "އިސްރަށްވެހިންގެ ހިޔާވަހި" މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި
7 ގަޑިއިރު ކުރިން

ބަރަހަނާ ފޮޓޯ ބޭނުންކޮށްގެން ބިރުދެއްކި މައްސަލަ ކުރިއަށް ގެންދެވޭނެ: ސުޕްރީމް ކޯޓް
7 ގަޑިއިރު ކުރިން


.gif&w=3840&q=75)