އެއްބަސްވުމުގެ މުއްދަތު ހަމަވިޔަސް ލުބުނާނުން ނުފައިބާނޭ ކަމަށް އިސްރާއީލުން އަންގައިފި
ސައިފް އަޒުހަރު - 24 ޖެނުއަރީ 2025 - 14:32
ހަމަލާތައް ހުއްޓާލުމަށްފަހު 60 ދުވަހުގެ ތެރޭގައި ލުބުނާނުން ފޭބުމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތު ހޯމަދުވަހު ހަމަވި ނަމަވެސް، ލުބުނާނުން ނުފައިބާނޭ ކަމަށް، އިސްތިއުމާރީ އިސްރާއީލުން ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައެވެ.
ބަޔާނުގައި ބުނެފައިވަނީ، އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވި ނަމަވެސް އިސްރާއީލު ސިފައިން ނުފައިބާނޭ ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ، އެއްބަސްވުމުގައި ވާގޮތަށް ލުބުނާނުން ކަންކަން ފުރިހަމައަށް "ތަންފީޒުކޮށްފައި ނުވާތީ" އެވެ. ނަމަވެސް އެއީ ކޮން ކަމެއްކަމެއް ނުބުނެއެވެ.
ލުބުނާނުގެ ހިޒްބުﷲއާއި، އިސްރާއީލާ ދެމެދު ނޮވެމްބަރު މަހު ވެވުނު އެއްބަސްވުމުގައި ހަމަލާތައް ހުއްޓާލުމުގެ އިތުރުން ބުނެފައިވަނީ، އިސްރާއީލު ސިފައިން ޖެނުއަރީ 26 ގައި ލުބުނާނުގެ ބިމުން ފައިބަންޖެހޭނޭ ކަމަށެވެ. އަދި ހިޒްބުﷲ މުޖާހިދުން ލުބުނާނުގެ ދެކުނުފަޅިން ފައިބަންޖެހޭނޭ ކަމަށެވެ.
އެއްބަސްވުމަށް އަމަލުކުރަން ފެށި، އަދި ލުބުނާނުގެ ދެކުނުގެ ހުޅަނގުފަރާތުންނާއި މެދުތެރެއިން އިސްރާއީލު ސިފައިން ފޭބި ނަމަވެސް، އިރުމަތީ ފަޅީގައި ވަރުގަދައަށް އަސްކަރީ ޖަގަހަތައް ހަދައި ފައިހަރުކުރަމުންދާ ކަމަށް ކުރިންވެސް އޮތީ ރިޕޯޓްތައް ފެތުރިފައެވެ.
އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން، އެއްބަސްވުމާ ޚިލާފްވެ ލުބުނާނުގެ އެކި ހިސާބުތަކަށް އިސްތިއުމާރީ އިސްރާއީލުން އެތައްސަތޭކަ އުދުވާނީ ހަމަލާތައް ދީފައި ވެއެވެ.
މީގެ ދެދުވަސް ކުރިންވެސް އިސްތިއުމާރީ ސިފައިންވަނީ، ލުބުނާނުގެ ދެކުނުގެ ދެ އަވަށެއްގެ ގެތަކުގައި ހުޅުޖަހައި، ބުލްޑޯޒަރުން މަގުތައް ހަލާކުކޮށް، މިސްކިތެއްވެސް ހަލާކުކޮށްލާފައެވެ.
އޭގެކުރިންވެސް، އެތައް އަވަށެއްގައި އެފަދަ އެތައް ޖަރީމާތައް ހިންގާފައި ވެއެވެ.
ލުބުނާނުގެ ބިމުން ސިފައިން ނުފައިބާނޭ ކަމަށް، އިސްތިއުމާރީ ބާރުގެ ބޮޑުވަޒީރުގެ އޮފީހުން މި ހާމަކުރީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރުހުން ހޯދައިގެން ލުބުނާނުގެ ބިންތައް އިސްތިއުމާރުކުރަން، ނަތަންޔާހޫ ޓްރަމްޕްގެ ސަރުކާރާ ވާހަކަ ދައްކަމުންދާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.
ގުޅުން ހުރި ޙަބަރުތައް
އިސްރާއީލުން ޖެނިން އަށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ 6 މީހަކު ޝަހީދުކޮށްލައިފި
2 އަހަރު ކުރިން
އިސްރާއީލުގެ އެއަރލައިނަށް ރާއްޖޭގައި ޖެއްސުމުގެ ހުއްދަ ނުދޭނަން - މިއުވާން
2 އަހަރު ކުރިން
އިސްރާއީލް މީހުން ރާއްޖެ އައުން މަނާކުރުމާ ގުޅޭ ޕެޓިޝަން ފާސްކޮށްފި
އަހަރެއް ކުރިން
ޖަރުމަނުވިލާތުން ލުބުނާނުގެ އަސްކަރިއްޔާއަށް އެހީ ފޯރުކޮށްދެނީ
އަހަރެއް ކުރިން