logo

ޕީއެސްއެމްގެ ޓްރާންސްމިޝަން ސިސްޓަމްގެ މަޝްރޫއު: މަސައްކަތެއް ނުކޮށް 22 މިލިއަން

profile

މަރްޔަމް އުމްނާ އިސްމާޢީލް - 25 އޯގަސްޓު 2024 - 19:30

ޕީއެސްއެމް

ޕީއެސްއެމް

2017 ވަނަ އަހަރު ދައުލަތުގެ މީޑިއާއިން ހިންގި 'މީޑިއަމް ވޭވް ޓްރާންސްމިޝަން ސިސްޓަމް' ގެ މަޝްރޫއުގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ކަންކަން ހިންގާފައިވާ ކަން އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެ އެވެ.

މި މަޝްރޫއުއަކީ މީޑިއަމްވޭވް ޓްރާންސްމިޝަން ސިސްޓަމް މާލެ ފިޔަވައި އެހެން ސަރަހައްދެއްގައި ދާއިމީ ގޮތެއްގައި އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ގާއިމުކުރުމުގެ ގޮތުން މީޑިއަމް ވޭވް ޓްރާންސްމިޝަން އެންޓަނާ ފީލްޑް ކ. ތިލަފުއްޓަށް ބަދަލުކޮށް އަލުން ގާއިމުކުރުމަށް ޕީއެސްއެމް އިން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއު އެކެވެ. ޖަޕާން ސަރުކާރުގެ ނޮން ޕްރޮޖެކްޓް ގްރާންޓު އެއިޑް ސްކީމްގެ ކައުންޓަރޕާޓް ފަންޑުގެ އެހީ ހޯދައިގެން ކުރިއަށް ގެންގޮސްފައިވާ މި ޕްރޮޖެކްޓަށް އެ ފަންޑުގެ ދަށުން 50.8 މިލިއަން ރުފިޔާ ހަމަޖައްސާދީފައިވެ އެވެ.

މި މަޝްރޫއުއާ ގުޅިގެން ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި މީޑިއަމްވޭވް ޓްރާންސްމިޝަން ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޕީއެސްއެމުން އާއްމުކޮށް އިއުލާނުކޮށް ލިބުނު ޕްރޮޕޯސަލްތައް 25 އޮގަސްޓް 2017 ގައި އިވޭލުއޭޓްކުރުމަށްފަހު އެ މަސައްކަތް ހަވާލުކުރުމަށް ނިންމީ 47.5 މިލިއަން ރުފިޔާއަށް އެ މަސައްކަތް ކޮށްދޭން ހުށަހެޅި ސްރީލަންކާގެ ތާންތްރީ ޓްރެއިލާސް ޕްރައިވެޓް ލިމިޓެޑާ އެވެ.

އެކަމަކު އެ މަޝްރޫއުއަކީ 1.5 މިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު މަޝްރޫއުއަކަށް ވުމުން ބިޑް ކާމިޔާބުކުރި ފަރާތާ މަސައްކަތް ހަވަލުކުރުމުގެ ކުރިން ބީލަމުގެ ހުރިހާ މަރުހަލާއެއް ކުރިއަށް ގެންގޮސްފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށްތޯ ބަލައިދިނުމަށް ޕީއެސްއެމްގެ ގަވަނިން ބޯޑުން އެދިގެން އޭސީސީން ވެސް އެ މައްސަލަ ބެލި އެވެ. އެކަމުގައި އޭސީސީން ފާހަގަކުރި ކަންތައްތަކަށް ރިއާޔަތްކުރުމަށްފަހު އެ ބިޑުތައް ބާތިލުކުރި އެވެ.

އެ މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތައް ހޯދަން ދެވަނަ ފަހަރަށް އިއުލާނުކުރީ 'ރެސްޓްރިކްޓެޑް ޓެންޑަރިން'ގެ އުސޫލުން ނެވެ. އެ އެ އިއުލާނާ ގުޅިގެން ހުށަހެޅުނު ބިޑުތައް އިވޭލުއޭޓްކުރުމަށްފަހު ވެސް ޕީއެސްއެމުން އެ މަސައްކަތް ހަވަލުކުރީ ހަމަ އެ ކުންފުންޏާ އެވެ.

