logo

ބަންޑާރަނައިބު، އައު ޕީޖީ ޢައްބާސް ޝަރީފާ ބައްދަލުކުރައްވައި މަރުޙަބާ ވިދާޅުވެއްޖެ

profile

އައިޝަތު އިނާޝާ - 19 ސެޕްޓެމްބަރު 2024 - 15:08

ފޮޓޯ: އޭޖީ އޮފީސް

ފޮޓޯ: އޭޖީ އޮފީސް

ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމާ އަލަށް ޙަވާލުވެވަޑައިގެންނެވި ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފާ ބައްދަލުކުރައްވާ މަރުޙަބާ ވިދާޅުވެއްޖެއެވެ.

މިބައްދަލުވުމުގައި ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން، ބަންޑާރަނައިބު އުޝާމް ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގެ ޒިންމާތައް އަދާކުރެއްވުމުގައި، ތެދުވެރިކަމާއެކު ދެމިހުންނެވުމަށް އަލްއުސްތާޛް ޢައްބާސް ޝަރީފަށް ހިތްވަރު ދެއްވާފައެވެ.

ޕީޖީގެ މަގާމަށް އައްބާސް އައްޔަނުކުރުމަށް 85 މެމްބަރުންގެ ވޯޓާއި އެކު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ، ދައުރުން ބޭރުން ބޭއްވި ހާއްސަ ތިންވަނަ ޖަލްސާގައެވެ. އެއާކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަގާމަށް އައްބާސް އިއްޔެ އައްޔަނު ކުރައްވާފައެވެ.

ޕީޖީ ކަމަށް އައްޔަނު ކުރެއްވުމުގެ ކުރިން އައްބާސް ހުންނެވީ ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓަރީ އެފެއާޒްގެ މަގާމުގައެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި އައްބާސް އަކީ ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމުގެ އިތުރުން ކުޅަދާނަ ގާނޫނީ ވަކީލެއްވެސް މެއެވެ. އައްބާސްއަކީ މިހާތަނަށް އެ މަގާމަށް އައްޔަނުކުރެވުނު 5 ވަނަ ބޭފުޅާއެވެ.

https://int.etukuri.mv/
tel:+9607331319