logo

ޕީއެސްއެމް ހިންގާ ބިން އެ ކުންފުންޏަށް ރަޖިސްޓްރީކޮށްދެނީ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 08 އޯގަސްޓު 2024 - 17:55

ޕީއެސްއެމް

ޕީއެސްއެމް

މިހާރު މާލެ ސިޓީ ކައުންސިލްގެ ނަމުގައި އޮތް ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ހިންގަމުންދާ ބިމުގެ ރެޖިސްޓްރީ އެ ކުންފުނީގެ މައްޗަށް ބަދަލުކޮށްދިނުމަށް ރައީސް އޮފީހުން އެދިއްޖެ އެވެ.

ރައީސް އޮފީހުން މިގޮތަށް އެދި މާލެ ސިޓީ ކައުންސިލަށް ފޮނުވާފައިވާ އީމެއިލް އާ ގުޅިގެން މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ އާއްމު ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ.

މިކަމާ ގުޅިގެން ވާހަކަދައްކަވަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އެ ބިން ޕީއެސްއެމްގެ މައްޗަށް ރެޖިސްޓްރީކޮށްދިނުމަށް ރައީސް އޮފީހުން އެދިފައިވަނީ ޕީއެސްއެމުން އެ ބިމުގައި މަޝްރޫއުއެއް ހިންގުމަށް ނިންމާފައިވާތީ ކަމަށެވެ. އެ ބިން ރެޖިސްޓްރީކޮށްފައިވަނީ ސިޓީ ކައުންސިލްގެ ނަމުގަ އެވެ.

"ޕީއެސްއެމް އިން އެތަނުގައި ޑިވެލޮޕްމެންޓެއް ގެންނަން ބޭނުންވާތީ މިތާ ނަމުގައި އެތާގެ ރެޖިސްޓްރީ ހަދާފަ އޮންނަނީ. އެތަނުގެ ރެޖިސްޓްރީ ހަދާދިނުމަށް އެދިފައި އެބައޮތް. އެހެންމަ އަޅުގަނޑު ލޭންޑް ކޮމިޓީއަށް ފޮނުވާލާނަން މިވަގުތު." އާޒިމް ވިދާޅުވި އެވެ.

ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ، އެ ބިން ޕީއެސްއެމްގެ މައްޗަށް ރެޖިސްޓްރީކޮށްދީގެން ނޫނީ، އެ ކުންފުނިން ހިންގަން ބޭނުންވާ މަޝްރޫއު ނުހިންގޭނެ ކަމަށެވެ. އެހެންވެ އެކަން ވީހާވެސް އަވަހަކަށް ކޮށްދިނުމަށް އެދިވަޑައިގެން ނެވި އެވެ. އޭނާ މިގޮތަށް އެދިވަޑައިގެންނެވީ، އެއީ ކައުންސިލްގެ ނަމުގައި އޮތް ބިމެއް ނަމަވެސް، އެ ބިމުން ކައުންސިލަށް އެއްވެސް ފައިދާއެއް ނުވާކަން ފާހަގަކުރައްވަމުން ނެވެ.

" އެހެންވީމަ އެބޭފުޅުން އެތަން ޑިވެލޮޕްކުރަން ބޭނުންވެ ހަމަ ޑިވެލޮޕްކުރެވެން އިންނާނީ އެބޭފުޅުންގެ ނަން މަތީގައި ރެޖިސްޓްރީ އޮވެގެން. މިއަދާ ހަމަޔަށް ވެސް އެތަން ބޭނުންކުރަމުން އައީ ހަމަ ޕީއެސްއެމުން. އެހެންމަ އެ ބޭފުޅުން އެތަން ޑިވެލޮޕްކުރަން ބަލާއިރުގައި އެބޭފުޅުން ހުށަހަޅަންޖެހޭ ކުރެހުންތަކާ ކުރެހުން ސެޓާ އެ ހުރިހާ އެއްޗެއް އެބޭފުޅުންނަށް ފާސްކުރެވެން އިންނާނީ އެބޭފުޅުންގެ ނަން މަތީގައި ރެޖިސްޓްރީ އޮވެގެން." ނަރީޝް ވިދާާޅުވި އެވެ.

ނަރީޝްގެ މި ހުށަހެޅުއްވުމަށް އެއްވެސް މެމްބަރަކު ދެކޮޅު ހައްދަވާފައެއް ނުވެއެވެ. އެކަމަކު ރައީސް އޮފީހުން ކައުންސިލަށް ފޮނުވާފައިވަނީ އީމެއިލް އަކަށް ވާތީ، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު ސައިފް ފާތިހު ހުށަހެޅުއްވީ، ރަސްމީ ސިޓީއެއް ކައުންސިލަށް ލިބެންދެން އެކަމުގައި ގޮތެއް ނުނިންމުމަށެވެ. އޭނާ ވިދާޅުވީ ކައުންސިލަށް މިފަދަ ކަންކަމުގައި އެދެން ޖެހޭނީ އެކަމާ ގުޅޭ ވެރިއެއްގެ ސޮޔާއި ރަސްމީ ތަތްގަނޑާ ވެސް އެކު އެވެ.

ނަރީޝް ވެސް ސައިފް ދެއްކެވި ވާހަކަތަކަށް ތާއީދު ކުރެއްވި އެވެ.

https://wamco.com.mv/
tel:+9607331319