.jpg&w=3840&q=75)
ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި

އާމިނަތު ޝަޒްލާ - 12 ސެޕްޓެމްބަރު 2026 - 10:58
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުން ދާތީ، އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭ އިން ވަނީ މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށާއި، ބަލިން ރައްކާތެރިވުމަށްޓަކައި އާންމު ސާފުތާހިރުކަމުގެ މުހިންމު ފިޔަވަޅުތަކެއް އެޅުމަށް އެދިފަ އެވެ. އެގޮތުން، ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިއްޖެނަމަ ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ގިނަގިނައިން ލޮނުޕެކެޓާއި، ފެނާއި އަދި ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރުމަށް އެ އެޖެންސީން އިރުޝާދު ދެއެވެ.
މީގެއިތުރުން، ބޭރަށް ހިންގުމާއެކު ނުރައްކާތެރި އެހެން އަލާމާތްތަކެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން ޑޮކްޓަރަށް ދައްކަންޖެހޭ އަލާމާތްތަކުގެ ތެރޭގައި؛ ގިނަގިނައިން ހޮޑުލެވުން، މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުންކުރެވޭ މިންވަރު މަދުވުން، ބޮލަށް އެނބުރުން އެރުން، އާދަޔާ ހިލާފަށް ކަރުހިއްކުމާއި ބަނޑުގައި ރިއްސުން، ކުޑަކަމުދެވޭ މިންވަރު މަދުވުން އަދި ލެވޭ ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުން ހިމެނެ އެވެ.
ބަލިން ރައްކާތެރިވުމުގެ ގޮތުން ފާހާނާ ކުރުމަށްފަހުގަޔާއި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށާއި، ފާހާނާ ބޭނުންކުރުމަށްފަހު ރަނގަޅަށް ސެނިޓައިޒް ކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ. އަދި ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށްޓަކައި، ބަލީގެ އަލާމާތްތައް ފެންނަ ކުދިން ބަލި ރަނގަޅުވެ އަލާމާތްތައް ނުފެންނަތާ އެއް ދުވަސް ވަންދެން ސްކޫލަށް ނުފޮނުވުމަށާއި، ބޮޑެތި މީހުން ވެސް ވަޒީފާއަށް ނުނިކުތުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ވިއްސާރައިގައި ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުންތަކެއް!
ގަޑިއިރެއް ކުރިން

ސިނަމާލެ ބުރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންގައި މީހަކަށް އަނިޔާވެ ފަރުވާދެނީ
ގަޑިއިރެއް ކުރިން

ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ މިސްރާބު: ގޮންޖެހުންތަކާއި އިސްލާހީ ފިޔަވަޅުތައް!
ދުވަހެއް ކުރިން

ރާއްޖެއާއި ބެލަރޫސްއާ ދެމެދު ވިސާ ފްރީ އެއްބަސްވުމަކަށް ރުހުން ދީފި
ދުވަހެއް ކުރިން


