ތިމާވެއްޓާއި ގުޅުން ހުރި މަސައްކަތްތައް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަށާފައިވާ 'އެންދެރި ޕްރޮޖެކްޓު' ގެ ދަށުން ލ. އަތޮޅުގެ ތިން ރަށަކަށް މިއަދު ގްރާންޓު ހަވާލުކޮށްފި އެވެ.
އެ ތިން ރަށަށް ގްރާންޓުތައް ހަވާލުކޮށްދެއްވީ، މިއަދު ލ. ފޮނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް އެވެ.
މިއަދު ދޫކުރި ގްރާންޓުތަކުގެ ދަށުން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ލ. ގަން، މާބައިދޫ އަދި ހިތަދޫ އަށެވެ. މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި އޭގެ ތެރެއިން ކޮންމެ ރަށަކަށް 2 މިލިއަން ރުފިޔާގެ ހިލޭ އެހީވަނީ މިހާރު ދެވިފަ އެވެ.
މި ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީން ބުނިގޮތުގައި، އެ ރަށްތަކުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ތައްޔާރުކޮށްދީފައިވާ މެނޭޖްމަންޓް ޕްލޭންތައް ތަންފީޒުކުރުމަށެވެ.
މި މަޝްރޫއުއަކީ ރާއްޖޭގެ ރަށްރަށުގެ ޤުދުރަތީ ރައުސުލްމާލު ވަޒަންކޮށް އެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނޭ ގޮތްތައް ކަނޑައަޅައި، އެތަކެތީގެ މައްޗަށް ބަރޯސާވެފައިވާ ސިނާއަތްތަކާއި އާންމު ރައްޔިތުން އެކަންކަމަށް ހޭލުންތެރިކުރުވުމަށް ހިންގާ މަޝްރޫއު އެކެވެ.
އެ ތިން ރަށަށް ގްރާންޓު ހަވާލުކުރުމުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި މަދަނީ ޖަމްޢިއްޔާތަކާއި އާންމު ފަރުދުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި މި މަޝްރޫއުގެ ދަށުން ދޫކުރާ ސްމޯލް ގްރާންޓްސް ގެ ދެވަނަ ބުރަށް ހޮވުނު ފަރާތްތަކަށް ވެސް ގްރާންޓް ލިބުނު ކަމުގެ ލިޔުން ހަވާލު ކޮށްފައިވެ އެވެ. މި ބުރުގެ ގްރާންޓަށް ހޮވުނު ތިން ޖަމްޢިއްޔާއަކަށް ޖުމްލަ 1.5 މިލިއަން ރުފިޔާ ފޯރުކޮށްދެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
2022 ވަނަ އަހަރު ހިންގި ގްރާންޓްގެ ފުރަތަމަ ބުރުގައި ލ. އަތޮޅުގެ 10 ރަށަކުން 10 ޖަމްޢިއްޔާއަކަށް ޖުމްލަ 2.1 މިލިއަން ރުފިޔާ ފޯރުކޮށްދީފައިވެ އެވެ.