logo

ބަލަމުންދާ މައްސަލައަކާ ގުޅިގެން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް ސަސްޕެންޑް ކޮށްފި

profile

ޝާމާ ޝުޢައިބު - 08 ނޮވެމްބަރު 2024 - 18:45

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފް

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު އާސިފް ސަސްޕެންޑް ކޮށްފިއެވެ.

'އަސްލު ޓީވީ' އާ ވާހަކަ ދައްކަވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާރު ބަލަމުންދާ މައްސަލައަކާ ގުޅިގެން އިއްޔެ އާސިފް ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ. އަދި އެއީ ބަލަމުންދާ މައްސަލައަކަށް ވުމާއެކު އެކަމުގެ އިތުރު މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށް ވެސް ކަރެކްޝަނުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އާސިފްގެ މައްޗަށް ކުރެވެނީ ޕްރިޒަންސް ކުލަބުގެ އެކައުންޓުން ދެލައްކައަށް ވުރެ ގިނަ ރުފިޔާ އެކި އެކައުންޓްތަކަށް ޖަމާކުރުމުގެ ތުހުމަތެވެ.

މި ތުހުމަތު އޭނާގެ މައްޗަށް ކޮށްފައިވަނީ ކަރެކްޝަންގެ މުވައްޒަފުންނެވެ. އެގޮތުން އާސިފް އިސްކޮށް ހުންނަވައި ޕްރިޒަންސް ކުލަބުގެ އެކައުންޓުން 200،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ އެކިއެކި އެކައުންޓުތަކަށް ޖަމާކުރި މައްސަލައެއް މިދިޔަ ޖުލައި މަހުގެ ތެރޭގައި ފެންމަތިވެފައިވާ ކަމަށް މިފަހުން މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

ޚިޔާނާތުގެ އެ މައްސަލައާ ގުޅިގެން މިދިޔަ އޮގަސްޓު މަހު އެތަނުގެ 35 އޮފިސަރުން ސޮއިކޮށް ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރަށް ޕެޓިޝަނެއްވެސް ހުށަހެޅިއެވެ.

އެ ޕެޓިޝަނާ ގުޅިގެން ޒަރީރު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އާސިފް ހިންގެވި ކަމަށް ބުނާ ޓްރާންސެކްޝަންތަކުގެ މައުލޫމާތު އޭނާއަށް ނުރަސްމީކޮށް މީގެކުރިން ވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ.

އެ ޕެޓިޝަން ފޮނުވުމުގެ ކުރިން ވެސް "އެކަންކަން އިޖުރާއަތުގެ ތެރެއިން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، އެކަމުގެ އިންކުއަރީއެއް ހިންގުމަށް އޮގަސްޓު 15 ވަނަ ދުވަހު ކޮމިޓީއެއް ވަނީ އެކުލަވާފައި" ކަމަށް ވެސް ސިޓީގައި އޭނާ ވިދާޅުވިއެވެ.

https://int.etukuri.mv/
tel:+9607331319