logo

ރީ - އެމްޕްލޯއިމަންޓު ބިލް: އިސްރަށްވެހިންގެ ނަފްސަނީ ދުޅަހެޔޮކަމަށް އެޅުނު މުހިންމު ފިޔަވަޅެއް

profile

ޝަހްޒާ މުޙައްމަދު - 09 ޖެނުއަރީ 2026 - 11:45

"ސާޅީސް އަހަރު އުޅުނު ވަޒީފާ ދޫކޮށް ގެއަށް ދާންޖެހުނީމަ ވަރަށް ބޮޑަށް މާޔޫސްވެ ބަލިވި" މީގެ ދެތިން އަހަރުކުރިން ވަޒީފާއިން މުސްކުޅިކުރި ފަރާތެއް ކިޔައިދިނެވެ. ވަޒީފާއިން ރިޓަޔަރ ކުރުމަކީ ގިނަ ފަހަރަށް އިސްރަށްވެހިންނަށް ނަފްސާނީ ގޮތުން ބޮޑު ހުސްކަމެއް އިހުސާސްކުރަންޖެހޭ ކަމެކެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް އިސްރަށްވެހިންނަށް ބަދަލުވަމުންދާއިރު، އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަކީ މުޅި މުޖުތަމައުގެ ލާބައަށްޓަކައި ކުރަންޖެހޭ ކަމެކެވެ.

https://wamco.com.mv/

އާބާދީ މުސްކުޅިވަމުން ދިއުމަކީ ހަމައެކަނި ހިސާބު އަކުރުތަކަކުން ފެންނަ ބަދަލެއް ނޫނެވެ. މީގެ ސަބަބުން ވަޒީފާ އަދާކުރާ އުމުރުފުރައިގެ މީހުން މަދުވެ، އެންމެ ތަޖުރިބާކާރު މީހުން މަސައްކަތުގެ މާހައުލުން ވަކިވާންޖެހުމަކީ ގައުމަށް ލިބޭ ބޮޑު އުނިކަމެކެވެ. މީގެ އިތުރުން، ކުއްލިއަކަށް މަސައްކަތުން ވަކިވާންޖެހުމަކީ އިސްރަށްވެހިންނަށް ނަފްސާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. މިހާތަނަށް ރާއްޖޭގައި އޮތް ގޮތަކީ 65 އަހަރުވުމުން ވަޒީފާ ދޫކޮށްލުމެވެ. އެހައި ހިސާބުން ބަލަނީ، އެއީ އުމުރުން ދުވަސްވެފައިވާ މީހެއްގެ ގޮތުގައެވެ.

ރިޓަޔަރމަންޓާއި ނަފްސާނީ އަސަރުތައް

އުމުރުން 65 އަހަރުވުމުން ވަޒީފާއިން ވަކިވާންޖެހުމަކީ ގިނަ ބަޔަކަށް އެމީހުންގެ އަމިއްލަ ނަފްސުގެ އަގު ގެއްލިއްޖެކަމުގެ އިހުސާސް ކުރެވޭ ކަމެކެވެ. "ރިޓަޔަރ ވުމުން މުޅިން ބަލިވެއްޖެ" ކަމަށް ބުނާ ބުނުމަކީ ހަމައެކަނި ޖިސްމާނީ ބައްޔެއްގެ ވާހަކައެއް ނޫނެވެ. އެއީ ކުރިން އުޅުނު ހަރަކާތްތެރި ދިރިއުޅުމާއި، އިޖުތިމާޢީ ގުޅުންތަކާއި، އަދި ބޭނުންތެރި މީހެއްގެ ގޮތުގައި ހުރުމުގެ އިހުސާސް ކުއްލިއަކަށް ނެތިގެންދިއުމުން ކުރިމަތިވާ ނަފްސާނީ މާޔޫސްކަމުގެ ވާހަކައެވެ. މިފަދަ ބަދަލުތަކުގެ ސަބަބުން އެކަނިވެރިކަމާއި، ފިކުރުބޮޑުވުން ފަދަ މައްސަލަތައް އިސްރަށްވެހިންނަށް ކުރިމަތިވެއެވެ. ނަތީޖާއެއްގެ ގޮތުން، ޖިސްމާނީ ބަލިތަކަށް މަގުފަހިވެ، އުމުރުކުރުވާގޮތްވެސްވެއެވެ.

