logo

ޕާސްޕޯޓް ދޫކުރުން އާއްމު ހާލަތަށް އަންނަ ހަފްތާގައި ގެނެވޭނެ: އިމިގްރޭޝަން

profile

މުޙައްމަދު ފަޟްލޫން - 06 އޮކްޓޯބަރު 2026 - 10:19

ޕާސްޕޯޓު ބުކްލެޓުގެ އައު ސްޓޮކް ލިބުމާއެކު، އަންނަ ހަފުތާގެ ތެރޭގައި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް އާއްމު އުސޫލަށް ބަދަލުވާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

https://wamco.com.mv/

ޕާސްޕޯޓު ޕްރިންޓުކުރާ ޖަރުމަނުގެ ކުންފުނީގެ މެޝިނަރީތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ބުކްލެޓް ސްޓޮކް ލިބުމުގައި ލަސްތަކެއް ކުރިމަތިވުމުން، މިދިޔަ އޮގަސްޓު 28 އިން ފެށިގެން ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ވަގުތީ ބަދަލުތަކެއް ގެނެސްފައެވެ.

މި ބަދަލުތަކުގެ ތެރޭގައި، ރާއްޖޭގައި ތިބެގެން ޕާސްޕޯޓު އައުކުރަން އެދޭ ފަރާތްތަކަށް، އައު ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި ކުރީގެ ޕާސްޕޯޓުގެ މުއްދަތު 30 ޖޫން 2027 ގެ ނިޔަލަށް އިތުރުކޮށްދިނުން ހިމެނެއެވެ. މި ހިދުމަތް ދެމުންދަނީ އެއްވެސް ފީއަކާ ނުލައެވެ.

މީގެއިތުރުން، އަލަށް ޕާސްޕޯޓު ހައްދާ ފަރާތްތަކުގެ ތެރެއިން އިންޑިއާ އަދި ސްރީލަންކާ ފަދަ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރަންޖެހޭ ފަރާތްތަކަށް، އެއް އަހަރު ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ 8 ސަފްހާގެ އިމަޖެންސީ ޕާސްޕޯޓެއް ހިލޭ ދޫކުރުމަށްވެސް ނިންމާފައިވެއެވެ.

މި ޕާސްޕޯޓަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކަށް ފެތޭ، މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ.

ސްޓޮކް ލިބުމަށް ގާތްގަނޑަކަށް އެއް މަސްދުވަސް ހޭދަވާނެ ކަމަށް އޮގަސްޓު މަހު އިމިގްރޭޝަނުން ލަފާކުރި ނަމަވެސް، މިދިޔަ އާދީއްތަ ދުވަހަށް އެ މުއްދަތު ހަމަވި އިރުވެސް ސްޓޮކް ލިބިފައިނުވާތީ، މިހާތަނަށްވެސް އެ އިދާރާއިން ޕާސްޕޯޓު ދޫކުރަމުން އައީ ހަމައެކަނި ކޮންމެހެން ފުރަންޖެހޭ ކުއްލި ހާލަތްތަކުގައެވެ.

އަންނަ ހަފުތާގެ ތެރޭގައި ޕާސްޕޯޓު ސްޓޮކް ލިބުމާއެކު، ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ކުރިއެކޭ އެއްފަދައިން ފުރިހަމައަށް ލިބެމުންދާނެ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ

https://wamco.com.mv/
tel:+9607331319