
އިތުރު ހިދުމަތްތަކާއެކު ހައްޖު ކޯޕަރޭޝަނުން އައު ވެބްސައިޓް އިފްތިތާހްކޮށްފޮ

ޝަހްޒާ މުޙައްމަދު - 02 ޖެނުއަރީ 2026 - 17:05
އައު ޚިދުމަތްތަކާއެކު ހައްޖު ކޯޕަރޭޝަންގެ އައު ވެބްސައިޓު ތަޢާރަފްކޮށްފިއެވެ.
ހައްޖު ކޯޕަރޭޝަންގެ އައު ވެބްސައިޓު ރަސްމީކޮށް ތަޢާރަފްކޮށްފައިވަނީ، އެކަމަށްޓަކައި އެ ކޯޕަރޭޝަނުގައި ބޭއްވި ހަފްލާއެއްގައި، އެކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލްއެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނީ އަލަށް ތަޢާރަފްކުރެވުނު ވެބްސައިޓުގެ މަގްސަދަކީ، ޙައްޖު ކޯޕަރޭޝަނުން ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭއިން ޙައްޖު އަދި ޢުމްރާގެ ޚިދުމަތަށް ރަޖިސްޓަރ ކުރުމާއި ޙައްޖު އަދި ޢުމްރާއާގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުންކަމަށެވެ.
އާ ވެބްސައިޓުގައި، ޙައްޖު ކިއުލިސްޓް އާންމުންނަށް ފެންނާނެ ގޮތަށް އާއްމުކޮށްފައިވާނޭކަން ކޯޕަރޭޝަނުން ބުންޏެވެ. އަދި ވެބްސައިޓް މެދުވެރިކޮށް ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް “ފަހެލި"ގެ ޙިދުމަތްތައް ހޯދުމަށް ފަސޭހަވެގެންދާނެކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. މީގެއިތުރުން، މި ވެބްސައިޓުގައި ޙައްޖު އަދި ޢުމްރާ ދަތުރުތަކާއި ޙައްޖު ކޯޕަރޭޝަންގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ ޚަބަރުތަކާއި ފޮޓޯތައް ޝާއިއުކުރެވިގެންދާނެކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
ޙައްޖު ކޯޕަރޭޝަންގެ އައު ވެބްސައިޓް ތައާރަފްކޮށްފައިވަނީ މޮބައިލް ފޯނުން ޚިދުމަތްތައް ހޯދަން ފަސޭހަވާނެ ގޮތަކަށެވެ. އެގޮތުން މި ވެބްސައިޓްގެ ހުރިހާ ޚިދުމަތްތަކެއްވެސް ފަރުމާކޮށްފައިވަނީ މޮބައިލް ފްރެންޑްލީ ވާޝަންތަކެއްގެ ގޮތުގައިކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.
ހައްޖު ކޯޕަރޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބިގަނެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން، މޮބައިލް އެޕްލިކޭޝަނެއް ތައާރަފްކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން މިހާރު އަންނަނީ ކުރަމުންނެވެ.






