
ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަންނަން ފަށައިފި

ރިޟްވާން މޫސާ - 14 މާރިޗު 2026 - 09:25
މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު މާލެ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.
މާލެ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިއަދުގައި ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ވަނީ ބުނެފަ އެވެ.
މި ހިދުމަތް މި އަންނަ ބުދަ ދުވަހުގެ ނިޔަލަށް ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައި ކުރިއަށްދާނެއެވެ.
މިއަދާއި މާދަމާ ޒަކާތް ބަލައިގަންނާނީ ހެނދުނު 10:00 އިން 12:00 އަށް ކަމަށާއި އެއަށްފަހު ބުދަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 10:00 އިން 12:00 އަށް އަދި 13:00 އިން 15:00 އަށް ގޮވާމުން ޒަކާތް ބަލައި ގަންނާނެ ކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ.
އާންމުކޮށް ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނަ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ:
- އާދައިގެ ހަނޑޫ
- ތައިލެންޑް ހަނޑޫ
- ބާސްމަތީ ހަނޑޫ
- ރަތް ހަނޑޫ
- ގޮދަން ފުށް
- އާޓާ ފުށް
ޒަކާތުގެ ގޮތުގައި ބަލައިގަންނަނީ ބޮލަކަށް 2.4 ކިލޯގެ މަގުންނެވެ. އޮންލައިންކޮށް ޒަކާތް ދެއްކުމަށް 7 ޕްލެޓްފޯމެއް ކަނޑައަޅާފައިވާއިރު، ރޯދަމަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ލިބުނު ޒަކާތުގެ އަދަދު ވަނީ ފާއިތުވި ތިން އަހަރާ އަޅާބަލާއިރު އިތުރުވެފައެވެ.






.gif&w=3840&q=75)