logo

ސްރީލަންކަން އިން ރާއްޖޭގެ 17 މަންޒިލަކަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި

profile

މުޙައްމަދު ފަޟްލޫން - 28 ޖުލައި 2026 - 11:00

ސްރީލަންކަން އެއަރލައިނާއި ރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަންއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ދާއިރާއިން އައު އިންޓަލައިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

https://wamco.com.mv/

މި އެއްބަސްވުމުގެ ދަށުން، އެއް ޓިކެޓެއް ބޭނުންކޮށްގެން ރާއްޖޭގެ 17 މަންޒިލަކަށް ފަސޭހަކަމާއެކު ދަތުރުކުރުމުގެ މަގު ފަސިންޖަރުންނަށް ތަނަވަސްވެގެންދާނެއެވެ.

މީގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާއި ގަން އިންޓަނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށް، ސްރީލަންކަން އެއަރލައިނާއި މޯލްޑިވިއަންގެ ފްލައިޓްތައް ހިމެނޭހެން އެއް އިލެކްޓްރޯނިކް ޓިކެޓެއްގައި ދަތުރުތައް ބުކްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ދުރު ރަށްތަކަށާއި ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލްތަކަށް ވާސިލްވުމަށް ދަތުރުވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

ސްރީލަންކަން އެއަރލައިނުން މިހާރުވެސް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ދުވާލަކު ތިން ފްލައިޓް އަދި އައްޑޫ ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް ހަފުތާއަކު ދެ ފްލައިޓް އޮޕަރޭޓް ކުރަމުންދެއެވެ.

މި އައު ގުޅުމުގެ ސަބަބުން ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ބަދަހިވެ، ފަތުރުވެރިންނަށާއި ވިޔަފާރިވެރިންނަށް މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.

ސްރީލަންކަން އެއަރލައިންސްގެ ހެޑް އޮފް ކޮމާޝަލް ދިމުތު ތެންނަކޫން ވިދާޅުވި ގޮތުގައި، މޯލްޑިވިއަންއާއެކު ވެވުނު މި އެއްބަސްވުމަކީ ސަރަހައްދީ ފެންވަރުގައި އެއަރލައިންގެ ހިދުމަތްތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި ސްރީލަންކަންގެ ބައިނަލްއަގުވާމީ ވިއުގަ މޯލްޑިވިއަންގެ އެތެރޭގެ ދަތުރުފަތުރާ ގުޅުވާލުމުން ކަސްޓަމަރުންނަށް ބޮޑެތި ފަސޭހަތަކެއް ލިބި، ވިޔަފާރީގެ އައު އާ ފުރުސަތުތަކެއް ހުޅުވިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ސްރީލަންކަން އެއާލައިންސްގެ މޯލްޑިވްސް މެނޭޖަރު ނަޔޯމީ ތެންނަކޫން ވިދާޅުވީ މި ފެށުނު ބައިވެރިވުމުގެ ސަބަބުން އެއް ދަތުރުފަތުރުގެ ތަރުތީބެއްގެ ދަށުން ރާއްޖޭގެ އެކި މަންޒިލްތަކަށް ފަސޭހަކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

މި އިންތިޒާމުގެ ސަބަބުން ޓްރެވަލް އެޖެންޓުންނަށާއި ޓުއަރ އޮޕަރޭޓަރުންނަށް ބުކިންތައް ފުރިހަމަކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެ އެއާލައިނުން ބުނެއެވެ.

ސްރީލަންކަން އެއާލައިންސްއަކީ މިހާރުވެސް ދުނިޔޭގެ 63 ގައުމެއްގެ 130 މަންޒިލަކަށް ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދެމުންދާ އެއާލައިނެކެވެ.

މީގެ ތެރެއިން 33 މަންޒިލަކަށް އެ އެއާލައިނުން ދަނީ ސީދާ ދަތުރުތައް ކުރަމުންނެވެ.

މި އައު އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި ދަތުރުފަތުރުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk