logo

ސަރުކާރުގެ ދައުވަތަކީ ފިކުރު އެއްކިބާކޮށް ޤައުމުގެ ތަރައްޤީއަށް ޒުވާނުން ނިކުތުން

profile

އައިޝަތު އިނާޝާ - 12 ސެޕްޓެމްބަރު 2024 - 17:00

ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ޒުވާން ތައުލީމީ ރައީސެއް ޤައުމު ބިނާކުރެއްވުމަށް މިއަދު މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ސަރުކާރުގެ ދައުވަތަކީ ފިކުރު އެއްކިބާކޮށް ޤައުމުގެ ތަރައްޤީއަށް ޒުވާނުން ނިކުތުންކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓް ނަން ބަދަލު ކުރުމާއި އިންކިއުބޭޝަން ސެންޓަރުގެ އިފްތިތާހީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، ރާއްޖެ މިއަދު އޮތް ހިސާބަށް ބަލާއިރު ޤައުމުގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަން ކަމަށެވެ. ފަތުރުވެރިކަމުގެ ތެރެއިން އަދި އެހެން ސިނާއަތްތަކުންވެސް އިޤްތިޞާދު ސިންދަފާތުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ޤައުމު އޮތީ ވަރަށް އުނދަގޫ ހާލަތެއްގައިކަމަށެވެ. އެގޮތުން ދަރަނި އޮތީ 122 ބިލިއަން ރުފިޔާގައިކަމަށާއި ޒުވާން ތައުލީމީ ރައީސެއް ޤައުމު ބިނާކުރުމަށް މަސައްކަތް މިއަދު ކުރަމުން އަންނައިރު، ސަރުކާރުގެ ދައުވަތަކީ ފިކުރު އެއްކިބާކޮށް ޤައުމުގެ ތަރައްޤީއަށް ޒުވާނުން ނިކުތުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ޒުވާނުންނަށް މިނިސްޓަރު ވަނީ ޤައުމު ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަށް ދައުވަތު ދެއްވާފައެވެ.

"ތިބޭފުޅުންނާއިއެކު މަސައްކަތްކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ. އަޅުގަނޑުމެންނަށް ކުރެވޭނެ ކޮށްދެވޭނެ ކަންތައްތައް އަޅުގަނޑުމެންނަށް ފަހިކޮށްދެވޭނެ. އެއީ ރާއްޖޭގެ ހުރިހާ ކޮލެޖްތަކަށް ސްކޫލްތަކަކަށްވެސް. އެހެންވީމަ އަޅުގަނޑު އެދެނީ ސަރުކާރާއެކުގައި ރައީސުލްޖުމްހޫރިއްޔާގެ ފަހަތްޕުޅުގައި ތިބޭފުޅުން ނޭޝަން ބިލްޑިންއަށް އައު ޖޯޝެއްގައި އައު ފޯރިއަކާއިއެއްކޮށް މަސައްކަތް ކޮށްދެއްވުން. އިނޮވޭޓިވް އައު ސެކްޓަރތަކަށް ވަދެވަޑައިގަތުމަށްޓަކައި މަސައްކަތްތަކެއް ކުރެއްވުން. އަޅުގަނޑުމެން ޤައުމުގެ ރޭޓިން ބަދަލުކުރާނަން އިރާދަކުރެއްވިއްޔާ. އަޅުގަނޑުމެން ދަރަނި އަރަންޏަށް ހެދޭނީ އަޅުގަނޑުމެން އެންމެން އެކުގައި އެއްކޮށް މަސައްކަތްކޮށްގެން." މިނިސްޓަރު

ވިލާ ކޮލެޖުން ތަޢާރަފުކުރި އިންކިއުބޭޝަން ސެންޓަރަކީ ވިޔަފާރިތަކަށް މަގުދައްކައިދީ، އިރުޝާދާއި ލަފާ ފޯރުކޮށްދޭނެ މަރުކަޒެކެވެ. މީގެ އިތުރުން، މި މަރުކަޒުގައި އެކި ދާއިރާތަކުގެ ވިޔަފާރިތަކަށް ބޭނުންވާ ޚިދުމަތްތަކާއި ވަސީލަތްތައް ޤާއިމުކުރެވިފައި ހުންނާނެއެވެ.

މި މަރުކަޒަކީ އަލަށް ފަށާ އަދި ކުރިއަރަމުން އަންނަ ވިޔަފާރިތަކަށް އެހީތެރިވެދޭ، އެ ފަރާތްތަކުގެ ކާމިޔާބީއަށް މަގުފަހިކޮށްދޭނެ މުހިންމު މަރުކަޒަކަށް ވެގެންދާނެއެވެ.

https://int.etukuri.mv/
tel:+9607331319