
އަހަރެން އެދުނުގޮތަށް މިސްރާއި އުރުދުން ކަންތައް ކުރާނެ، ޣައްޒާގެ މީހުން ވަޒަންވެރިކުރާނެ: ޓްރަމްޕް

ސައިފް އަޒުހަރު - 31 ޖެނުއަރީ 2025 - 18:58
އޭނާ އެދިވަޑައިގެންނެވި ގޮތަށް، މިސްރާއި އުރުދުނުން ޣައްޒާގެ ރައްޔިތުން އެ ގައުމުތަކުގައި ވަޒަންވެރި ކުރާނޭ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް މިހެން ވިދާޅުވީ، ޣައްޒާގެ 1.5 މިލިއަން މީހުން ޣައްޒާއިން ބޭރުކޮށް، އެމީހުން މިސްރާއި އުރުދުންގައި ވަޒަންވެރިކޮށް، ޣައްޒާ "ހުސްކުރަން" ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވުމުން، މިސްރުގެ ރައީސް އަބްދުލްފައްތާހް އައްސީސީއާއި، އުރުދުންގެ ރަސްގެފާނު ޢަބްދުﷲވެސް އެކަމާ ދެކޮޅު ހައްދަވާފައި ވަނިކޮށެވެ.
މިސްރުގެ ރައީސް އަބްދުލްފައްތާހް އައްސީސީއާއި، އުރުދުންގެ ރަސްގެފާނު ޢަބްދުﷲވެސް ވިދާޅުވެފައިވަނީ، ޣައްޒާގެ ރައްޔިތުން ގަދަކަމުން ޣައްޒާއިން ބޭރުކޮށް އެގައުމުތަކުގައި ވަޒަންވެރި ނުކުރާނޭ ކަމަށެވެ.
މިސްރުގެ ރައީސާއި، އުރުދުންގެ ރަސްގެފާނުވެސް ޓްރަމްޕްގެ ހުށަހެޅުއްވުމާ ދެކޮޅު ހައްދަވާފައިވާ ކަމަށް ބުނެ، އެމެރިކާގެ ރައީސްގެ ރަސްމީ އޮފީސްކޮޅު، އޯވަލް އޮފީހުގައި ހުރެ ނޫސްވެރިޔަކު ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ "އެމީހުން އެކަންކުރާނެ" ކަމަށެވެ.
ނޫސްވެރިޔާ ސުވާލުކުރީ، ޓްރަމްޕްގެ ހުށަހެޅުއްވުމާ މިސްރާއި އުރުދުން ދެކޮޅު ހަދާފައިވުމުން އެ ދެ ގައުމަށް އިތުރަށް ފިއްތުމުގެގޮތުން ދަތިކުރުމުގެ ފިޔަވަޅު އެޅުއްވުމާމެދު ވިސްނަވަންތޯއާ މެދުގައެވެ.
ޖަވާބުގައި ޓްރަމްޕް ވިދާޅުވީ "އެމީހުން ކުރާނެ. އަޅުގަނޑުމެން އެމީހުންނަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެން. އަދި އެމީހުން އެކަން ކުރާނެ" ކަމަށެވެ.
ޣައްޒާއިން މީހުން ހުސްކޮށްލަން ބޭނުންފުޅުވާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފުރަތަމަ ވިދާޅުވީ، އެމެރިކާގެ ރައީސްގެ ޚާއްސަ މަތިންދާ ބޯޓު، އެއަރފޯސް ވަންގައި ނޫސްވެރިޔާއެކު ވިއްސަކަށް މިނެޓަށް ދެމިގެންދިޔަ ސުވާލާއި ޖަވާބުގެ ވަގުތުގައި، މިދިޔަ ހަފްތާގައެވެ.
ޓްރަމްޕް ވިދާޅުވީ، މިސްރާއި އުރުދުން އަދި އަރަބި އެހެން ގައުމުތަކުންވެސް ޣައްޒާގެ "ރެފިއުޖީން" އިތުރަށް ނަގަން އޭނާ ބޭނުންފުޅުވާ ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ، ޣައްޒާއަކީ މިހާރު އެރަށުގައި ހުރިއްޔާ ހުރި ހުރިހާތަނެއް ސުންނާފަތި ކޮށްލާފައިވާ ރަށެއް ކަމަށާއި، އެތަނުގައި މީހުންތައްދަނީ މަރުވަމުން ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ "ނަރަކައެއްފަދައިން" ޣައްޒާ އޮންނަތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި، އެހެންވެ، ޣައްޒާގެ ރައްޔިތުން މާ ރަނގަޅު އަދި މާ އަރާމު ސަރަހައްދުތަކުގައި ވަޒަންވެރިވެގެން ދިރިއުޅެންޖެހޭ ކަމަށެވެ. ޣައްޒާގެ ރައްޔިތުން އެހެން ގައުމުތަކުގައި ވަޒަންވެރިކޮށް އެމީހުންނަށް ގެދޮރުއަޅައި ދިނުމުގައި އެމެރިކާއިން އެހީވާނޭ ކަމަށާއި، އެހެން ތަނެއްގައި ސުލްވެރިކަމާއެކު އެމީހުންނަށް ދިރިއުޅެވޭނެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެފައި ވެއެވެ.
ޓްރަމްޕްގެ ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރިކޮށް ފަލަސްތީނު ސަރުކާރުން ބުނެފައިވަނީ، ފަލަސްތީނު ރައްޔިތުން ދުވަހަކުވެސް އެމީހުންގެ ވަޒަންދޫކޮށް ފައިބައިގެން ނުދާނޭ ކަމަށެވެ. 1948 އާއި 1967 ގައި ހިންގިފަދަ ނަކްބާއެއް ތަކުރާރުވިޔަ ނުދޭނޭ ކަމަށްވެސް ބުނެފައި ވެއެވެ.
ޓްރަމްޕަށް ރައްދުދެމުން ޣައްޒާގައި ވެރިކަންކުރާ ހަމާސްއިން ވަނީ، އިސްތިއުމާރީ އިސްރާއީލާ ބައިވެގެން ޣައްޒާ ހުސްކުރުމުގެ ޚިޔާލު ދޫކޮށްލުމަށް ޓްރަމްޕަށް ގޮވާލާފައެވެ.