
ރަސްމާލެއަށް ބިލިއަނުން، އެކަމަކު އިންޓަނެޓް ކޭބަލަށް 20 މިލިއަން ޑޮލަރު ހަމައެއްނުޖެހުނު: ފައްޔާޒް

އާމިނަތު ޝަޒްލާ - 06 އޮކްޓޯބަރު 2026 - 10:50
ރަސްމާލެ މަޝްރޫއަށް ބިލިއަން ޑޮލަރު ހޭދަކުރަމުންދާއިރު، ރާއްޖޭގެ ޑިޖިޓަލް މުސްތަގުބަލާއި އިގުތިސޯދަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ އިންޓަނެޓް ސަބްމެރިން ކޭބަލް މަޝްރޫއު ނިންމުމަށް ބޭނުންވާ 20 މިލިއަން ޑޮލަރު ހަމަޖައްސައިނުދެވި މި ސަރުކާރުން އެ މަޝްރޫއު ހުއްޓުވާލާފައިވާ ކަމަށް ވިދާޅުވެ، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވީ އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފައްޔާޒް ވިދާޅުވީ، ވޭތުވެދިޔަ އެމްޑީޕީގެ ސަރުކާރުން ފެށި އިންޓަނެޓް އިންފްރާސްޓްރަކްޗާ މިނިވަންކުރުމާއި ރާއްޖޭގެ ޑިޖިޓަލް ސިޔާދަތު ރައްކާތެރިކުރުމުގެ މައި މަޝްރޫއުގެ ދަށުން، އޯޝަން ކަނެކްޓް މޯލްޑިވްސް އިންޑިއާ އޭޝިއާ އެކްސްޕްރެސް (އޯސީއެމް-އައިއޭއެކްސް) ސަބްމެރިން ކޭބަލް ހުޅުމާލެއަށް އެއްގަންކުރިތާ މިހާރު ތިން އަހަރު ދުވަސް ވެފައިވާ ކަމަށެވެ. ނަމަވެސް، އެ ކޭބަލް އޮޕަރޭޝަނަލް ކުރުމަށް ނުވަތަ ބޭނުންކުރަން ފެށުމަށް ބޭނުންވާ ފައިސާ މި ސަރުކާރުން ހަމަޖައްސައިނުދީ މިހާރު އެ މަޝްރޫއު އެއްކޮށް ހުއްޓުވާލާފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
މި ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއަށް އިޝާރާތް ކުރައްވަމުން ފައްޔާޒް ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަޝްރޫއަށް ބިލިއަން ޑޮލަރު ހޭދަކުރަމުންދާއިރު، ކުރު މުއްދަތެއްގެ ތެރޭގައި ދިވެހި އިގުތިސޯދަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ މިފަދަ މުހިންމު ކޭބަލް މަޝްރޫއަކަށް ދޭނެ 20 މިލިއަން ޑޮލަރު މި ސަރުކާރުގައި ނެތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި، މިހާރު ރާއްޖެއަށް އިންޓަނެޓް ލިބެމުންދަނީ ތިންވަނަ ފަރާތްތަކެއް (ތާޑް ޕާޓީ) މެދުވެރިކޮށް ކަމަށްވާތީ، މުޅި ރާއްޖޭގެ ހުރިހާ އިންޓަނެޓް ޓްރެފިކެއް އެގޮތަށް ފޮނުވުމަކީ ދައުލަތަށާއި ރައްޔިތުންނަށް އިންތިހާއަށް އަގުބޮޑު ކަމެކެވެ. ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ރާއްޖޭގައި އިންޓަނެޓުގެ އަގު އިތުރަށް ހެޔޮކުރުމަށް އޮތް ފުރުސަތު ބަންދުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އައިއޭއެކްސް ކޭބަލް ނިޒާމަކީ ދެކުނު އޭޝިއާ ސަރަހައްދުގެ މުހިންމު ޑޭޓާ އަދި ޑިޖިޓަލް ކަނެކްޓިވިޓީ ހަބަކަށް ރާއްޖެ ވުމަށް ލިބުނު ރަން ފުރުސަތެއް ކަމަށާއި، މި ސަރުކާރުގެ އިހުމާލުން އެ ފުރުސަތު ދިވެހިރާއްޖެއަށް މިހާރު ގެއްލިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޑިޖިޓަލް ދުނިޔެއެއްގައި އެހެން ގައުމުތަކާ ވާދަކުރުމަށާއި ގައުމީ ސަލާމަތަށްޓަކައި، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ އަމިއްލަ ސަބްމެރިން ކޭބަލެއް އޮތުމަކީ ކޮންމެހެން މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން ފައްޔާޒް ވަނީ ސަރުކާރަށް ވަރުގަދަ ބަހުގެ ހަމަލާއެއް ރައްދުކުރައްވާފައެވެ.
"މިވަރުގެ އަސާސީ ކަމެއް ވެސް ނުވިސްނޭ ބަޔަކު މިނިވަންކަމާއި ސިޔާދަތުގެ ވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތް،" ފައްޔާޒް ވިދާޅުވިއެވެ.
ނިމިދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ދަށުން އުފެއްދި 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުނި، އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް) މެދުވެރިކޮށް އިންޑިއާ އޭޝިއާ އެކްސްޕްރެސް (އައިއޭއެކްސް) ސަބްމެރިން ކޭބަލް ސިސްޓަމާ ގުޅާލުމުގެ އަމަލީ މަސައްކަތް ފެށީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާގެ ވާދަވެރިކަން އިތުރުކޮށް، ސީދާ ސިންގަޕޫރާއި ޔޫރަޕާ ރާއްޖެ ގުޅުވާލުމަށެވެ.
ރިލަޔަންސް ޖިއޯ އާއި ގުޅިގެން ކުރިއަށްގެންދިޔަ މި މަޝްރޫއަކީ އޭރުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި، ރާއްޖޭގެ އިންޓަނެޓް ސްޕީޑް އެތައް ގުނައަކަށް އިތުރުކޮށް، އިންޓަނެޓްގެ އަގު ބޮޑުތަނުން ހެޔޮކޮށްދީ، ބައިނަލްއަގުވާމީ ޓެކް ކުންފުނިތަކުގެ ޑޭޓާ ސެންޓަރުތައް ރާއްޖޭގައި ގާއިމުކުރުމުގެ މަގު ފަހިކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. ނަމަވެސް ވެރިކަން ބަދަލުވުމަށްފަހު، މި މަޝްރޫއުގެ މަސައްކަތްތައް މަޑުޖެހިފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ގްރީން ޓެކްސްގެ ގޮތުގައި މިހާތަނަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ
2 ގަޑިއިރު ކުރިން

ޕާސްޕޯޓް ދޫކުރުން އާއްމު ހާލަތަށް އަންނަ ހަފްތާގައި ގެނެވޭނެ: އިމިގްރޭޝަން
2 ގަޑިއިރު ކުރިން
.webp&w=3840&q=75)
އަމާން އުދަރެސްގެ ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
3 ގަޑިއިރު ކުރިން

ކުށްކޮށްގެން ހޯދާފައިވާ ފައިސާ ދައުލަތަށް ނުނެގިގެން އުޅެނީ ގާނޫނެއް ނެތިގެން ނޫން: މީކާއިލް
4 ގަޑިއިރު ކުރިން