މަސައްކަތުގެ މާހައުލުން އިސްރަށްވެހިންނަށް ލިބޭ ހިތްހަމަޖެހުން

ސަރުކާރުން އަލަށް ތަޢާރަފުކުރި ރީ-އެމްޕްލޯއިމަންޓް ޤާނޫނަކީ އިސްރަށްވެހިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ބިލުގެ މަޤްޞަދަކީ، ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް، ޢުމުރުން 75 (ހަތްދިހަފަހެއް) އަހަރު ފުރުމާ ހަމައަށް މަސައްކަތްކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށް ޓަކައި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުޞަތު ދިނުމުގައި ބަލާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމާއި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގައި ޢަމަލުކުރެވޭނެ އުސޫލުތައް ބަޔާންކުރުމެވެ. ބިލުގައިވާ ގޮތުން ރީ - އެމްޕްލޯއިމަންޓު އުސޫލުގެ ދަށުން ވަޒީފާ ދެވޭނީ، ދައުލަތުގެ ވަޒީފާގައި މަސައްކަތް ކުރަމުންދާ 65 އަހަރާއި، 75 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވަޒީފާގައި ދެމިތިބުމަށް އެދޭ މީހުންނަށެވެ. އަދި ދައުލަތުގެ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މި ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 7 އަހަރު ކުރިން ފެންޝަން ޙައްޤުވާ އުމުރު ހަމަވެ، ވަޒީފާއިން ވަކިވި މީހުންނަށްވެސް ވަޒީފާ ހަމަޖައްސައިދެވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މިމީހުންނަށް އަލުން ވަޒީފާ އަދާކުރުމުގެ ފުރުޞަތު ލިބުމުން، އެމީހުންނަކީ އަދިވެސް މުޖުތަމައަށް ބޭނުންތެރި، ޤާބިލު ބައެއްކަމުގެ އިހުސާސް އާވެގެންދެއެވެ. މަސައްކަތުގެ މާހައުލުގައި ހޭދަކުރާ ވަގުތަކީ ސިކުނޑި ތާޒާކޮށްދީ، ދިރިއުޅުމުގެ މަޤްޞަދެއް އޮތްކަން ހަނދާންކޮށްދޭ ކަމެކެވެ. މީގެ ސަބަބުން ނަފްސާނީ ބަލިތަކުން ދުރުވެ، އުފާވެރި ދިރިއުޅުމެއް އުޅުމަށް މަގުފަހިވެއެވެ.

ތަޖުރިބާ ހިއްސާކުރުމުން ލިބޭ ހިތްހަމަޖެހުން

އިސްރަށްވެހިންގެ ތަޖުރިބާއަކީ ޒުވާން ޖީލަށް ހުރި ނަމޫނާއެކެވެ. ތަޢުލީމީ އަދި ޞިއްޙީ ދާއިރާ ފަދަ މުހިންމު ދާއިރާތަކުގައި އިސްރަށްވެހިން ދެމިތިބުމަކީ އެމީހުންގެ ޢިލްމާއި ހުނަރު އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ލިބޭ ފުރުޞަތެކެވެ. މިގޮތަށް ތަޖުރިބާ ހިއްސާކުރުމަކީ އިސްރަށްވެހިންނަށް ނަފްސާނީ ގޮތުން ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެކެވެ. އެމީހުންގެ ލަފަޔާއި އިރުޝާދުގެ ދަށުން ޒުވާނުން ކުރިއަރަމުންދާ ތަން ފެނުމަކީ، އަމިއްލަ ނަފްސާމެދު ފަޚުރުވެރިވުމަށް ލިބޭ ބާރެކެވެ.

