
ރާއްޖެއާއި އިންޑިޔާ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ސާފު
ރާއްޖެ ބަލިކޮށް އިންޑިޔާ ފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން - 16 މޭ 2025 - 21:59
އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލް ދެވަނަ މެޗުގައި ހުކުރު ދުވަހުގެ ރޭ 3-0 ގެ ނަތީޖާއަކުން ދިވެހިރާއްޖެ ބަލިކޮށް އިންޑިޔާ އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ސެމީފައިނަލުން ދިވެހި ޓީމު ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ހޯދި ދެޕޮއިންޓާއެކު ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި އިންޑިޔާ ސެމީފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
އިންޑިޔާގެ އަރުނާޗަލް ޕްރަދޭޝްގެ ގޯލްޑަން ޖޫބިލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އިންޑިޔާ އިން މެޗު ޑޮމިނޭޓްކުރިއިރު އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނީ މެއިޓެއި އެވެ.
މިއީ އެޓީމުގެ ޕްރަޝާން ޖާޖޯ އަރިމަތިން ހުރަސްކޮށްދިން ބޯޅައެއް ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށްހުރެ ވެއްޓިގެންފައި، ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އޮމާންގް ދޮދޫމް އެވެ.
މެޗުގެ ދެވަނަ ހާފުގައި ރާއްޖެ އިން ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހޭތޯ މަސައްކަތްކުރި ނަމަވެސް ބޯ ވިއްސާރައިގައި ދެ ވަނަ ހާފުގެ ބޮޑުބައި ކުޅެންޖެހުމުން ދެޓީމަށް ވެސް ކުޅެން އުނދަގޫވިއިރު، އިންޑިޔާގެ ތިންވަނަ ލަނޑަކީ އެޓީމުގެ ޖާޖޯ ރާއްޖޭގެ ޕެނަލްޓީ އޭރިއާ ރޮނގުމަތީހުރެ ފޮނުވާލި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި މިމެޗުގައި މޮޅު ކުޅުމެއް ދެއްކި ރާއްޖެ ޓީމުގެ ކީޕަރު ޒަހުރާނަށް ހެދުނު ގޯހަކުން ވަން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުފައި ދެޓީމުނަ ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3-0 ގެ ނަތީޖާއަކުން އިންޑިޔާ ކުރީގައި އޮވެގެންނެވެ.
މުބާރާތުގެ ފައިނަލުގައި އާދިއްތަ ދުވަހު އިންޑިއާ އިން ނުކުންނާނީ ބަންގްލަދޭޝް އާއި ދެކޮޅަށެވެ. ބަންގްލަދޭޝް އިން ވަނީ ހުކުރު ދުވަހު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން ނޭޕާލް ބަލިކޮށްފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

އެންމެ ފަހުގެ ޗެންޕިއަން ވެމްކޯ ބަލިކޮށް، ޤައުމީ ވޮލީބޯޅަ ލީގު ޕޮލިސް ކުލަބުން ކާމިޔާބުކޮށްފި
21 ދުވަސް ކުރިން

44 ޓީމާއެކު 12 އަހަރުންދަށުގެ މައިލޯ އެކަޑަމީ ޗެންޕިއަންޝިޕް 2025 ފެށިގެން ކުރިއަށްދަނީ
18 ދުވަސް ކުރިން

ގައުމީ ދިގުފެތުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
18 ދުވަސް ކުރިން
12 އަހަރުންދަށުގެ މައިލޯ އެކަޑަމީ ޗެންޕިއަންޝިޕް މާޒިޔާ އިން ކާމިޔާބުކޮށްފި
15 ދުވަސް ކުރިން