logo
ރައީސް ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

މާލޭ ސަރަޙައްދުން ބޯހިޔާވަހިކަމަށް ކުރިމަތިލުމަށް ހުޅުވާލަނީ ރައްޔިތުން އެދޭ ގޮތަށް ޝަރުޠުތައް އިސްލާކުރެއްވުމަށްފަހު: ރައީސް

profile

މުޙައްމަދު ފަޟްލޫން - 09 ޖެނުއަރީ 2026 - 07:15

މާލޭ ސަރަޙައްދުން ބޯހިޔާވަހިކަމަށް ކުރިމަތިލުމަށް ހުޅުވާލައްވަނީ، ރައްޔިތުން އެދިވަޑައިގެން ކަންކަން ހިމެނޭނޭހެން ޝަރުޠުތައް އިޞްލާޙުކުރައްވުމަށްފަހުގައިކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ޚާއްސަ ޙަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ޙައްލުކޮށްދެއްވުމަށްޓަކައި، މާލޭ ސަރަޙައްދުން 7900 އެއްހާ ފްލެޓާއި 15000 ގޯއްޗަށް ކުރިމަތިލުމަށް މި ހިނގާ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހު ހުޅުވާލައްވާއިރު، ރައްޔިތުންގެ ބައްދަލުވުންތަކުގައި ހުށަހެޅުއްވި ބައެއް ޚިޔާލުތައް ހިމަނުއްވައިގެން ޝަރުޠުތައް އިޞްލާޙުކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން، ކުރީގެ ސްކީމްތަކުގައި، މީގެ އެތައް އަހަރެއް ކުރިން އެއް ކޮޓަރީގެ ފްލެޓުތައް ލިބުނު ނަމަވެސް، އާއިލާ ބޮޑުވެ، އެއް ކޮޓަރިން ނުފުދޭ މީހުން، ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލައި ހޮވިއްޖެނަމަ، ކުރީގެ ފްލެޓް ދޫކޮށްލާ ގޮތަށް، ކުރިމަތިލެވޭނޭހެން އިސްލާޙުކުރައްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ދެ ކޮޓަރީގެ ފްލެޓްތައް ލިބިފައިވާ މީހުންނަކީ، 18 އަހަރު ނުފުރޭ ދެ ޖިންސުގެ ދަރީން ތިބި މީހުންކަމުގައިވާނަމަ، އެމީހުންނަށްވެސް، ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލައި ހޮވިއްޖެނަމަ، ކުރީގެ ފްލެޓް ދޫކޮށްލާ ގޮތަށް، ކުރިމަތިލެވޭނޭހެން އިސްލާޙުކުރައްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް ގެނެސްފައިވާ އިތުރު އިސްލާޙުތަކުގެ ތެރޭގައި، މާލޭގައި ދަފުތަރުވެފައިވާތާ މަދުވެގެން އެއް އަހަރުވެފައިވާ ފަރާތްތަކަށްވެސް ފްލެޓަށް ކުރިމަތިލެވޭގޮތަށް ހިމަނުއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި ފުރުޞަތުގައި ދޫކުރުމަށް ނިންމާފައިވާ 15000 ގޯތި ދޫކުރާ ގޮތުގެ ތަފްޞީލުވެސް މިރޭގެ ޙަފުލާގައި އެމަނިކުފާނު ހިއްސާކުރެއްވިއެވެ. އެގޮތުން ގޯތި ބެހިފައިވަނީ، މާލެއަށް އުފަން މާލޭ ރައްޔިތުންނަށް 7000 ގޯތި، ދަފުތަރުގައި ޖެހިފައިވާ މީހުންނަށް 1000 ގޯތި، ފަހުން ރަޖިސްޓަރީގައި ޖެހިފައިވާ މީހުންނަށް 2000 ގޯތި، މައިމުޅަވެފައިވާ ފަރާތްތަކަށް 500 ގޯތި، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ އެހެން ރަށްރަށުގެ ރައްޔިތުންނަށް 3000 ގޯތި، އަދި، ހަނި ގޯޅިތަކުގައި ހުންނަ، ޢިމާރާތްކުރުމަށް ލޯނުހޯދުމަށް ދަތިކަން ހުރި ގޯތި ދޫކޮށް ގޯތިތައް ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ކަނޑައަޅާފައިވާ 1500 ގޯތީގެ މައްޗަށެވެ.

ގޯތީގެ މައްސަލަ ހައްލުކުރެއްވުމަށް މި ސަރުކާރުން މަޑުކުރައްވަނީ ދައުރުގެ 4 ވަނަ ނުވަތަ 5 ވަނަ އަހަރަށް ނޫންކަމަށާއި، މި މައްސަލައަށް އެންމެ ބޮޑު އަހުމިއްޔަތުކަމެއް ދެއްވައިގެން ތަރުތީބުކުރައްވާފައިވަނީ، ޙަޤީޤީ ހައްލު ހޯއްދަވައިދެއްވުމަށް އިޚުލާޞްތެރިކަމާއެކު މަސައްކަތްކުރެއްވުމުގެ މަޤްޞަދުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay