ކޮންމެ އަހަރެއްގެ 29 ސެޕްޓެންބަރަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ހިތުގެ ބަލީގެ ދުވަހެވެ. މިދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ހިތުގެ ދުޅަހެޔޮކަމާ ބެހޭގޮތުން ޢާންމުން ހޭލުންތެރިކޮށް، ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ދިރިއުޅުން ބައްޓަން ކުރާނެ ގޮތާއި ހިތުގެ ބަލިތަކުގެ ނުރައްކާ ޢާންމުންނަށް އަންގާ ޢާންމުން ހޭލުންތެރި ކުރުމެވެ.
މިއަހަރު ހިތުގެ ދުވަހުގެ ޝިޢާރަކީ "USE HEART FOR ACTION" އެވެ. މި ޝިޢާރުގެ މަޤުޞަދަކީ މިދުވަހާ ގުޅިގެން ކޮންމެ މީހަކުވެސް، ހިތުގެ ބަލިން ރައްކާތެރި ވުމަށް ކުރެވިދާނެ ކަންތައްތައް ޢަމަލީ ގޮތުން ބޭނުންކޮށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމެވެ. އޭގެ ތެރޭގައި އެކި ބާވަތުގެ ކަސްރަތު ކުރުމާއި ދުޅަހެޔޮ ކާނާ ކެއުން ހިމެނެއެވެ.
ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ އެއް ބައްޔަކީ ހިތުގެ ބައްޔެވެ. ކާޑިއޯ ވެސްކިއުލަރ ޑިޒީޒް (ސީވީޑީ) އެވެ. ހިތުގެ ބަލި ޖެހިގެން ކޮންމެއަހަރަކު17 މިލިއަން މީހުން މަރުވާކަމަށް ދުނިޔޭގެ ހާރޓް ފެޑެރޭޝަނުން ލަފާކުރެއެވެ. މި މަރުތަކުގެ މައިގަނޑު ސަބަބުތަކަކީ ކޮރޮނަރީ ހާޓް ޑިޒީޒް ނުވަތަސްޓްރޯކްއެވެ.
ރާއްޖޭގެ ހިތުގެ ބަލީގެ ޙާލަތަށް ބަލާއިރު، ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތައް ދެނެގަތުމުށް 2020 އިން 2023 އަށް ރާއްޖޭގައި ހެދި "ނޮން ކޮމިއުނިކަބްލް ޑިޒީޒް ރިސްކް ފެކްޓަރ ސަރވޭ" އިން ދައްކާ ގޮތުގައި، ރާއްޖޭގައި 15 އަހަރާއި 65 އަހަރާ ދެމެދުގެ 4.7 އިންސައްތަ މީހުންނަކީ ހިތުގެ ބަލި، ސްޓްރޯކް އަދި އެންޖީނާ ފަދަ ބަލިތައް ޖެހިފައިވާ މީހުންނެވެ. އަދި 27.7 އިންސައްތަ މީހުންނަކީ މި ބަލިތަކަށް ދިގު މުއްދަތަށް ބޭސް ބޭނުން ކުރަމުންދާ މީހުންނެވެ.
މި ދިރާސާގެ ބައިވެރިންގެ މެދުގައި ހިތުގެ ބަލި ޖެހުމަށް ހުށަހެޅޭ މިންވަރު ދެނެގަތުމަށް ހެދުނު އެސެސްމެންޓުން ދައްކާގޮތުން 40 އަހަރާއި 69 އަހަރާ ދެމެދުގެ ޢުމުރު ފުރައިގެ 2.3 އިންސައްތަ މީހުންނަކީ 10 އަހަރު ތެރޭގައި ހިތުގެ ބަލި ޖެހުމުގެ ފުރުޞަތު އޮތް މީހުންނެވެ. އަދި 7.7 އިންސައްތަ މީހުންނަކީ 10-20 އިންސައްތައަށް ހިތުގެ ބަލި ޖެހުމުގެ ފުރުޞަތު އޮތް މީހުންނެވެ.
މީގެ އިތުރުންވެސް (ހިތުގެ ބަލީގެ ހިރާސް %) އިން ދައްކާގޮތުން މިބަލި ޖެހުމުގެ ފުރުޞަތު އޮތް 61.8 އިންސައްތަ މީހުންނަށް ބަލި ޖެހުމުން ދުރުކުރުމަށް ޑްރަގު ތެރަޕީ އަދި ކައުންސެލިންގ ބޭނުންވެއެވެ.
