logo

ހުއްޓިފައިހުރި މަސައްކަތްތަކަށް ތިބީ މުވައްޒަފުން ނަގާފައި: ފެނަކަ

profile

އާމިނަތު ޝަފާ - 18 ސެޕްޓެމްބަރު 2024 - 19:08

ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު

ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު

ފެނަކައިގެ މުވައްޒަފުންތަކެއް ވަކިކޮށްފައިވާކަމަށް ބުނެ ފަތުރަމުން އަންނަ ހަބަރުތައް ދޮގުކޮށް ހުއްޓިފައިހުރި މަޝްރޫއުތަކަށްވެސް މުވައްޒަފުން ނަގާފައިވާކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކައިން ނެރުނު އިންޓާނަލް މެމޯއެއްގައި ކުންފުނި ހިންގަމުން އައި އިންހައުސް އިންޖީނުގެ އަދި އޮފީސް އިމާރާތް ކުރުމުގެ ޕްރޮޖެކްޓްތަކަކީ ހަރަދު ބޮޑުކޮށް ގެއްލުމުގައި ހިންގާ މަޝްރޫއުތަކެއް ކަމަށާއި މާދަމާއިން ފެށިގެން އެ މުވައްޒަފުން ދޫކޮށްލާނެކަމަށް ބުނުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ މި ކުންފުނީގެ މުވައްޒަފުން ގަވާއިދާ ހިލާފަށް ވަޒީފާއިން ވަކިކުރާކަމަށް ބުނެފައެވެ.

އަސްލުޓީވީއަށް މައުލޫމާތުދެމުން ފެނަކައިންބުނީ މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން މަސައްކަތްތައް ހުރީ ހުއްޓިފައިކަމަށާއި އެއީ ފެނަކައިގެ މާލީ ހާލަތު އޮތް ގޮތުން ބޮޑު ބުރައެއްކަމަށެވެ. ފެނަކައިން ބުނީ މަސައްކަތް ނުކޮށް މުސާރަ ހިނގާގޮތަށް ނުބޭތިއްބޭނެކަމަށެވެ.

އޭގެ އިތުރުން އެ މުވައްޒަފުން ދޫކޮށްލީ ހަރަދު ކުޑަ މޮޑެލް އަކަށް މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާތީ ކަމަށްވެސް ފެނަކައިން މައުލޫމާތުދެއެވެ.

ފެނަކައިން ބުނީ އެކުންފުނީގެ ވަކި މަސައްކަތްތަކަކަށް ހާއްސަކޮށްގެން "ކޮންޓްރެކްޓް ސްޓާފުން"ގެ ގޮތުގައި ނިމިދިޔަ މެނޭޖްމަންޓުން 2،000 މުވައްޒަފުން ނަގާފައިވާ ކަމަށެވެ.

އޭގެ ތެރެއިން 1،800 މީހުން ނަގާފައި ހުރީ ކުދިކުދި މަސައްކަތްތަކަށް ކަމަށް އެކުންފުނިން ބުންޏެވެ. އެގޮތުން މީގެ ތެރެއިން އިންޖީނުގެ އާއި އޮފީސް އިމާރާތްތައް ހަދަން 731 މުވައްޒަފުން ނަގާފައި ވާކަމަށް ފެނަކައިން ބުނެއެވެ.

ސަރުކާރުން ވެރިކަމާ ހަވާލުވީއިރު 99 އިންސައްތަ މަޝްރޫއުތައް ހުއްޓިފައި އޮތް ނަމަވެސް، އެ މުވައްޒަފުންނަށް މަހުން މަހަށް ފައިސާ ދެމުން ދިޔަ ކަމަށް ފެނަކައިން ބުނެއެވެ.

tel:+9607331319