
ފޮޓޯ: އަޔާޑާ މޯލްޑިވްސް އޮފިޝަލް
"ކްރިސްމަސް" ތަހުނިޔާ އާއި ދިވެހިން: ޑިސެމްބަރު މަހުގެ ބަހުސް

މުހައްމަދު މުޝްރިފް - 26 ޑިސެމްބަރު 2025 - 17:59
ކޮންމެ އަހަރެއްގެ ޑިސެމްބަރު މަސް ފެށުމާއެކު، ދިވެހިރާއްޖޭގެ މުޖުތަމައަށް ތަފާތު އިހުސާސްތަކެއް ވެރިވެއެވެ. އެއް ބަހުސެއް ތަކުރާރުވެއެވެ. ޚާއްސަކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެތައް ހާސް ދިވެހި މުވައްޒަފުންނަށް މިއީ ނަފްސާނީ ގޮތުން ބޮޑު އިމްތިހާނެއް ކުރިމަތިވާ ދުވަސްވަރެކެވެ. ރިސޯޓްތަކުގެ މާހައުލު ޒީނަތްތެރިވެ، ކްރިސްމަސްގެ ތައްޔާރީތައް ފެށުމާއެކު، މުސްލިމް މުވައްޒަފުންގެ ހިތުގައި ބޮޑު ސުވާލު މާކެއް އުފެދެއެވެ.
އަޅުގަނޑުމެންގެ އަމިއްލަ އީމާންކަމާއި، ވަޒީފާގެ މަސްއޫލިއްޔަތު ބައްދަލުކުރާ ހިސާބަކީ މިއީއެވެ. ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ހީވަނީ އޮތީ ހަމަ އެންމެ ދެ އިޚްތިޔާރެއް ކަމަށެވެ. އެއީ:
1. ނަފުރަތު (Hostility) އިސްކޮށް، މެހެމާނުންނާ މެދު ހަރުކަށިވުން،
2. ނުވަތަ އަމިއްލަ ނަފްސަށް އޮޅުވާލައިގެން (Self-deception) ތިމާ ގަބޫލުނުކުރާ ދީނީ ކަންތައްތަކެއްގައި ބައިވެރިވެ، އެހެން ބަޔަކު ހިތްހަމަޖައްސައިދިނުން
ނަމަވެސް، ހަގީގަތަކީ މިއީ ތޯއެވެ؟ އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ މި ދެ ގޮތުން ކުރެ ގޮތެއް ހިޔާރުކުރުމަށް ތޯއެވެ؟ ނޫނެކެވެ. އިސްލާމްދީން ދައްކައިދެނީ މާ ފުރިހަމަ، މާ އިންސާނީ، އަދި މާ ސާބިތު މަގެކެވެ.
އިސްލާމްދީނަކީ އިންސާނިއްޔަތުގެ ދީނެވެ. އަޅުގަނޑުމެންގެ ދީން އަމުރުކުރަނީ މުޖުތަމަޢުއާ ވަކިވެގަންނާކަށް ނޫނެވެ. ކީރިތި ގުރުއާނުގައި ﷲ ބަޔާންކުރައްވަނީ، މުސްލިމުންނާ ހަނގުރާމަ ނުކުރާ އަދި އަމާންކަމާއެކު އުޅޭ ޣައިރު މުސްލިމުންނަށް ހެޔޮކޮށް ހިތުމާއި އިންސާފުވެރިވުމަކީ މުސްލިމުންގެ މައްޗަށް އޮތް ކަމެއް ކަމަށެވެ.
ކީރިތި ރަސޫލާ ﷺ ގެ ހަޔާތްޕުޅުން އަޅުގަނޑުމެންނަށް ފެންނަން އޮތީ މިކަމުގެ އެންމެ ރިވެތިވެގެންވާ ނަމޫނާތަކެވެ. އެކަލޭގެފާނު ޣައިރު މުސްލިމުންނާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރެއްވިއެވެ. އެމީހުންގެ ތެރެއިން ބަލިމީހުންނަށް ޒިޔާރަތްކުރެއްވިއެވެ. އަދި އެމީހުންގެ ހަދިޔާ ގަބޫލުކުރެއްވިއެވެ. މި ހުރިހާ ކަމެއް ކުރެއްވީ އަމިއްލަ އަގީދާގެ މަތީގައި ސާބިތުވެ ހުންނަވައިގެންނެވެ. އެހެންކަމުން، އޯގާތެރިކަމަކީ (Compassion) އިސްލާމްދީނުގައި ހަމައެކަނި އިހުތިޔާރީ ކަމެއް ނޫނެވެ. އެއީ ދީނީ އަޚުލާގީ ވާޖިބެކެވެ.
