ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންގެ ޕޭރޯލް ކުޑަ ނުކޮށް ކުންފުނި ސަލާމަތް ނުކުރެވޭނެ ކަމަށާއި އެހެންވެ މުވައްޒަފުން މަދުކުރަން މަޖުބޫރުވީ ކަމަށް ފެނަކައިން ވިދާޅުވެއްޖެއެވެ.
އެ ކުންފުނިން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، އެ ކުންފުނީގެ ބޮލުގައި ބޮޑު ދަރަންޏެއް އެެޅިފައިވާ ކަމަށާއި، އެ ދަރަންޏާއި އެކީގައި ކުރިއަށްދާން ޖެހޭ ކަަމަށެވެ. އަދި ކުންފުނީގެ ދަރަނިތަކާއި ހެދި ވަރަށް ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފެނަކައަކީ ރާއްޖޭގެ ގިނަބަޔަަކަށް ހިދުމަތްދެމުންގެންދާ ކުންފުނިކަން ފާހަގަކުރައްވަމުން މުއާޒް ވިދާޅުވީ، ދަރަނީގެ މައްސަލައަކީ ވަރަށް ހައްސާސް މައްސަލައެއް ކަމަށާއި، ކުންފުނީގެ ހާލަތު މިހާރު އޮތީ އޮޕަރޭޝަނަލް ކަންކަމަށްވެސް ބުރޫ އަރާ ފާދަ ހަލާތެއްގައި ކަަމަށެވެ.
"ކުންފުނީގެ ލޯނުގެ ގޮތުގައި 871 މިލިއަން ރުފިޔާ އެބައޮތް. އެކި އެކި ފަރާތްތަކަށް ދޭންޖެހޭ ފައިސާ 3.2 ބިލިއަން ރުފިޔާ. ޖުމްލަ 4.16 ބިލިއަން ރުފިޔާގެ ދަރަނި މިވަގުތު އެބައޮތް ކުންފުނީގައި،". އެ ކުންފުނީގެ ދަރަނީގެ ހާލަތު ހިއްސާ ކުރައްވަމުން މުއާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ކުންފުނީގައި ވަރަށް ބައިވަރު މުވައްޒަފުން އެބަ ތިއްބެެވެ. 2018 ވަނަ އަހަރު އެ ކުންފުނީގައި 2،700 މުވައްޒަފުން ތިބިއިރު، މި އަހަރު މި ސަރުކާރުން ކުންފުންޏާއި ހަވާލުވިއިރު، 8100 މުވައްޒަފުން ކުންފުނީގައި އެބަތިއްބެެވެ.
"މިއީ އޭގެ ކުރީގައި 20 މިލިއަން ރުފިޔާ އެވްރޭޖް ގޮތެއްގައި ވޭޖަށް ހަރަދު ކުރަމުންދިޔަ ކުންފުންޏެއް، މިހާރު އަޅުގަނޑުމެން ހޭދަކުރަން 74 މިލިއަން ރުފިޔާ، އެވްރޭޖްކޮށް، އެހެންވީމަ ވަރަށް ބޮޑު އަދަދެއް މި އޮތީ އިތުރުވެފައި،". އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެންމެ ފަހުން މުސާރަދިންއިރުވެސް 79 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާނެ ކަަމަށެވެ.
މިގޮތުން އޭނާ ފާހަގަކުރެއްްވީ މީގެ ކުރިން މީޑިއާތަކުގައި ދެކެވެމުންދިޔަ، ބައެއް ކޮންޓްރެކްޓް މުވައްޒަފުންގެ ކޮންޓެރެކްޓްތައް އާ ނުކޮށް ދޫކޮށްލި ވާހަކައެވެ. އެކަން ކޮށްފައި ވަނީ މަޖުބޫރުވެގެންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މުއާޒްގެ ވާހަކަތަކަށް ބާރު ދެއްވައި ޗީފް ހިއުމަން ރިސޯސަސް އޮފިސަރު ހުސެއިން ހަސަން ފުޅު ވިދާޅުވީ ކުންފުނީގެ އޮނިގަނޑުން ބޭރުން ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވާ ކަމަށެވެ. ތިރީސް މުވައްޒަފުން ތިބެންޖެހޭ ޑިޕާޓްމަންޓެއްގައި، އެއަށްވުރެ އިތުރަށް މުވައްޒަފުން ތިބޭއިރު، ރަށްތަކުގެ ބްރާންޗްތަކުގައި މުވައްޒަފުން ނެގުމުގެ ކަންކަން ހިނގަމުން ދަނީ ބަލައިނުގަނެވޭ ފަދަ އުސޫލަކުން ކަމަށް ވިދާޅުވި އެވެ.
"ފީވަކުގައި އޮފީސް އިމާރާތެއްގެ މަސައްކަތް ނިންމުމަށް 63 މުވައްޒަފުން ރެކްރޫޓް ކޮށްފައި އެބަ ތިބި، ލ. އިސްދޫ އިންޖީނު ގޭގެ މަސައްކަތަށް 137 މުވައްޒަފުން ރެކްރޫޓް ކޮށްފައި އެބަވޭ، މިއީ ކުންފުންޏަކާ ހަވާލު ކުރި ނަމަވެސް 12 ވަރަކަށް މީހުންނާއެކު ނިންމާލާނެ މަސައްކަތްތައް،" ޗީފް ހިޔުމަން ރިސޯސަސް ވިދާޅުވި އެވެ.