ރައްޔިތުންގެ ބާރަށްވުރެ ރައްޔިތުންގެ މަޖިލީހުގެ ބާރު ގަދަ ނުވާނެ ކަމަށާއި، ރާއްޖޭގައި މި ހިނގާ ރިޔާސީ ނިޒާމުގައި އެންމެ ބާރުގަދަ ބަޔަކަށްވާނީ ދިވެހި ރައްޔިތުން ކަމަށް ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
މުޢާޒް މިހެން ވިދާޅުވީ ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ލިބިގެންވާ ބާރު ނާޖައިޒްކޮށް ބޭނުން ކުރުމުގެ ނަތީޖާއަކީ އެމްޑީޕީގެ ވެރިކަން ވެއްޓުން. ނޫނީ ރައްޔިތުން އެމްޑީޕީގެ ވެރިކަމަށް ނޫނެކޭ ބުނުން. ދެންވެސް އެކަމުން ފިލާވަޅު އެބަ ލިބިގަންނަންޖެހޭ - މުޢާޒް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭ ގޮތަށް މަޖިލިހުގެ ގަވައިދު ވަނީ އިސްލާޙުކޮށްފައެވެ.
ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް މަޖިލީހުގެ ގަވައިދުގެ ބައެއް މާއްދާ އިސްލާހު ކުރަން ކޮމިޓީން ހުށަހެޅުމުން އިއްޔެގެ ޖަލްސާގައި 44 މެންބަރުންގެ ވޯޓާއެކު ވަނީ ފާސްކޮށްފައެވެ. އެ އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ 10 މެމްބަރުންނެވެ. އަދި އެއް މެންބަރަކު ވޯޓު ނުދެއްވައެވެ.
ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުން ކުރިޔަށް ގެންދާނެ ގޮތް ބަޔާންކޮށްފައި ވަނީ މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުން އެކުލަވައިލި ގަވާއިދުގެ 41 ވަނަ ބާބުގައެވެ. އެ ބާބުގެ މާއްދާތަކަށް ބަދަލު ގެންނަން އާންމު ކޮމިޓީއަށް ހުށަހެޅުއްވީ ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.
މަޖިލީހުގެ ގަވައިދުތަކަށް ގެނައި އިސްލާހުތަކަކީ:
- ގަރާރު ލިބޭތާ ދެ ދުވަސްތެރޭގައި ނޯޓިސް ފޮނުވުން
- ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބޭއްވުން
- އެފަދަ މައްސަލައެއްގެ ބަހުސްގެ ވަގުތަކީ ތިން ގަޑިއިރު. ރައީސް ނުވަތަ ނައިބު ރައީސް އަށް ދިފާއުގައި ވާހަކަ ދައްކަވަން ލިބިވަޑައިގަންނަވާނީ 30 މިނެޓު.
- ތުހުމަތު ދިފާއުކުރެއްވުމަށްޓަކައި ގިނަވެގެން ތިން ވަކީލުން ގެންދެވޭނެ
- ގަރާރާއި މެދު މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރުމަށް ފަހު ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފި ނަމަ މައްސަލަ ފޮނުވަން ޖެހޭނީ ކޮމިޓީއަށް
- އެ ކޮމިޓީގެ މެންބަރުންގެ އަދަދަކީ ހަތެއް
އާންމު ކޮމެޓީން ނިންމާފައި ވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ވަގުތަކު މެންބަރުންގެ ގޮތުގައި ދެމި ތިބި މެންބަރުންގެ އަދަދު އެއީ ޖުމްލަ އަދަދު ކަމަށް ބެލުމަށެވެ.
އެމްޑީޕީގެ އެއޮއް ވަރުގަދަ ވެރިކަން، ހަމަ މި ހުރިހާ މެމްބަރުން ތިއްބައެއްނޫތޯ ބަދަލުވެގެން މި ދިޔައީ. ހުރިހާ ބާރެއް މުށުތެރޭގައި އޮއްވައެއްނޫންތޯ ރައްޔިތުން ނޫނެކޭ ވިދާޅުވީ. އެހެންވީމަ ރައްޔިތުންގެ ބާރަށްވުރެ ބާރުގަދައެއް ނުވާނެ ރައްޔިތުންގެ މަޖިލީހެއްވެސް. ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރޭގައި އެންމެ ބޮޑު ބާރެއް އޮންނާނީ ދިވެހި ރައްޔިތުންނަށް - މުޢާޒް ވިދާޅުވިއެވެ.