އޯގާތެރިކަމަކީ ވަކި ދީނީ މުނާސަބަތަކަށް މަޑުކުރަންޖެހޭ ކަމެއް ނޫންކަން ދިވެހިން ވަނީ ދާދިފަހުން ވެސް ސާބިތުކޮށްދީފައެވެ. އަވަށްޓެރި ސްރީލަންކާގެ ރައްޔިތުންނަށް ގުދުރަތީ ކާރިސާއެއްގެ ސަބަބުން ކުރިމަތިވި ހިތާމަވެރި ދަތި ވަގުތުގައި، ދިވެހި މީޑިއާތަކުން އިސްނަގައިގެން "ސިލޯނާއެކު ދިވެހިން" ގެ ނަމުގައި ހިންގި ޓެލެތޯން އަކީ އޭގެ އަލިގަދަ ހެއްކެކެވެ.
ލަންކާގެ ބޮޑު އާބާދީއަކީ މުސްލިމުންނެއް ނޫނެވެ. ނަމަވެސް، އެއީ އަވަށްޓެރިންންނެވެ. އަދި އެއީ ބޭނުއްމެއް ޖެހިފައިވާ އިންސާނުންނަށް ވީތީ، ދިވެހިން ދެއްކި ދީލަތިކަމަކީ އިންސާނީ އޯގާތެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ. މީކަމުން ދޭހަކޮށްދެނީ ކޮންކަމެއްތޯއެވެ؟ މުސްލިމުންނަކީ އެހެން މީހުންނަށް ދެރަގޮތްތައް މެދުވެރިވާން އެދޭ ބައެއް ނޫން ކަމެވެ. އަދި އެބައެއްގެ ދީނީ ޚާއްސަ މުނާސބަތެއްގެ ތަހުނިޔާއެއް ނުފޮނުވުމަކީ، އެބަޔަކަށް ނަފުރަތު ކުރުން ނޫން ކަމެވެ. ހަގީގީ އޯގާތެރިކަމަކީ ބޭނުންޖެހިފައިވާ އިންސާނާގެ ބޭނުންތައް ފުއްދައިދިނުމެވެ.
ދެން އޮތީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސުވާލެވެ. "މެރީ ކްރިސްމަސް" އޭ ބުނުމާ މެދު އުފެދޭ ބަހުސެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު، ދީނީ މުނާސަބަތުތަކުގެ ތަހުނިޔާއަކީ ހަމައެކަނި އިޖުތިމާއީ އާދަކާދައެއް ނޫނެވެ. ވަކިން ޚާއްސަ ގޮތެއްގައި ކްރިސްމަސްގެ މުނާސަބަތެވެ. މުސްލިމުން އީސާގެފާނަށް އިހުތިރާމު ކުރަނީ މާތް ނަބިއްޔެއްގެ ގޮތުގައެވެ. އެކަލޭގެފާނަކީ ކަލެއް ނޫނެވެ. އެހެންކަމުން، އެ ދީނީ އަގީދާއާ ގުޅުންހުރި ބަސްތައް ބޭނުންކުރުމާ މުސްލިމުން ދުރުހެލިވަނީ އަމިއްލަ ދީނަށް ތެދުވެރިވުމުގެ (Integrity) ގޮތުންނެވެ.
ނަމަވެސް، މީގެ މާނައަކީ މެހެމާނުންނަށް މަރުހަބާ ނުކިޔުމެއް ނޫނެވެ. ޕްރޮފެޝަނަލް މުވައްޒަފަކަށް ވެ ހުރެ، އިހުތިރާމާއެކު (Mutual Respect) ޚިދުމަތް ދިނުމަކީ އިސްލާމީ ގޮތުން ބަލާއިރު 'އިހްސާންތެރިކަމުގެ' ސިފައެކެވެ. އަޅުގަނޑުމެންނަށް އަމިއްލަ ދީނީ އުސޫލުތަކުން ބޭރުނުވެ، އިޖުތިމާއީ ގުޅުން ބަދަހިކުރާނެ ރިތި ބަސްތައް ބޭނުންކުރެވިދާނެއެވެ. "ހެޕީ ހޮލިޑޭސް"، ނުވަތަ "އާއިލާއާއެކު އުފާވެރި ބާއްޖަވެރި ވަގުތުކޮޅަކަށް އެދެން" — މިއީ ދީނީ ގޮތުން ތިމާގެ އަގީދާއަށް އުނިކަމެއް ނާންނަ ގޮތަށް އިޖުތިމާއީ ޒިއްމާ (Social Responsibility) އަދާކުރެވިދާނެ ފަދަ ބަސްތަކެކެވެ.
ނަފްސާނީ އިލްމު (Social Psychology) ބުނާގޮތުން، މީހުން އަނެކާގެ ހިތްހެޔޮކަން ވަޒަންކުރަނީ ދައްކާ ޝިއާރުތަކަކުން ނޫނެވެ، ގެންގުޅޭ އުސޫލުތަކުންނެވެ. އަހަރުގެ ހުރިހާ ދުވަހަކު އިހުތިރާމާއެކު މުއާމަލާތްކުރާ، ބޭނުންޖެހޭ ވަގުތު އެހީތެރިވާ މުސްލިމަކަށް، ޣައިރު މުސްލިމުންގެ މެދުގައި އޮންނަ އިތުބާރު މާ ބޮޑެވެ.
އެންމެ މުހިންމު ކަމަކީ ތިމާ ގަބޫލުކުރާ ހަމަތަކާއި އުސޫލުތައް (Authenticity) އިސްކުރުމެވެ. މީހުން އެންމެ ބޮޑަށް އިހުތިރާމު ކުރަނީ އަމިއްލަ އުސޫލުތަކުގައި ސާބިތުވެ ތިބެމެ، އެހެން މީހުންނަށް އޯގާތެރިވާ މީހުންނަށެވެ. މެހެމާނުންނަށް ވެސް މުހިންމީ މުވައްޒަފުންގެ ތެދުވެރިކަމާއި (Integrity) ރީތި އަޚުލާގެވެ.
އެހެން މީހުންގެ ދީނީ ކަންކަމާ ދުރުހެލިވުމަކީ އެމީހުންނަށް އިހާނެތިކޮށްހިތުމެއް ނޫނެވެ. އެއީ ތިމާގެ އަމިއްލަ އީމާންކަމަށް ދޭ އަހަންމިއްޔަތު ކަމެކެވެ.
އިސްލާމްދީން އަޅުގަނޑުމެންނަކީ ދުނިޔެއާ ހަނގުރާމަކުރާ ބަޔަކަށް ނުހަދައެވެ. އޭގެ ބަދަލުގައި، އަޅުގަނޑުމެންނަކީ އަމިއްލަ ޟަމީރު ގަބޫލުކުރާ އުސޫލުތަކާއެކު (Conscience) އަމާންކަމުގައި ތިބޭ ބަޔަކަށް ހަދައެވެ. އަޅުގަނޑުމެންނަށް ދެއްކުންތެރިކަމަކާ ނުލައި ހިނިތުންވެވިދާނެ އެވެ. އުސޫލުތައް ދޫކުރުމަކާ ނުލައި އޯގާތެރިވެވިދާނެ އެވެ. އަދި އަޤީދާއަށް ލޮޅުން އެރުވުމަކާ ނުލައި އެހެން މީހުންނަށް އިހުތިރާމު ކުރެވިދާނެއެވެ.
އަޅުގަނޑުމެންގެ އަގީދާ ވަރުގަދަކޮށް (Firm belief)، ޚުލްގުހެޔޮ އޯގާތެރި ކަމެއްގައި ވާނަމަ (Gentle character)، އިސްލާމްދީނުގެ ފުރިހަމަކަން އޭގެ ޒާތުގައި އަމިއްލައަށް ހާމަވެގެންދާނެ އެވެ. އޮޅުމެއްއެރުމަކާ ނުލައެވެ. ނަފުރަތުވުމަކާ ނުލައެވެ. އަދި ލަދުވެތިވެ މާފަށް އެދުމަކާވެސް ނުލައެވެ. (Without apology)
މުސްލިމަކަށް ވީތީ އަޅުގަނޑުމެން މީހުންނަށް ހެޔޮކޮށް ހިތަނީ އެމީހުންގެ ދީނަކަށް ބަލާފައެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ދީން އެކަމަށް އަމުރުކުރާތީއެވެ. ކްރިސްމަސްގެ ތަހުނިޔާ ނުފޮނުވުމަކީ ހަރުކަށިކަމެއް ވެސް ނޫނެވެ. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ހަމަތަކަށް އިސްކަންދިނުމެވެ. އެއާއެކުވެސް، އަޅުގަނޑުމެންނަކީ ދުނިޔެ ދުށް އެންމެ އޯގާތެރި އިންސާނުން ކަމުގައި ވެވިދާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރިސޯޓެއްގައި މަރުވެފައި އޮތް ކުޑަކުއްޖެއް ޑަސްބިނެއްގެ ތެރެއިން ފެނިއްޖެ
2 ގަޑިއިރު ކުރިން

އެކަނި ކުދިން ބަލާ މީހުންގެ އެލަވަންސް ދެނީ ގިނަވެގެން 12،000ރ. އާ ހަމައަށް
3 ގަޑިއިރު ކުރިން

ސުނާމީ ކާރިސާގެ ހިތްދަތި ހަނދާންތައް ހިތުން ފިލާ ނުދާނެ!
4 ގަޑިއިރު ކުރިން

މާލޭގައި ނޭޕާލް އަންހެނުންތަކެއްގެ މެދުގައި މާރާމާރީއެއްހިނގައިފި
4 ގަޑިއިރު ކުރިން


