ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ރާއްޖެ އޮތީ މުޅި ދުނިޔެއިން އެކަހެރިވެފައި ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިފަދައިން ވިދާޅުވެ މިނިސްޓަރު ތޯރިގު 'އެކްސް' ގައި ޕޯސްޓެއް ކުރައްވާފައި މިވަނީ، އދ. ގެ އާއްމު މަޖިލީހުގެ 79 ސެޝަނަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން ދެއްވާ ތަގުރީރުތަކާ ގުޅިގެން ރައީސް ޔާމީން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްދު ދެއްވައެވެ.
ޔާމީން ގެންދަވަނީ ރައީސް ޑރ. މުޢިއްޒު އދ. ގައި ދެއްވާ ތަގުރީރުތަކަށް ފާޑުވިދާޅުވަމުންނެވެ.
އެކަމާ ގުޅިގެން މިނިސްޓަރު ތޯރިގް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގެ ފަސް އަހަރު ތެރޭގައި އދގެ އާއްމު މަޖިލީހަށް ވެސް ވަޑައިނުގަންނަވާ ކަމަށާއި ޚާރިޖީ ގުޅުންތައް ދެމެހެއްޓުމަށް ވެސް ޝައުގުވެރިކަމެއް ނުދެއްވާ ކަމަށެވެ.
މިނިސްޓަރު ތޯރިގު ވިދާޅުވީ، ވެރިން ވާންޖެހޭނީ ރައްޔިތުންގެ މަސްލަހަތު އޮތް ކަންކަމުގައި ވަކާލާތުކޮށް، އެކަންކަމަށް އިސްކަން ދީ، ގައުމުތަކުގެ މެދުގައި އޮތް ގުޅުންތައް ބަދަހިކުރަން މަސައްކަތް ކުރާ ބަޔަކަށް ކަމަށެވެ. އެކަމަކު އެއާ ހިލާފަށް ޔާމީންގެ ސަރުކާރުގައި ރާއްޖެ އޮތީ މުޅި ދުނިޔެއިން އެކަހެރިވެފައި ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އދގެ ސެކިއުރިޓީ ކައުންސިލްގައި ތަގުރީރު ކުރެއްވި ރާއްޖޭގެ ފުރަތަމަ ރައީސަށް ވެވަޑައިގެންނެވި ރައީސް ޑރ. މުއިއްޒު ވަނީ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތް ކުރައްވާނެ ކަން ހާމަކުރައްވާފައި ކަމަށެވެ.
އަދި އެމަނިކުފާނު ފާހަގަ ވެގެންދާނީ ހައްގުތަކަށް ވަކާލާތު ކުރައްވާ ރައީސެއްގެ ގޮތުގައި ކަމަށްވެސް މިނިސްޓަރ ތޯރިގުވިދާޅުވި އެވެ.