logo

އެކުވެރި ދެ ދައުލަތުން ފެނުނު އަޚްވަންތަކަން

profile

ޒިދާން މުޙައްމަދު - 24 ސެޕްޓެމްބަރު 2024 - 19:21

ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް (ކ)، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ އެކު ނިއުޔޯކްގައި:

ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް (ކ)، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ އެކު ނިއުޔޯކްގައި:

ޤުދުސްއާއި އެތަނުގެ މުޤައްދަސް ތަންތަނުގެ ޤާނޫނީ ހައިސިއްޔަތު ބަދަލުވެދާނޭ ފަދަ އެއްވެސް އަމަލެއް ހިންގުން ހުއްޓުވައި ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލުމުގައި ދިވެހިރާއްޖެއަކީ މުޅި ދުނިޔެއަށް ނަމޫނާއެކެވެ.

ދުނިޔޭގެ ބާރުތަކަށް ގޮންޖަހާލައި، ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ އަމިއްލަ ދައުލަތެއް ޤާއިމުކުރުމަށް ކުރަމުންގެންދާ މިންނެތް މަސައްކަތުގައި އެއްބާރުލުން ދިނުންމަތީ ދިވެހި ސަރުކާރުން އަބަދުވެސް ދެމިއޮންނަކަމީ ހަގީގަތެކެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ އިންތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި އިރުމަތީ ޤުދުސްއަކީ އެ ޤައުމުގެ ވެރިރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ ސިޔާދަތީ އަދި މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ދިވެހި ސަރުކާރުން ގޮވާލާ ގޮވާލުމަށް އަދި އަދަށް ދާންދެންވެސް ބަދަލުވުމެއް ނާދެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީވެސް މިދެންނެވި ބީދައިން ފަލަސްޠީނާމެދު ރާއްޖޭން ގެންގުޅޭ ސިޔާސަތަކަށް ޢަމަލުކުރަމުން އަންނަ ސަރުކާރެކެވެ. ޖަޒީރާތަކަސް ފަލަސްޠީނުގެ ހައްގުގައި މިޤައުމުން ކުރަމުންދާ މަސައްކަތް ގިނައެވެ. ފަލަސްޠީނަށްޓަކައި އުފުލާ އަޑު ގަދަވެފައި، ދޭ މެސެޖު ބޮޑެވެ.

އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ފަލަސްޠީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާޞްއާ ބައްދަލުކުރެއްވުމަށްފަހު މީޑިއާއަށް ދެއްވި ބަސްދީގަތުމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޔަގީންކަމަކީ ފަލަސްޠީނުގެ ކަންކަމަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަމެވެ. ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްޠީނު ރައްޔިތުންނާއެކު ކަމަށާއި އެންމެހާ ދިވެހި ރައްޔިތުން ފަލަސްޠީނު ރައްޔިތުންނާއި ފަލަސްޠީނުގެ މައްސަލައަށް ތާއީދުކުރާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އުދުވާނާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިން އަބަދުވެސް ފަލަސްޠީނު ރައްޔިތުންނަށް އެހީތެރިވެވެންއޮތް ގޮތަކުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގައެވެ. އެގޮތުން މީގެ ކުރިންވެސް، މިހާރުވެސް އަދި ކުރިޔަށްއޮތްތަނުގައިވެސް ފަލަސްޠީނު ރައްޔިތުންގެ މައްސަލައިގައި ދިވެހިރާއްޖެއިން ތާއީދު އޮންނާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޢިއްޒު ދެއްވިއެވެ.

ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް (ކ)، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ އެކު ނިއުޔޯކްގައި:

ފަލަސްޠީނުގެ ދިދަ އަދި ނަން ހިމެނޭ ޝޭޝް ތުރުކުރައްވައި، ރައީސް ޑރ. މުޢިއްޒުވަނީ އދ. ގައި ފަލަސްޠީނަށްޓަަކައި އޮތް ލޯތްބާއި ޤަދަރު ދައްކުވައިދެއްވާފައެވެ. ބައްދަލުކުރެއްވުން އޮތް މާލަމަށް ވަޑައިގެންނެވުމަށް އެ ގައުމުގެ ރައީސްގެ އަތްޕުޅުގައި ހިތްޕަވައިގެން ދިވެހި ދަޢުލަތުގެ އެންމެ މަތީ ވެރިޔާ ވަޑައިގެންނެވުން ވެފައިވަނީ ދެ ޤައުމުގެ ބަދަހި ގުޅުން ރަމްޒުކޮށްދިން ޢަމަލަަކަށެވެ. ޚުދު ފަލަސްޠީނުގެ ރައީސް ތުރުނުކުރައްވައި ހުންނަވަނިކޮށް އެ ގައުމުގެ "ޕްރައިޑް" ތުރުކުރައްވައި ރައީސް ޑރ. މުޢިއްޒު އެ ދެއްވި މެސެޖުގެ އަޑު ފިސާރި ގަދައެވެ. އެ މެސެޖުގެ ހައިބަތު ބޮޑުވެފައި އެހާމެ ވަރުގަދައެވެ.

ފަލަސްޠީނާއި އެޤައުމުގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން އަބަދުވެސް ފުރިހަމައަށް ތާއީދުކުރެއެވެ. ފަލަސްޠީނަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދިނުމަކީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ދެމެހެއްޓެނިވި އަސާސަކަށްވެފައި، ބައިނަލްއަޤްވާމީ މައިދާނުގައި އިންސާފާއި އިންސާނީ ޙައްޤުތަކަށް ރާއްޖެއިން ބަހައްޓާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ. މިއަހަރު ކުރީކޮޅު ރާއްޖެއިން ކޯ-ސްޕޮންސަރކުރި ގަރާރަކުން، ފަލަސްޠީނު ދައުލަތަކީ އދ.ގެ ފުރިހަމަ މެމްބަރު ޤައުމެއްގެ ގޮތުގައި ބަލައިގަތުމަށް ތާއީދުކުރުމަށް ވަނީ ހުށައަޅާފައެވެ. މި ގަރާރު ވަނީ އދ.ގެ އާންމު މަޖިލީހުން ބަލައިގަތުމަށް ނިންމާފައެވެ.

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގެ އެޑްވައިޒަރީ އޮޕީނިއަނަށް އިޒްރޭލުގެ ސިޔާސަތުތަކުގެ ގާނޫނީ ނަތީޖާތަކާބެހޭ ގޮތުން ލިޔުމުން ބަޔާން ދީ، މި މައްސަލާގައި އަނގަބަހުން ހުށަހެޅި ކަންކަމަށް ދިވެހި ސަރުކާރުން މީގެ ކުރިން ވަނީ ތާއީދުކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގައި 12 ޖޫން 2024 ގައި ފަލަސްޠީނަށް އެހީވުމަށް ބޭއްވި ޓެލެތޯނުން ހޯދި 1.2 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު މިހާރު ވަނީ ޔޫ.އެން.އާރ.ޑަބްލިއު.އޭ. އާއި ޙަވާލުކޮށްފައެވެ.

ފަލަސްޠީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސީދާ ރައީސް ޑރ. މުޢިއްޒުގެ އިރުޝާދަށް ވަނީ ގައުމީ ޓެލެތޯނެއް ހިންގާފައެވެ. އިސްރާއީލުން ހިންގަމުންދާ ނަސްލުނެތިކޮށްލުމުގެ ޖަރީމާގެ ސަބަބުން، އަނިޔާވެރި ހަރުކަށި ޣައިރު ޤާނޫނީ ދައުލަތެއް ކަމަށްވާ އިސްރާއީލުގެ ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެ އެތެރެވުން މަނާކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މިނޫނަސް އެތައް ކަމެކެވެ. މިއީ ގާތް މިތުރުންނެވެ. ގުޅުން ބަދަހި ދެ ދަޢުލަތެވެ. އެންމެ އަޚުވަންތަ ދެ ދައުލަތެވެ.

https://int.etukuri.mv/
tel:+9607331319