އޮޑިޓް އޮފީހުން ބުނީ މި މަޝްރޫއުއަށް ޝައުގުވެރިވާ ފަރާތްތައް ހޯދަން ރެސްޓްރިކްޓެޑް ޓެންޑަރިންގެ އުސޫލުން ހުޅުވާލީ ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ މާލީ ގާބިލުކަން ބަލަން ނުޖެހޭ ގޮތަށް ބިޑު ޑޮކިއުމެންޓްތަކަށް ބަދަލު ގެނައުމަށްފަހު ކަމަށެވެ. އެގޮތުން، ދެވަނަ ފަހަރަށް ބިޑު ހުށަހެޅުމަށް ފޮނުވި ދައުވަތުގައި ޕްރޮޕޯޒަލް އާއެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ބިޑް ހުށަހަޅާ ފަރާތަކީ މަޝްރޫއުގެ ދަށުން ގާއިމުކުރަން ޖެހޭ އެންޓަނާ ޓަވަރުތަކުގެ ޑައިރެކްޓް މެނުފެކްޗަރާ ކަމަށް ކަށަވަރުކޮށްދޭ ސިޓީއެއް ހުށަހަޅަންޖެހޭ ގޮތަށް ބަޔާންކޮށްފައި އޮތުމުން އެއީ ވަކި ފަރާތަކަށް މަސައްކަތް ފަހިކޮށްދިނުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް ބެލެވޭ ކަމަށް އެ އޮފީހުގެ ރިޕޯޓުގައި ވެއެވެ.

އޮޑިޓް އޮފީހުގެ ރިޕޯޓުން އެނގޭ ގޮތުގައި އެ މަސައްކަތް ހަވާލުކުރި ކުންފުންޏަކީ މަޝްރޫއުގެ މައިގަނޑު މަސައްކަތާ ގުޅޭ ފަންނީ ގާބިލުކަން ލިބިފައިވާ ކުންފުންޏެއް ވެސް ނޫނެވެ.

އެ މަޝްރޫއު ހަވާލުކުރިތާ 6 އަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރުވެސް އެ މަސައްކަތް އެއްކޮށް ނިމިފައެއް ނުވެއެވެ. އަދި އެ ކުންފުނިން ގާއިމުކުރި ޓްރާންސްމިޝަން ސިސްޓަމް މެދުވެރިކޮށް އެކަށީގެންވާ ވަރަށް ސިގްނަލް ކަވަރޭޖެއް ވެސް ނުލިބެ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ މަޝްރޫއުގެ ބޭނުމަށް ރާއްޖެ އެތެރެކުރި ތަކެތީގެ ކްލިއަރެންސް ފީ ދައްކަން ޖެހޭނީ ކޮންޓްރެކްޓާ ކަމުގައި ވިޔަސް އެތަކެތީގެ ކްރިއަރެންސް ފީ ދެއްކީ ޕީއެސްއެމުން ކަމަށެވެ. އަދި ޕީއެސްއެމުން ކްލިއަރެންސް ފީއަށް ދެއްކި 1.39 މިލިއަން ރުފިޔާ އެ ކުންފުނިން އަނބުރާ ދައްކާފައިނުވާކަން ވެސް ފާހަގަކޮށްފައިވެއެވެ.

މީގެއިތުުރުން ޕީއެސްއެމްގެ ޕްރޮކިޔޯމަންޓް އުސޫލާއި މަސައްކަތުގެ އެއްބަސްވުމާއި ހިލާފަށް އެ މަޝްރޫއުގެ މަސައްކަތް ފެށުމުގެ ކުރިން ކޮންޓްރެކްޓަރަށް ޖުމްލަ އަގުގެ 50 އިންސައްތަ ނުވަތަ 22.5 މިލިއަން ރުފިޔާ އެޑްވާންސަށް ދޫކޮށްފައިވާ ކަން ވެސް ވަނީ ހާމަވެފަ އެވެ. އެ ރިޕޯޓުގައި ބުނާގޮތުން އެ ފައިސާ ދޫކޮށްފައިވަނީ ބޭންކް ގެރެންޓީއެއް ނުވަތަ އެޑްވާންސް ޕޭމެންޓް ގެރެންޓީއެއް ވެސް ނުހޯދަ އެވެ. އަދި މަޝްރޫއުގެ 90 އިންސައްތަ އަށްވާ 40.5 މިލިއަން ރުފިޔާ ވެސް ކޮންޓްރެކްޓަރަށް ދައްކާފައިވަނީ ޕްރޮގްރެސް ރިޕޯޓަކަށް ބަލައިގެން ނޫންކަން އެ ރިޕޯޓުން އެނގެ އެވެ.

އޮޑިޓް އޮފީހުން ބުނީ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ޕީއެސްއެމް އިން އެ ކުންފުންޏަށް ފައިސާ ދައްކަމުން ދިޔައީ އެ ފަރާތުން ކުރަންޖެހޭ މަސައްކަތް ކޮށް ނިންމުމުންކަން ކަށަވަރުވެސް ނުކޮށް ކަމަށެވެ.

https://wamco.com.mv/
tel:+9607331319