.jpg&w=3840&q=75)
ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު, ފޮޓޯ: ސޯޝަލް މީޑިއާ
ރައްޔިތުންގެ ޙައްޤުތަކާއި ދުސްތޫރީ މަސްއޫލިއްޔަތާމެދު ސުވާލު އުފެދޭ: ޑރ. ޖަމީލް

އާމިނަތު ޝަޒްލާ - 23 ނޮވެމްބަރު 2026 - 08:27
ރަސްމާލެ މަޝްރޫއާ ގުޅިގެން ބޭރުގެ ކުންފުންޏަކަށް ބިން ދިނުމުގެ މައްސަލައިގައި ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އިންކާރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުސްތޫރީ މަސްއޫލިއްޔަތުތަކާއި، ގައުމުގެ މުސްތަގުބަލާ މެދު ގޮތް ނިންމުމަށް ރައްޔިތުންނަށް ލިބިގެންވާ ހައްގާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ މީސްމީޑިއާ މަންސަ "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި މަޝްރޫއާ ގުޅޭ ވިޔަފާރީގެ އެއްބަސްވުމުގެ ފުރިހަމަ ތަފްސީލުތައް ސަރުކާރުން އަދިވެސް ބަހައްޓާފައިވަނީ ރައްޔިތުންނަށް ސިއްރުކޮށްފައެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ފަދަ ދާއިމީ ހައްގުތަކެއް ދިނުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ އަސާސްތަކާ ސީދާ ފުށުއަރާ ކަމެކެވެ. އަދި މިއީ ގައުމުގެ މިނިވަންކަމާއި، ގައުމީވަންތަކަމާއި ދީނީ އެއްބައިވަންތަކަމަށް އޮތް ނުރައްކަލެއް ކަމަށާއި، މިފަދަ ގާނޫނެއްގެ ސަބަބުން ދިވެހި ދައުލަތުގެ ބިންގާ ބަލިކަށިވެ، ދިވެހި ގައުމިއްޔަތަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ބިރު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުން ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގައި ރަސްމާލޭގެ ބިންތައް 99 އަހަރަށް ކުއްޔަށް ދޫކުރުމަށް ހިމަނާފައިވާއިރު، އޭގެ ތެރޭގައި 'ސަރެންޑަރ-އެންޑް-ރީގްރާންޓް' އުސޫލު ހިމެނޭކަން ޑރ. ޖަމީލް ފާހަގަކުރެއްވިއެވެ. ނަމަވެސް، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އަދިވެސް އޮތީ ސިއްރުކޮށްފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ވެސް ވަނީ ބޮޑެތި ބަހުސްތަކެއް ހިނގާފައެވެ. އެގޮތުން، މިދިޔަ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު މަޖިލީހުން ވަނީ އީގަލް ހިލްސްގެ ވިޔަފާރި އެއްބަސްވުމުގެ ތަފްސީލު ހާމަކުރުމަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި ގަރާރު ބޭރުކޮށްލާފައެވެ. އެކަމާ ގުޅިގެން ފާޑުކިޔުން އަމާޒުކުރައްވަމުން ޑރ. ޖަމީލް ވަނީ، 500 ހެކްޓަރުގެ ބޮޑު މަޝްރޫއެއްގެ ގާނޫނީ އަދި މާލީ ނަތީޖާތައް، އެއްބަސްވުމުގެ ފުރިހަމަ ތަފްސީލު ނޭނގި މަޖިލިސް މެންބަރުންނަށް ދިރާސާކުރެވޭނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ.
މި އެއްބަސްވުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ވެސް އަންނަނީ އަޑުއުފުލަމުންނެވެ. އެމްޑީޕީން ވަނީ އެއްބަސްވުން އާންމުކޮށް ހާމަކުރުމަށާއި، މި ނިންމުމާމެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ތަކުރާރުކޮށް ގޮވާލާފައެވެ. މީގެއިތުރުން، އިދިކޮޅު ފަރާތްތަކުން އިސްވެ ހިންގާ ގައުމީ ހަރަކާތުން އިންޒާރު ދީފައިވަނީ، ރައްޔިތުންގެ އިރާދައާ ހިލާފަށް ސަރުކާރުން ވެފައިވާ މިފަދަ އެއްބަސްވުމެއް ކުރިއަށް އޮތް ސަރުކާރަކުން އެއްވެސް ބަދަލަކާ ނުލައި އުވާލައިފާނެ ކަމަށެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެސް ވަނީ އީގަލް ހިލްސްގެ އެއްބަސްވުމަކީ ދިވެހި ގާނޫނުތަކާ ހިލާފު އެއްބަސްވުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އެމަނިކުފާނު ވަނީ އެ ކުންފުނީގެ ޗެއާމަން މުޙައްމަދު އަލްޢައްބާރަށް އިންޒާރު ދެއްވަމުން، އެމަނިކުފާނުގެ ޕާޓީ ވެރިކަމަށް އަޔަސް ނުވަތަ އެމްޑީޕީގެ ސަރުކާރެއް އޮތް ނަމަވެސް، އެއްވެސް ބަދަލަކާ ނުލައި އެ ބިންތައް އަނބުރާ ދައުލަތަށް ނަގާނެ ކަމަށް ވިދާޅުވެފައެވެ.
މި މައްސަލައިގައި ސިޔާސީ ފަރާތްތަކުގެ އިތުރުން ދީނީ އިލްމުވެރިންގެ ފަރާތުން ވެސް ކަންބޮޑުވުންތައް ވަނީ ފާޅުކޮށްފައެވެ. އެގޮތުން، ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންގެ ޖަމްއިއްޔާއިން ވެސް ވަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި އިސްލާމީ އުސޫލުތަކަށް ރިއާޔަތްކޮށް، ރަސްމާލެ-އީގަލް ހިލްސް މަޝްރޫއު ކުރިއަށް ނުގެންގޮސް ވަގުތުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ދެން އަންނަ ސަރުކާރަކުން އެންމެ ފުރަތަމަ ބަލަންޖެހޭނީ "ޓެންޓް ކޮރަޕްޝަން": މަލީހް
ގަޑިއިރެއް ކުރިން
.jpg&w=3840&q=75)
ނަފްސާނީ ސިއްހަތުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި
ގަޑިއިރެއް ކުރިން

ކުރިއަށް އޮތް 3 ދުވަހުމާލޭގެ ވައި ނުސާފުވާތީ ސަމާލުވާން މެޓުން އިލްތިމާސްކޮށްފި
ގަޑިއިރެއް ކުރިން

ބަޖެޓް ފަރުމާކޮށްފައިވަނީ މަނީ ލޯންޑަރކުރަން ފުރުސަތުފަހިވާގޮތަށް: މައުރޫފް
3 ގަޑިއިރު ކުރިން


