
ހެލްތު ސެޓްފިކެޓް ނެތި ކާބޯތަކެތި ކްލިއަރ ކުރަން ހުއްދަ ދިން ދެ މުވައްޒަފެއްގެ މައްޗަށް ދައުވާކޮށްފި

މުޙައްމަދު ފަޟްލޫން - 04 ޑިސެމްބަރު 2025 - 10:52
ހެލްތު ސެޓްފިކެޓާ ނުލައި ކާބޯތަކެތީގެ ޝިޕްމަންޓަށް ކްލިއަރެންސް ދިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ދެ މުވައްޒަފަކަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފިއެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ދައުވާ ކުރަން ފޮނުވާފައިވަނީ ޕޯޓް ކްލިއަރެންސްގައި މަސައްކަތް ކުރާ އެމްއެފްޑީއޭގެ ފީލްޑް އޮފިސަރުންތަކަކަށް ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ މިއަހަރުގެ މާޗު މަހުގެ ތެރޭގައި، ރާއްޖެއަށް ކާބޯތަކެތި އެތެރެކުރުމަށް ބޭނުންވާ ހެލްތު ސެޓްފިކެޓާ ނުލައި، ކަނޑުމަގުންނާއި، ވައިގެ މަގުން ޝިޕްމަންޓްތަކެއް އެތެރެކުރުމަށް ކްލިއަރެންސް ދީފައިވާކަމަށް މިއޮފިސަރުންގެ މައްޗަށް ތުހުމަތުކުރެވޭ ކަމަށެވެ.
މި މައްސަލައިގައި ދައުވާ ކުރުމަށް ކްލިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ދަފްތަރު ރސ 9244، އަޙްމަދު ހާޝިމްއާއި ގދ. ތިނަދޫ، ޢަރަފާތު، އަޙްމަދު ޒާހިިރުގެ މައްޗަށެވެ. މި ދެ މުވައްޒަފުންނަށް ދައުވާކުރަން ފޮނުވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.
އަޙްމަދު ހާޝިމާއި އަޙްމަދު ޒާހިރުގެ މައްޗަށް ކުރަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 512 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ ޢަމަލެއް ހިންގުމުގެ ކުށުގެ 3 ދަޢުވާ ކަމަށް ޕީޖީ އިން ވަނީ ބުނެފައެވެ.
މި ދައުވާތަކުގެ އަދަބަކީ ކޮންމެ ދަޢުވާއަކަށް 4 މަހާއި 24 ދުވަހެވެ. އެހެންކަމުން 3 ދައުވާވެސް ސާބިތުވެއްޖެނަމަ ކޮންމެ މީހަކަށް އެއް އަހަރާއި ދެމަހާއި 12 ދުވަހުގެ ހުކުމެއް އަންނާނެއެވެ.
ދައުވާލިބޭ މީހުންގެ ފަރާތުން ޕީޖީ އޮފީހާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް އެދި ވަނީ ހުށަހަޅާފައެވެ.
ނަމަވެސް މި ކުށަކީ ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަމާ ސީދާ ގުޅުންހުރި ކުށަކަށްވެފައި، ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ ޤާނޫނުތަކާ އުޞޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާތީ، ޢާންމު މަސްލަޙަތު ވަޒަން ކުރުމަށްފަހު ނަސޭހަތުގެ އެއްބަސްވުމެއް ނުހެދުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުންވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ކޮރަޕްޝަނާއި ފަސާދައިގެ ނުރައްކަލާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރާނެ: ރައީސް
5 ގަޑިއިރު ކުރިން

790 މިލިއަން ޑޮލަރުގެ ޓައުންޝިޕް ޕްރޮޖެކްޓަށް ސަރުކާރުން ހުއްދަ ދީފި
6 ގަޑިއިރު ކުރިން

ހައި ކޯޓުގެ ފަނޑިޔާރުކަމުން ނިޔާޒު ރިޓަޔާކުރައްވައިފި
7 ގަޑިއިރު ކުރިން

ފާމަސޫޓިކަލް ކުންފުނީގެ ޗެއަރޕަރސަންގެ މަޤާމަށް ރައްޒާގު
8 ގަޑިއިރު ކުރިން


