ކޭބަލްތައް ގަތީ އަބަދުވެސް ކުންފުންނަށް ތަކެތި ހޯދާ ކުންފުންޏަކުން ކަމަށާއި ކުންފުންޏަށް ގެއްލުންވާގޮތަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ބުނެ މި ތުހުމަތުތައް ފެނަކަ ކޯޕޮރޭޝަނުން ދޮގުކޮށްފިއެވެ.
ފެނަކައިން މިހެން ބުނެފައިވަނީ އެ ކުންފުންޏަށް ގެއްލުންވާގޮތަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަލްފާ އެނާޖީ ސޮލިއުޝަންސް އެފްޒެޑް އެލްއެލްސީއާ ގުޅިގެން 66 މިލިއަން ރުފިޔާއަށް ކޭބަލްތަކެއް ގަތްކަމުގެ ތުހުމަތު ކުންފުންޏަށް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ފެނަކައިން އަސްލު ޓީވީއަށް ބުނީ ކުންފުންޏަށް ކޭބަލްތައް ގަތީ އަބަދުވެސް ކޭބަލް ގަންނަ ކުންފުންޏަކުން ކަމަށާއި އެތަކެތި ގަތުމުގެ މަސައްކަތް ޕްރޮކިއުމަންޓް އުސޫލުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ލިބޭ ފަރާތަކަށް ދޫކޮށްލާ ކަމަށެވެ.
ފެނަކައިން ބުނީ ރަށްރަށަށް ބޭނުންވާ މިންވަރަށް ކޭބަލްތައް ނެތުމުން ރަށްރަށުގެ ވޮލްޓޭޖު ޑްރޮޕްވާ މައްސަލައިގައި ނެޓްވޯކް އަޕްގްރޭޑްކުރަން ކޭބަލް ބޭނުންވާ ކަމަށެވެ.
އަދި މަސައްކަތް ހަވާލުކޮށްފައިވާނީ އެންމެ އަގު ހެޔޮކޮށް ހުށަހަޅާފައިވާ ފަރާތަކަށް ކަމަށާއި މިކަމުގެ ތެރެއިން ކުންފުންޏަށް ގެއްލުންވާގޮތަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމަށް ފެނަކައިން މައުލޫމާތު ދިނެވެ.
ކުރީ ސަރުކާރުން ދަރުވާލާފައިވާ ފެނަކަ ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތް އެ ކޯޕޮރޭޝަނުން ކުރަމުން އަންނައިރު ހަރަދު ކުޑަކުރުމުގެ ގޮތުން ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި ނަގާފައިވާ މުވައްޒަފުންގެ ކޮންޓްރެކްޓް ފެނަކައިން އައު ކޮށްފައި ނުވާތީވެސް ފެނަކައަށް އަންނަނީ ފާޑުކިޔަމުންނެވެ.
ނަމަވެސް ފެނަކަ ނޫނަސް ގިނަ ފަރާތްތަކުންދެކެނީ ކޮންޓްރެކްޓް މުވައްޒަފުން ވަކިކުރުމަކީ ވަޒީފާއިން މުވައްޒަފުން ކެނޑުންކަމަށް ގަބޫލުނުކުރާ ކަމަށެވެ.