logo

ބަންކަރިންގެ ޚިދުމަތުގެ ނަފާ ވަރަށް ރަނގަޅުވާނެ: ތަޖުރިބާކާރުން

profile

އައިޝަތު އިނާޝާ - 10 ސެޕްޓެމްބަރު 2024 - 07:56

ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ބަންކަރިންގެ ޚިދުމަތަކީ ރާއްޖެއަށް އޭގެ ސަބަބުން ބޮޑު އާމްދަނީއެއް ލިބި އިޤްތިސާދީގޮތުންވެސް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއްކަމަށް ރާއްޖޭގެ މެރިޓައިމް ދާއިރާގެ ތަޖުރިބާކާރުން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ބަންކަރިން ކުންފުންޏެއް ކަމުގައިވާ ވިޓޯލްއާ ގުޅިގެން، އެސްޓީއޯއިން ރާއްޖޭގައި މި މަހު ތަޢާރަފުކުރާ އޮފްޝޯ ބަންކަރިން ވިޔަފާރިއާ ގުޅޭގޮތުން، އެމްޕީއެލްއިން މެރިޓައިމް ދާއިރާގެ މާހިރުންނާއެކު އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު، "މިރާ" އާ ވާހަކަދެއްކެވި އެންމެހައި ތަޖުރިބާކާރުން ބުނި ގޮތުގައި މި މަސައްކަތަކީ ރާއްޖޭގެ އިޤްތިޞާދު އައު ހަރުފަތަކަށް ގެންދިއުމުގެ ފާލަމަކަށް ވެގެންދާނެކަމަށެވެ. އަދި މި ވިޔަފާރި ފެށުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، ފަތުރުވެރިކަމުގެ ސިނާޢަތް ފަދައިން، ދުރު މުސްތަޤުބަލުގައި ބިޔަ އިންޑަސްޓްރީއެއް ރާއްޖޭގައި އުފެދިގެންދާނެކަމަށާއި މީގެ ސަބަބުން، ބޭރު ފައިސާ ވަންނާނެ އިތުރު މަގެއް ހުޅުވިގެންދާނެކަމަށް ތަޖުރިބާކާރުން ބުނި ކަމަށެވެ.

މި މަޝްރޫޢަށް ބޭނުންވާ ބައެއް އުޅަނދުފަހަރު ރާއްޖެއަށް ގެނެވިފައިވާއިރު، ދިވެހިރާއްޖޭގެ އިޤްތިޞާދު މި އައު ސިނާޢަތަށް ފުރޮޅެން ތައްޔާރުވަމުން ދާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތްދެނީ ދުނިޔޭގެ މުދާ އުފުލާ އަދި ޝިފިންގ މަސައްކަތްތައް ކުރަމުންދާ މަޝްހޫރު ކުންފުންޏެއްކަމަށްވާ ވިޓޯލް ބަންކާސްއާ ގުޅިގެންނެވެ. އެކި ސަރަޙައްދުތަކުގައި ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ވިޓޯލް ބަންކާސްގެ މެޕުގައި ދިވެހިރާއްޖެ މިހާރު ވަނީ ހިމަނާފައެވެ.

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް ގެނައި ފުރަތަމަ ބޯޓު ކުޅުދުއްފުށި ސިޓީއަށް މިހާރުވަނީ ބަނދަރުކޮށްފައެވެ. ބަންކަރިންގެ ޚިދުމަތް ފެށުމަށް ރާއްޖެއަށް ގެންނަނީ 4000 ޓަނުގެ ތެޔޮ އުފުލޭ 2 އުޅަނދެވެ. ދެވަނަ ބޯޓުވެސް ރާއްޖެއަށް ވަރަށް އަވަހަށް އަންނާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ބަންކަރިންގެ ޚިދުމަތް އެންމެ ފުރަތަމަ އިހަވަންދިއްޕޮޅުގައި ފަށާއިރު،ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީއަކީ މިހާރު 6.5 ބިލިޔަން އެމެރިކާ ޑޮލަރެވެ. ނަމަވެސް ބަންކަރިންގެ ޚިދުމަތް ފެށުމުން އޭގެ ތެރެއަށް މުޅިން އަލަށް 400 މިލިއަން ޑޮލަރު ވަންނާނެކަމަށް އިކޮނޮމިކް މިނިސްޓަރު ސަޢީދު ވަނީ ވިދާޅުވެފައެވެ. މިއާއެކު 6 ބިލިޔަން ދިވެހި ރުފިޔާގެ މުޅިން އައު ސިނާއަތެއް އުފެދޭނެއެވެ. ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް އާމްދަނީ ލިބޭނެ އިތުރު މަގުތައް ތަނަވަސްކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ޚާއްސަ އިސްކަމެއްދެއްވާ ކަމެކެވެ.

މި މަސައްކަތުގެ ދަށުން ސަރުކާރުން މިހާރު ތައްޔާރުވަމުންދަނީ މިމަހު ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށުމަށެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދު އައު ދާއިރާއަކަށް ފުޅާކުރުމަށްޓަކައި، ބަންކަރިންގ ވިޔަފާރިއަށް ވަނުމުގެ ވާހަކަ ދެކެވެމުން އައީ ގިނަ ދުވަސްތަކެއް ވަންދެނެވެ. ނަމަވެސް، މިހާތަނަށް އެކަން ޢަމަލީ ސިފައެއްގައި ފެށިފައެއް ނުވެއެވެ. މި މަޝްރޫޢުގެ ވާހަކަ ދެކެވެމުން އަންނަތާ 30 އަހަރު ވެފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނިންމާފައިވަނީ އޮފްޝޯ ބަންކަރިންގ ވިޔަފާރި ކަނޑުމަތީގައި އަވަހަށް ފެށުމަށެވެ. އަދި މި މަސައްކަތް ކުރަމުން ގެންދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށެވެ.

https://wamco.com.mv/
tel:+9607331319