logo

"ބޭސިކް މެރިކަލްޗަރ ޓްރޭނިންގ ޕްރޮގްރާމް"ގެ ތިންވަނަ ބުރު މަނިޔަފުށީގައި ފަށައިފި

profile

އާމިނަތު ޝަޒްލާ - 10 އޮކްޓޯބަރު 2026 - 12:31

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން، މި އަހަރަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ބޭސިކް މެރިކަލްޗަރ ޓްރޭނިންގ ޕްރޮގްރާމް"ގެ ތިންވަނަ ބުރު ކ. މަނިޔަފުށީގައި ހުންނަ މެރިކަލްޗަރ ރިސާޗް އެންޑް ޓްރޭނިންގ ފެސިލިޓީގައި ރަސްމީކޮށް ފަށައިފިއެވެ.

https://wamco.com.mv/

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމްގައި ޖުމްލަ 15 ބައިވެރިން ބައިވެރިވެއެވެ. އޭގެ ތެރޭގައި އަންހެން ބައިވެރިއަކު ވެސް ހިމެނެއެވެ. މިއީ މެރިކަލްޗަރ ފަދަ އާ ދާއިރާތަކަށް އަންހެނުން ޝައުގުވެރިކުރުވުމަށާއި، މި ދާއިރާއިން އަންހެނުންގެ ދައުރު ފުޅާކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެކެވެ.

ކުރިއަށް އޮތް 14 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ މެރިކަލްޗަރގެ އަސާސީ އުކުޅުތަކާއި، ކަނޑުފަޅުގެ ދިރުންތައް އާލާކުރުމުގައި ބޭނުންކުރާ ޒަމާނީ ވަސީލަތްތަކުގެ މައުލޫމާތެވެ. މީގެ އިތުރުން، މަސްމަހާމެހި އެކި ވައްތަރުގެ ބަލިތަކުން ރައްކާތެރިކުރުމާއި، ބަލިތައް ދެނެގަނެ މެނޭޖްކުރާނެ ގޮތްތަކާއި، ކަނޑުގެ ދިރުންތަކަށް ބޭނުންވާ ދިރިހުރި ކާނާ (ލައިވް ފީޑް) އުފައްދާނެ ގޮތުގެ އަމަލީ ތަޖުރިބާ މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް ފޯރުކޮށްދެވޭނެއެވެ. ހަމައެއާއެކު، ތިމާވެށި ހިމާޔަތްކުރުމުގެ ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލުތަކަށް ބައިވެރިން އަހުލުވެރިކުރުވުން ވެސް މި ތަމްރީނުގެ ތެރޭގައި ހިމެނެއެވެ.

ރާއްޖޭގެ އިޤްތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނަނީ ފަތުރުވެރިކަމާއި ކަނޑުމަހުގެ މަސްވެރިކަމަށް ކަމަށްވާއިރު، އިޤްތިޞާދީ ބިންގާ ސިންދަފާތުކޮށް (ޑައިވަރސިފައިކޮށް) އާމްދަނީ އިތުރުކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ދާއިރާއަކީ ކަނޑުގެ ވަސީލަތްތަކުގެ ނަފާ އެންމެ ފުރިހަމައަށް ހޯދައި، "ނޫ އިޤްތިޞާދެއް" ޤާއިމުކުރުމެވެ. މި އަމާޒަށް ވާޞިލުވުމުގައި އެކުއަކަލްޗަރ އާއި މެރިކަލްޗަރގެ ސިނާޢަތެއް ރާއްޖޭގައި އާލާކޮށް ކުރިއެރުވުމަކީ ނުހަނު މުހިންމު ފިޔަވަޅެކެވެ.

ފަޅުތަކާއި ކަނޑުގެ ސަރަހައްދުތަކުގައި ކަނޑުފަޅުގެ ދިރުންތައް، ހާއްސަކޮށް ފާނައާއި ހުއިފިލަނޑާ އަދި އިތާމުތް ފަދަ ވިޔަފާރީގެ ބޮޑު އަގުހުރި ބާވަތްތައް އާލާކޮށްގެން ބޭރުގެ ބާޒާރުތަކަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތެވެ. ނަމަވެސް، މި ސިނާއަތް ކުރިއެރުވުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދާއިރާއަށް އަހުލުވެރި، ފަންނީ ތަމްރީނު ލިބިފައިވާ ދިވެހިން މަދުވުމެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ފަށާފައިވާ މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ވެސް މެރިކަލްޗަރ ދާއިރާއިން ދިވެހިންގެ ގާބިލުކަން އިތުރުކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެ މިފަދަ ވިޔަފާރިތައް ފެށުމުގެ ހުނަރު ޒުވާނުންނަށް އުނގަންނައިދިނުމެވެ. އަދި ރާއްޖޭގެ އެކުއަކަލްޗަރ ސިނާއަތް ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކުރިއެރުވުމަށް ބޭނުންވާ ބިންގާ އެޅުމެވެ.

މި ޕްރޮގްރާމްގެ ސަބަބުން، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރިތައް ފުޅާވެ، ދިވެހި ޒުވާނުންނަށް ވަޒީފާގެ އައު ފުރުސަތުތައް ތަނަވަސްވެގެންދާނެ ކަމަށް އެ މިނިސްޓްރީން އުންމީދު ކުރެއެވެ.

https://wamco.com.mv/
tel:+9607331319