logo

ސުނާމީ ކާރިސާގެ ހިތްދަތި ހަނދާންތައް ހިތުން ފިލާ ނުދާނެ!

profile

މުޙައްމަދު ފަޟްލޫން - 26 ޑިސެމްބަރު 2025 - 17:40

ލޯތަށް ކަރުނުން ފޯކޮށް ތެންމާލި އެ ހިތްދަތި ހިތާމަވެރި ދުވަހުގެ ހަނދާންތައް ސިކުނޑީގައި އިއްޔެވީ ކަމެއްހެން ވަނީ ބިންވަޅުނެގިފައެވެ.

https://wamco.com.mv/

2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު މުޅި ރާއްޖެއާއި ދުނިޔޭގެ ބައެއް ހިސާބުތަކަށް އެރި ބޮޑު ރާޅު ނުވަތަ ސުނާމީ އަކީ ފަހުގެ ތާރީހެއްގައި ކުރިމަތިވި ނުރައްކާތެރި ކާރިސާއެކެވެ.

މި ކާރިސާގައި އަސަރު ނުކުރާ ދިވެހިރާއްޖޭގެ އެއްވެސް ރަށެއް، އަތޮޅެއް ނެތޭ ބުނެވިދާނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރާއްޖެއަށް ސުނާމީ ކާރިސާގެ ފުރަތަމަ ރާޅު އެރީ އެ ދުވަހު ހެނދުނު ގަޑިން 9:20 ހާއިރުގައެވެ.

ކަމެއްވާން އުޅޭކަމުގެ ހިލަމެއް އަދި ސިގްނަލެއް ވެސް ނުލިބި ތިއްބާ ދިވެހީންނަށް ފެނުނީ ރަށުގެ ގަސްކަރަ މަތިން ބިޔަ ބޮޑު ރާޅުތަކެއް އައިސް އަމިއްލަ ފަސްގަނޑަށް ބިންދާލި މަންޒަރެވެ.

ދިރިއުޅުން ބިނާ ކުރުމަށް އެތައް ދުވަހެއްގެ މަސައްކަތުން އެޅި ގެދޮރު ސިކުންތެއްގެ ތެރޭގައި ސުންނާފަތިވެ މުދާތައް އޮޔާދާ މަންޒަރު ބަލަން ދިވެހީންނަށް އެ ދުވަހު ތިބެން ޖެހުނީ މަޖުބޫރީ ހާލަތުގައި ގިސްލަ ގިސްލައެވެ.

އެހީތެރިކަމެއް ހޯދަން ދާނެ ތަނެއް ހަދާނެ ގޮތެއް ނެތި މަންޒަރު ބަލަން ތިބެވުނީ ކުއްލި ޝޮކެއްގައެވެ.

އިންޑޮނޭޝިއާގެ ހުޅަނގުން ކަނޑުގެ އަޑިއަށް އައި ބާރުގަދަ ބިންހެލުމަކާއި އެކު އުފެދުނު ސުނާމީ ދިވެހިރާއްޖެއަށް ފޯރީ ބިންހެލުން އައިތާ ގާތްގަނޑަކަށް ތިންގަޑިއިރު ފަހުންނެވެ. ސުނާމީގެ ރާޅު ރާއްޖޭގެ އެއްފަރާތުން އަނެއް ފަރާތަށް އަރައިގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ.

ދިވެހި ރާއްޖޭގެ ރައްޔިތުން އެދުވަހު ތިބީ ހަދާނެ އެއްވެސް ގޮތެއް ނެތި ހަތަރު އުދަރެސް ފެނު ޖެހިފައިވާ ހާލުގައެވެ.

ދުވަހަކުވެސް ތަޖުރިބާ ކޮށްފައިވާ ކަމަކަށް ނުވާތީ ސުނާމީއެއް ރާއްޖެ އެރިވާހަކަ އަޑުއިވުމުން އެކަން ގަބޫލުކުރުން ވެސް ވީ ދަތިކަމަކަށެވެ. ނަމަވެސް އެ ބިޔަ ރާޅު އެއްކޮޅުން އަނެއް ކޮޅަށް އަރައިގެންދިޔައީ އެތައް ފުރާނަ ތަކެއް ދުނިޔެ ދޫކޮށް ބައެއްގެ ދިރިއުޅުން ވެއްޔާ މޮޑެލައި އެތައް ބައެއްގެ އުއްމީދުތައް ވިއްސި ވިހާލިކޮށްލާފައެވެ. އެތައް ބަޔަކު ކަރުނައިން ތެންމާފައެވެ.

ސުނާމީ ކާރިސާގައި ދިވެހި ރާއްޖެއިން ޖުމްލަ 82 މީހުން މި ދުނިޔެ ދޫކޮށްފައިވެއެވެ.

ވީނުވީއެއް ނޭނގި ރާއްޖެއިން 26 މީހަކު ވަނީ ގެއްލިފައެވެ.

މިއަދާ ހަމައަށް ވެސް އެމީހުންގެ އާއިލާގެ މީހުންގެ ހިތުގައި އެމީހުން ނެތުމުގެ ފަޅުކަން އިންތިހާއަށް އެބައޮތެވެ.

