logo

ށ. ފޯކައިދޫ އަދި މިލަންދޫ އިސްލާމިކް ސެންޓަރުގެ އަމަލީ މަސައްކަތްތައް ފެށިގެން ކުރިއަށް

profile

އާމިނަތު ޝަޒްލާ - 10 އޮކްޓޯބަރު 2026 - 13:14

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ވަހުދަތު ވަރުގަދަކޮށް، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫއުތަކުގެ ތެރެއިން، ށަވިޔަނި އަތޮޅުގެ ދެ ރަށެއްގައި ގާއިމުކުރާ އިސްލާމިކް ސެންޓަރުގެ އަމަލީ މަސައްކަތްތައް ފެށިގެން ކުރިއަށްދާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކޮށްފިއެވެ.

https://wamco.com.mv/

އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، ށ. ފޯކައިދޫގައި އިމާރާތްކުރަމުންދާ އިސްލާމިކް ސެންޓަރުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ފައުންޑޭޝަން ބީމްތަކުގެ ޝަޓަރިންގ އަދި ރީއިންފޯސްމަންޓް އެޅުމުގެ މުހިންމު މަސައްކަތްތަކެވެ. އިމާރާތުގެ ބިންގާ ވަރުގަދަކުރުމަށް ކުރެވޭ މި މަސައްކަތްތައް ނިމުމުން، ދެން ފެށިގެންދާނީ ކޮންކްރީޓް އެޅުމުގެ މަރުހަލާއެވެ. މި މަޝްރޫއު ނިމިގެންދާއިރު ފޯކައިދޫގެ އިސްލާމިކް ސެންޓަރު ވެގެންދާނީ އެ ރަށުގެ އިތުރުން މުޅި އަތޮޅަށް ވެސް ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި މަންފާތަކެއް ކޮށްދޭނެ މަރުކަޒަކަށެވެ.

ފޯކައިދޫގެ އިތުރުން، އެ އަތޮޅު މިލަންދޫގައި ތަރައްގީކުރާ އިސްލާމިކް ސެންޓަރުގެ މަސައްކަތް ވެސް މިހާރު ވަނީ ބޮޑުތަނުން ކުރިއަށް ގޮސްފައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ، މިލަންދޫ އިސްލާމިކް ސެންޓަރުގެ މުންނާރުގެ ސްލެބް އަދި އާރް.ސީ ވޯލް (ރީއިންފޯސްޑް ކޮންކްރީޓް ވޯލް) ގެ ފޯމްވޯކާއި ރީއިންފޯސްމަންޓް މަސައްކަތްތައް މިހާރު ބާރަށް ހިނގަމުންދާ ކަމަށެވެ.

ސަރުކާރުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޖާގައިގެ ގޮތުން ތަނަވަސް އަދި ޒަމާނީ ފެންވަރުގެ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމަށް ދެއްވަނީ ވަރަށް ޚާއްސަ އިސްކަމެކެވެ. މިއީ ހަމައެކަނި ނަމާދުކުރާ ތަންތަނުގެ އިތުރުން، އިސްލާމީ ތަޢުލީމާއި ތަރުބިއްޔަތު ދޭ، އަދި ރައްޔިތުން އެއްވެ އުޅޭނެ ޒަމާނީ މަލްޓިޕަރޕަސް ހޯލުތަކާއި ކުތުބުޚާނާތައް ހިމެނޭ ގޮތަށް ފަރުމާކުރެވެމުންދާ ތަންތަނެވެ.

މިފަދަ މަޝްރޫއުތަކަކީ އަތޮޅުތެރޭގެ ރަށްރަށުގައި ދީނީ އެއްބައިވަންތަކަން އާލާކޮށް، ހެޔޮލަފާ ޖީލެއް ބިނާކުރުމަށްޓަކައި އެޅޭ ވަރަށް މުހިންމު ބިންގަލެކެވެ. ށ. އަތޮޅުގެ މި ދެ ރަށުގައި ކުރިއަށްދާ އިސްލާމިކް ސެންޓަރުތަކުގެ މަސައްކަތް ވެސް ތާވަލާ އެއްގޮތަށް، ވީހާވެސް އަވަހަކަށް ނިންމައި އާންމުންގެ ބޭނުމަށް ހުޅުވައިލުމަށް ސަރުކާރުން ދަނީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319