ވިލިމާލޭ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހެދުމަށް ސަރުކާރުން ނިންމުމާ ގުޅިގެން ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ވިލިމާލޭގެ މަގުތަކުގެ ސާވޭ ކުރުމާއި އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގެ މަސައްކަތް ކުރުމަށް 1.79 މިލިޔަން ރުފިޔާ އަށް އިމާރާތް ކުރުމާ ބިނާރާ ބެހޭމިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ވަނީ ހަވާލުކޮށްފައެވެ. މިމަސައްކަތް އާރުޑީސީއާ ހަވާލުކުރެވުނީ މިމަހު 4 ވަނަ ދުވަހުގައެވެ.
މިކަމާ ގުޅިގެން ވިލިމާލޭގައި ދިރިއުޅޭ އާންމުންގެ ޖަމިއްޔާއެއް ކަމަށްވާ ވިލިޖޯލި އާއި ސޭވް ދަ ބީޗް ޖަމިއްޔާ އިން ގުޅިގެން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ވިލިމާލޭގެ މަގުތަކަކީ މިހާރުވެސް ރަނގަޅު ފެންވަރެއްގައި ހަދާފައިވާ މަގުތަކެއް ކަމަށާއި އެމަގުތައް ހެދުމުގެ ބަދަލުގައި މަރާމާތު ކުރުމުގެ މަސައްކަތް ކުރުން މާ ރަނގަޅުވާނެ ކަމަށެވެ.
މަގުތައް މަރާމާތު ނުކޮށް ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވަމުން އެ ބަޔާނުގައި ބުނެފައިވަނީ ޕޭވްމަންޓް މަރާމާތުކުރުމާއި މަގުތައް އެއްވަރުކުރުމާއި ހަލާކުވެފައިވާ ކާނުތަކާއި މަގުގެ ބައިތައް މަރާމާތުކުރުން ކަހަލަ ކަންކަން ކުރަން ޖެހިފައިވާ ކަމަށެވެ. ނަމަވެސް، ޕޭވްމަންޓަށް ގަސްގަހުގެ މޫގަނޑު އަރައިގެން އުފުލިފައި ހުންނަ ތަންތަން ރަނގަޅުކުރުމަށްޓަކައި ގަސްތައް ކެނޑުމުގެ ބަދަލުގައި ތަރައްގީވެފައިވާ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާ ތަފާތު ގޮތްގޮތް ބޭނުންކޮށްގެން ގަސްތައް ހިމާޔަތްކުރުމަށް އެދޭ ކަމަށް އެ ބަޔާނުގައިވެއެވެ.
އަދި ދާދި ފަހުން ކުރި ވިއްސާރައިގައި މާލެ އަދި ހުޅުމާލޭގައި ފެންބޮޑުވެފައިވާއިރު ވިލިމާލޭގައި އެފަދަ ކަމެއް ނުހިނގާކަން އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. މިފަދަ މޫސުމީ ކަންކަމާއި ކާރިސާތައް ދިމާވާ ދަނޑިވަޅުތަކުގައި ރަށުގެ ގުދުރަތީ ވިލުންތެރިކަމުން ފޯރުކޮށްދޭ ރައްކާތެރިކަން ފާހަގަކުރަން ޖެހޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުުގައި ބުނާގޮތުން ވިލިމާލެ އަކީ އަބަދުވެސް ތިމާވެއްޓާ ރައްޓެހި ކޮންސެޕްޓަކަށް، އެއްގަމު އުޅަނދު ދުއްވުމަށް ވަކި މިންވަރެއްގައި ކޮންޓްރޯލްކޮށްފައި އޮންނަ މާލޭގެ އަވަށެކެވެ. މިއީ މާލެ ސަރަހައްދުގައި ގުދުރަތީ މާހައުލު މުއްސަނދިކޮށް އޮތް ހަމައެކަނި ރަށެވެ. އެހެންކަމުން ޒަމާނީ ފެންވަރަށް މަގު ހަދަން ނިންމައި އެރަށުގެ ގުދުރަތީ ރީތިކަން ނައްތާލަން މަސައްކަތް ނުކުރުމަށްވެސް ވަނީ ގޮވާލައިފައެވެ.