ސުނާމީ ކާރިސާގައި ހަލާކުވެދިޔަ ބައެއް ރަށްތަކާއި އެރަށްތަކުގައި ދިރިއުޅުނު ރައްޔިތުން އެހެން ރަށްރަށަށް ހިޖުރަ ކުރަންޖެހުނެވެ. ސުނާމީގެ ސަބަބުން ގޯތިގެދޮރު ގެއްލުނު އެތައް ބަޔަކަށް ސަރުކާރުން އެހީތެރިވެ އަޅާލުން ފޯރުކޮށްދިނެވެ.

ސުނާމީގައި ރާއްޖޭގެ ބައެއް ރިސޯޓްތަކަށް ގެއްލުންތައް ލިބުނެވެ. ވެރިރަށް މާލެ ސިޓީއަށް ވެސް އެކިވަރުގެ ގެއްލުންތައް ސުނާމީގައި ލިބިގެން ދިޔައެވެ.

މީގެ 21 އަހަރު ކުރިން ރާއްޖެ އެރި ސުނާމީގެ ހަނދާންތަކާއި އެމަންޒަރުތައް ހަމަލޮލުން ދުށް އެތައް ބަޔަކު އަދިވެސް މިދުނިޔޭގައި އެބަތިއްބެވެ.

އެދުވަހުގެ ހަނދާންތަކާއި މަންޒަރުތައް ކެމެރާތަކުގެ ލެންސްތަކުގެ އެހީގައްޔާއި ވީޑިއޯތަކުގެ އެހީގައި ރައްކާކޮށްފައި އަދި ތާރީހަށްޓަކައި ފެންނަން އެބަހުއްޓެވެ.

ސުނާމީގައި ރާއްޖޭގެ މުއާސަލާތީ ހިދުމަތްތައްވެސް އެއްކޮށް ކަހަލަ ގޮތަކަށް މެދުކެނޑިގެންދިޔައެވެ.

މީގެ 21 އަހަރު ކުރިން ދިވެހިންނާއި ކުރިމަތިވި ބިރުވެރި ސުނާމީ ކާރިސާގައި ރާއްޖެއިން 15،000 މީހުންގެ ގެދޮރު ގެއްލުނެވެ.

13 ރަށަކުން މީހުން ހުސްކޮށް، އެހެން ރަށްރަށަށް އެމީހުން ބަދަލުކުރަންޖެހުނެވެ.

ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅައެއްބައި މީހުންނަށް ސީދާ ގޮތެއްގައި އެކާރިސާގެ އަސަރުކުރިއެވެ.

ގިނަ ރަށްރަށުގެ ގިނަ ހިދުމަތްތަކަށް ބުރުން އެރިއެވެ.

ނަމަވެސް އެދުވަހު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނާއި ރައްޔިތުންގެ މިންނަތް މަސައްކަތުން ސުނާމީގެ ދަތި ހާލަތުން އެހެން ގައުމުތަކުގެ ކުރިން އަރައިގަނެވުނެވެ.

އެދުވަހުގެ ހިތްދަތިކަމާއި އެކު އެދުވަހުގައި ދިވެހިންގެ އެއްބައިވަންތަ ކަމާއި އެކުވެރިކަމާއި އަހްވަންތަކަމުގެ މިސާލު ފެނިގެންދިޔައީ ހާލުގައި ޖެހުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިން އަވަސްކަމެވެ. އެހެން ކަމުން އެދުވަސް ފާހަގަކުރަމުންދަނީ ދިވެހިންގެ އެއްބައިވަންތަ ކަމުގެ ދުވަހުގެ ގޮތުގައެވެ.

މާތް ﷲ ގެ ތަނަވަސް ރަހުމަތުން ސުނާމީގެ ހިތްދަތިކަމުން ރާއްޖޭގެ ރައްޔިތުންނަށް މިއަދު މިވަނީ އަރައިގަނެވިފައެވެ.

ސުނާމީ ފަދަ ނުރައްކާތެރި ކާރިސާތަކާއި މުސީބާތްތައް ދުނިޔެމައްޗަށް ކުރިމަތިވަނީ އިންސާނުންގެ އަމަލުތަކުގެ ސަބަބުންނެވެ.

މާތް ﷲ އެންގެވި މަގުން އެއްކިބާވެ، ޝިރުކުގެ އަމަލުތައް ގިނަވުމާއި މުންކަރާތްތަކަށް އަރައިގަތުން ގިނަވުމުގެ ނަތީޖާ އަކީ ނުރައްކާތެރި ކަންތައްތައް މެދުވެރިވުމެވެ.

މީގެ ކުރިންވެސް ދުނިޔެއަށް ކުރިމަތިވި މުސީބާތްތައް ކުރިމަތިވެފައިވަނީ މާތް ﷲ ގެ މަގުން އެއް ކިބާވެ އެ އިލާހު ހަނދުމަނުކޮށް އުޅުމުގެ ސަބަބުންނެވެ. އެހެންކަމުން ﷲ އެންގެވިގޮތަށް އުޅެ އެކަލާނގެ ހަރާމް ކުރެއްވި ކަންތައްތަކާއި ދުރުވެތިބުމަކީ ވަރަށް މުހިއްމު އަދި ނުހަނު ބޭނުންތެރި ކަމެކެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay