ކަރެކްޝަންގެ އެއްވެސް އޮފިސަރެއް ނުވަތަ މުވައްޒަފަކުވިޔަސް ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ހިންގާކަމުގެ މައުލޫމާތު ލިބިއްޖެނަމަ އެމައްސަލަ ބަލާނެކަމަށް ކަރެކްޝަނަލް ސާވިސަސްއިން ބުނެފިއެވެ.
ކަރެކްޝަންއިން މިފަދައިން ބުނީ ޕްރިޒަންސް ކްލަބްގެ ލައްކައަކަށް ވުރެ ގިނަ ފައިސާ އެ ކްލަބްގެ ރައީސް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފް އަމިއްލަ ކަންކަމަށް ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް ހުށަހެޅި ޝަކުވާއެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބަލަަންފެށި ކަމަށްބުނެ ފެތުރެމުންދާ ހަބަރުތަކާ ގުޅިގެން އަސްލު ޓީވީން ކުރި ސަުވާލަކަށް ދެއްވި ޖަވާބުގައެވެ.
ކަރެކްޝަންއިން ބުނީ ކަރެކްޝަންގެ އެއްވެސް އޮފިސަރެއް ނުވަތަ މުވައްޒަފަކު ވިޔަސް ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ހިންގާކަމުގެ މައުލޫމާތު ލިބިއްޖިއްޔާ އެމައްސަލަ ކަރެކްޝަންގެ އެތެރޭގައި ހަމަޖެހިފައިވާ އިންތިޒާމުތަކުގެ ދަށުން މައްސަލަ ބަލާނެކަމަށެވެ.
ބައެއް މީޑިއާތަކުގައި ހަބަރު ފެތުރިފައިވާގޮތުން ކްލަބްގެ ފައިސާ އާސިފްގެ އަމިއްލަ ބޭނުންތަކަށް، އެކި އެކައުންޓްތަކަށް ޓްރާންސްފާ ކޮށްފައިވާ މައްސަލަ ބަލައިދޭން އެދި ކަރެކްޝަނަލް ސާވިސްގެ 35 އޮފިސަރަކު ސޮއިކޮށް، ކަމިޝަނާ އޮފް ޕްރިޒަންސް ހަސަން ރަރީޒަށް ފޮނުވި ޕެޓިޝަނާއި އެ ޕެޓިޝަނަށް އޭނާ ދެއްވި ޖަވާބު އަދި ފައިސާ ޓްރާންސްފާކުރިކަން އެނގޭ ލިޔެކިއުންތަކެއް ވަނީ ލީކްވެފައެވެ.
ކަރެކްޝަންގެ އެއްވެސް އޮފިސަރެއް ނުވަތަ މުވައްޒަފަކުވިޔަސް ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ހިންގާކަމުގެ މައުލޫމާތު ލިބިއްޖިއްޔާ އެމައްސަލަ ބަލާނެކަމަށް ބުނުން ފިޔަވައި އިތުރު މައުލޫމާތެއް ކަރެކްޝަނަލް ސާވިސްއިން ދީފައެއް ނުވެއެވެ.