logo

ވޭޕް މަނާކުރުމުގެ މަސައްކަތް: ގާނޫނުތަކަށް ގެންނަޖެހޭ އިސްލާހުތައް މިހަފުތާގައި ހުށަހަޅަނީ

profile

ޝާމާ ޝުޢައިބު - 14 އޮކްޓޯބަރު 2024 - 21:43

ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭޖީ އުޝާމް (ފޮޓޯ/ ރައީސް އޮފީސް)

ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭޖީ އުޝާމް (ފޮޓޯ/ ރައީސް އޮފީސް)

ވޭޕްކުރުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައެޅުމަށް އަންނަ ގާނޫނުތަކަށް ގެންނަޖެހޭ އިސްލާހްތައް މި ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެކޮށް، އެތަކެތި ގެންގުޅުމާއި އަދި ވިއްކުން ވެސް މަނާކުރުމަށް ކުރަންޖެހޭ ކަންކަން ކުރަން ކަމާބެހޭ ފަރާތްތަކަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވާފައެވެ.

އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބަންޑާރަ ނައިބް އުޝާމް ވިދާޅުވީ މި ގައުމުގެ ޅަދަރިންނާއި ޒުވާނުން އަދި ގައުމުގެ ހުރިހާ ރައްޔިތުންގެ ޙައްޤުގައި ރައީސް ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވާ ކަމަށެވެ.

އުޝާމް ވިދާޅުވީ ރައީސްގެ ނިންމެވުން ތަންފީޒުކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މިހަފްތާގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާއި، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބުގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ރައީސް އަންގަވާފައިވަނީ އަންނަ ނޮވެމްބަރު 15 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން މަނާކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށެވެ. އަދި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރު ކުރުމާއި ހިލޭ ބެހުން ވެސް އަންނަ ޑިސެމްބަރު 15 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށްވެސް ވަނީ އަންގަވާފައެވެ.

ރައީސް މިގޮތަށް އަންގަވާފައި މިވަނީ، ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރެޓް ރާއްޖެއަށް އެތެރެކުރުން މަނާކޮށްދިނުމަށް އެކި ޖަމިއްޔާތަކުން ވެސް އެދެމުންދާ ދަނޑިވަޅެއްގައެވެ. ވޭޕް މަނާކުރުމަށް އެދި ރައީސަށް ސިޓީއެއްވެސް އެ ފަރާތްތަކުން ހުށަހަޅާފައި ވެއެވެ.

ވޭޕާ ގުޅިގެން ދިވެހި ޑޮކްޓަރުންގެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔެއާއި ރާއްޖެއަށް ކުރިމަތިލާން ޖެހޭ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށެވެ. އެގޮތުން، ދުންފަތުގެ ބާވަތްތައް ބޭނުން ކުރުމަކީ ގައިންގަޔަށް ނާރާ ބަލިތައް ޖެހެން މަގުފަހިވާ ކަމެއް ކަމަށް އެތައް ދިރާސާއަކުން ސާބިތުވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ނަރުހުންގެ ޖަމިއްޔާއިން ވެސް ވަނީ ވޭޕާއި އީ-ސިނގިރޭޓު މަނާކޮށްދިނުމަށް އެދި ކަމާބެހޭ މުއައްސަސާތަކާއި ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލައި ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، ވޭޕްގެ ސިއްހީ ނުރައްކާތެރި ކަމާމެދު މިހާރު ލިބިފައިވާ ފަންނީ މައުލޫމާތުތަކަށް ބިނާކޮށް އެމެރިކާގެސީޑީސީ އާއި އެފްޑީއޭ ގުޅިގެން ނެރެފައިވާ ބަޔާނުގައި ވޭޕް ބޭނުންކުރުން ހުއްޓާލުމަށް ގޮވާލާފައިވާ ކަމަށެވެ. އަދި ދުންފަތުގެ ތަފާތު ނުރައްކަލަކަށް ހުށަހެޅިގެންދާ އައު ޖީލެއް މިހާރު އުފެދިފައިވާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.




https://int.etukuri.mv/
tel:+9607331319