އިސްރަށްވެހިން ވަޒީފާގައި ތިބުމުގެ އެންމެ ބޮޑު އެއް ފައިދާއަކީ އައު ޖީލަށް އެމީހުންގެ ތަޖުރިބާ ހިއްސާކުރުމުގެ ފުރުޞަތު ލިބުމެވެ. ތަޖުރިބާކާރު މުވައްޒަފުންގެ އިރުޝާދުގެ ދަށުން ޒުވާނުން ތަމްރީނުވުމަކީ މަސައްކަތުގެ ފެންވަރު ރަނގަޅުވެ، ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިވުމަށް މަގުފަހިވާނެ ކަމެކެވެ. މިއީ ހަމައެކަނި ވަޒީފާއެއް އަދާކުރުމެއް ނޫނެވެ. މިއީ ޖީލަކުން ޖީލަކަށް އަމަލީ ތަޖުރިބާ ފޯރުކޮށްދިނުމުގެ މުހިންމު ފާލަމެކެވެ.

އިޖުތިމާޢީ ގުޅުންތަކާއި ދުޅަހެޔޮކަން

ވަޒީފާގެ މާހައުލަކީ ހަމައެކަނި މަސައްކަތްކުރާ ތަނެއް ނޫނެވެ. އެއީ އިޖުތިމާޢީ ގުޅުންތައް ބަދަހިވާ މަރުކަޒެކެވެ. އިސްރަށްވެހިން ވަޒީފާގައި ދެމިތިބުމުން، އެކަނިވެރިކަމުގެ ބަދަލުގައި އެކި އުމުރުފުރައިގެ މީހުންނާ މުޢާމަލާތްކުރުމުގެ ފުރުޞަތު ލިބެއެވެ. ނަފްސާނީ އިލްމުވެރިން ބުނާގޮތުގައިމިއީ ސިކުނޑީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށާއި، މުސްކުޅިވުމުން ކުރިމަތިވާ ހަނދާން ނެތުން ފަދަ ކަންކަމުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެކެވެ. މީގެ އިތުރުން ލިބިލިބި ހުރި އާމްދަނީ އާއި، ދިރިއުޅުމުގެ އާދަކާދަ ކުއްލިއަކަށް ބަދަލު ވުމަކީ އެފަދަ ފަރާތްތަކަށް ނަފްސާނީ ގޮތުން ކުރިމަތިވާ ބޮޑު ގޮންޖެހުންތަކެވެ. އަހަށް މިގެނައި ގާނޫނުގެ ސަބަބުން އެފަދަ ފަރާތްތަކަށް މިވަނީ އައު އުންމީދެއްލިބިފައެވެ.

އިސްރަށްވެހިންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަކީ ޤައުމުގެ އިޖުތިމާޢީ، އިޤްތިޞާދީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އާބާދީ މުސްކުޅިވަމުންދާ ދަނޑިވަޅެއްގައި، ތަޖުރިބާކާރުންގެ ޚިދުމަތް ހޯދުމަކީ ޤައުމު ބިނާކުރުމުގައި އެންމެ ބުއްދިވެރި ގޮތެވެ.އިސްރަށްވެހިންނަކީ ޤައުމުގެ ތަޖުރިބާގެ ޚަޒާނާއެވެ. އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި މަސައްކަތުގެ މާހައުލުގައި ދެމިތިބުމުގެ ފުރުޞަތު ދިނުމަކީ އިންސާނީ ކަރާމާތް ދެމެހެއްޓުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ. ރީ-އެމްޕްލޯއިމަންޓް ޤާނޫނުގެ ސަބަބުން، އިސްރަށްވެހިންނަކީ ބާކީވެފައިވާ ބައެއްގެ އިހުސާސް ކުރުމުގެ ބަދަލުގައި، ޤައުމު ބިނާކުރުމުގައި ހަރަކާތްތެރިވާ މުހިންމު ބައިވެރިންގެ ގޮތުގައި ދެމިތިބުމުގެ މަގު ވަނީ ފަހިވެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay