ރައީސް ޔާމީނަށް މިއަދު ލިބެމުންދާ ކޮންމެ ލުޔެއްގެ ޝުކުރު ޙައްޤުވާ ފަރާތަކީ އަދުގެ އިންތިހާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ކަމަށް މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާޙިމްގެ ވަރަށް އަރިސް ބޭފުޅެއްކަމަށް ބެލެވޭ ބޭފުޅަކު ކުރެއްވި އެކްސް އަކަށް (ޓްވީޓް) ރައްދު ދެއްވަމުން މުޢާޒު ވިދާޅުވީ، ރައީސް ސޯލިހު ކުރެއްވި ކަމަކީ ރައީސް ޔާމީނަށް އަނިޔާ ދިނުން ކަމަށާއި، އެ ހަޤީޤަތް އޮޅުވާނުލެވޭނެ ކަމަށެވެ.
މުޢާޒް ކުރެއްވި އެކްސް ޕޯސްޓް
"ހާތް ހާޓީ"މި ނަމުގައިވާ އެކައުންޓަކުން ކުރި އެކްސް ޕޯޓުގައި ވަނީ، ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހަށް ޝުކުރު އަދާކޮށްފައެވެ. މިއީ ރައީސް ޔާމީން ރަށު ބަންދަށް ބަދަލުކުރުމާ ގުޅިގެން ހާލިދާ ކުރެއްވި ޕޯސްޓެކެވެ.
ރައީސް ޔާމީން ރަށު ބަންދަށް (މާލޭ ސަރަހައްދު) ބަދަލުކޮށްފައިވާއިރު، މި ލުޔާއެކު އާއްމު ރައްޔިތުންނާ ބައްދަލުކޮށް ޖަލްސާ ތަކުގައިވެސް ބައިވެރި ވެވޭނެއެވެ
މި ލުއި އެމަނިކުފާނަށް ދެއްވާފައިވަނީ މީގެ 15 ވަރަކަށް ދުވަސްކުރިން ރައީސް ޔާމީން އަމިއްލަފުޅަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ވާހަކަފުޅުދައްކަވާ ކުރެއްވި އިލްތިމާސްތަކަށް ފަހުގައިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މި ލުޔަކާއި އެކު ރައީސް ޔާމިނަށް މާލެ ސަރަހައްދުގައި ހިމެނޭ މާލެ ވިލިމާލެ އަދި ހުޅުމާލެއަށް އެމަނިކުފާނަށް ވަޑައިގެންނެވޭނެ އެވެ. އަދި އާންމު ރައްޔިތުންނާއި ބައްދަލުކުރުމުގެ އިތުރުން ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ވަނީ މައުތަބަރުކޮށް މައުލޫމާތު ލިބިފައެވެ.
މިހާރުވެސް އެކަނިކުފާނު ގެންދަވަނީ ބައެއް ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ރައީސް ޔާމީން ރަށު ބަންދަށް ދޫކުރެވުނު ނަމަވެސް އަމަލުފުޅުތައް ވަރަށް ކައިރިން މޮނީޓާރ ކުރަމުން ގެންދާނެ ކަމަށާއި ކަރެކްޝަނާއެކީ ވެފައިވާ އިޤުރާރާ ޚިލާފު ވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.