logo

ދެގައުމުގެ ފައިސާއިން މުއާމަލާތު ކުރެވޭގޮތް ހެދުމަށް ޗައިނާއާއި ރާއްޖެއިން އެއްބަސްވުމަކަށް

profile

އާމިނަތު ޝަފާ - 13 ސެޕްޓެމްބަރު 2024 - 16:11

ރައީސް މުއިއްޒު ޗައިނާގެ ރައީސާއެކު

ރައީސް މުއިއްޒު ޗައިނާގެ ރައީސާއެކު

ދިވެހި ސަރުކާރާއި ޗައިނާގެ ޕީޕަލްސް ބޭންކް (ޕީބީއޯސީ)އާ ދެމެދު ކަރަންޓް އެކައުންޓް މުޢާމަލާތްތައް ދެ ޤައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިފަހުމުނާމާގެ ދަށުން ދެގައުމުގެ ދެމެދުގައި ކަރަންޓް އެކައުންޓް މުޢާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓުތައް ދެ ގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދޭ އޮނިގަނޑެއް ޤާއިމުކުރެވ،ި ދެ ޤައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން މައުލޫމާތުދެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ޖަނަވަރީ މަހު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށްވަނީ ބަދަހިވެގެންގޮސްފައެވެ. އަދި އެ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީޖިންޕިންގއާއެކު ބޭއްވެވި މަޝްވަރާތަކުގައި ދިވެހިރާއްޖެއާއި ޗައިނާ އާ ދެމެދު އިސްތިރާޖީ އެއްބާރުލުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ދެޤައުމުގެ މެދުގައި އިޤްތިޞާދީ އެއްބާރުލުން އިތުރަށް ފުޅާކުރުމަށްވަނީ އެއްބަސްވެވަޑައިގެންފައެވެ.

ޗައިނާއާ ދިވެހިރާއްޖެއާ ދެމެދު އަހަރަކު ގާތްގަނޑަކަށް 700 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ މުޢަމާލާތު ކުރެވެއެވެ. އަދި މިވަގުތު ޗައިނާއަކީ ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ.

މިފަހުމުނާމާގެ ސަބަބުން ރާއްޖެއާއި ޗައިނާއާ ދެމެދު ދެ ގައުމުގެ ފައިސާއިން މުއާމަލާތްތައް ކުރުމަށް ފަސޭހަވެ ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިމްޕޯޓްކުރުމަށް ފަސޭހަވެ ދެ ގައުމުގެ މެދުގައި ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވެގެން ދާނެކަމަށް އިކޮނޮމިކް މިނިސްޓްރީއިން ދެކެއެވެ.

މި ފަހުމުނާމާއަކީ ދިވެހިރާއްޖޭގެ ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ގެންގުޅުއްވާ ވިޝަނަރީ ފިޔަވަޅުތަކުގެ ތެރެއިން މުހިންމު ފިޔަވަޅެކެވެ.

https://wamco.com.mv/
tel:+9607331319