ހިތުގެ ބަލީގެ ސަބަބުން ބަލިޖެހޭ މީހާއަށާއި އަދި ބަލިޖެހޭ މީހާގެ ޢާއިލާ ތަކަށާއި މުޖުތަމަޢަށް ވެސް އަސަރު ކުރެއެވެ. މީގެ އިތުރުން ނަފްސާނީ ގޮތުންނާއި މާލީ ގޮތުންވެސް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތި ވެއެވެ. އެހެންކަމުން ހިތުގެ ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ހިތުގެ ދުޅަހެޔޮކަމަށް ރައްކާތެރިވުމަށްޓަކައި ރަނގަޅު ކާނާ ކެއުމުގެ ވައްޓަފާޅިއެއް ބައްޓަން ކުރަން ޖެހެއެވެ. އޭގެ ތެރޭގައި ކެއުމުގައި ތަރުކާރީއާއި މޭވާ އަދި ޕްރޮޓީންސް ހިމެނުމާއި، ސަރުބީއާއި ކޮލެސްޓްރޯލް ހިމެނޭ ކާނާ މަދުކުރުން ހިމެނެއެވެ. އަދި ލޭގެ ޕްރެޝަރ ދަށްކުރުމަށްޓަކައި ހަކުރު އަދި ލޮނު ބޭނުން ކުރާ މިންވަރު މަދުކުރަން ޖެހެއެވެ.
ކެއުމުގެ ވައްޓަފާޅި ބައްޓަން ކުރުމުގެ އިތުރުން ކަސްރަތު ކުރުމާއި ހެލިފެލިވެ އުޅުމަކީ ހިތުގެ ދުޅަހެޔޮކަމަށްޓަކައި ފަރުވާތެރިވާން ޖެހޭ މުހިންމު އެއް ކަމެވެ. ކަސްރަތު ކުރުމުގެ ސަބަބުން ލޭ ދައުރުވުން ރަނގަޅުކޮށްދީ، ފަލަވުމާއި ލޭމައްޗަށްދިއުން ފަދަ ނުރައްކާތެރި ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަވެ، ދުޅަހެޔޮ ޞިއްޙަތެއްގައި ހިތް ބެހެއްޓުމަށް އެހީތެރި ވެދެއެވެ. ކޮންމެ ހަފްތާއަކު މަދުވެގެން 150 މިނެޓް ވަންދެން ހިނގާލުން، ފެތުން ނުވަތަ ބައިސްކަލް ދުއްވުން ފަދަ އާދައިގެ އެރޮބިކް ކަސްރަތުތައް ކުރުމަށް އަމާޒު ހިފާށެވެ.
މީގެ އިތުރުން ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަކީ ހިތުގެ ދުޅަހެޔޮކަމަށް އަޅަންޖެހޭ މުހިންމު އެއް ފިޔަވަޅެވެ. ސަބަބަކީ ދުންފަތަކީ ހިތުގެ ބަލިތައް ކުރިމަތިކުރުވާ މައިގަނޑު އެއް ސަބަބު ކަމުގައި ވާތީއެވެ. ދުންފަތުގެ ސަބަބުން ހިތުގެ ލޭނާރުތައް ހަލާކުވެ،ލޭގެ ޕްރެޝަރު މަތިވެ، ހުންނަންޖެހޭ ކޮލެސްޓްރޯލް ލެވެލް ދަށްވެގެން ދެއެވެ. ހަމަ އެއާއެކު، ރަނގަޅު ބަރުދަނެއްގައި ހުރުމަކީ ހިތުގެ ބަލިތަކުންނާއި އަދި އެހެނިހެން ބަލިތަކުންވެސް ރައްކާތެރިވެ ހުރުމަށް ކުރަންޖެހޭ މުހިންމު ކަމެކެވެ.
މީގެ އިތުރުން ނަފުސާނީ ޞިއްޙަތާ މެދު ސަމާލުވެ، ދުރާލާ ބަލި ދެނެގަތުމަށް ޓެސްޓްކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި ބަލި ޖެހުމުން، ޤަވާޢިދުން ކާންޖެހޭ ބޭސްތައް ކެއުން ފަދަ ކަންތައްތައް ހިމެނެއެވެ.
ވޯލްޑް ހާރޓް ފެޑެރޭޝަންގެ ދިރާސާތަކުން ދައްކާގޮތުން މިގޮތަށް ދިރިއުޅުން ބައްޓަން ކުރުމުން ހިތުގެ ބަލީގައި މަރުވާ އަދި ނުކުޅެދުންތެރިކަން ދިމާވާ މީހުންގެ އިންސައްތަ މަދުވެގެން ދާނެއެވެ. ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ހިތުގެ ބަލި ޖެހުމަށް މެދުވެރިވާ ހިރާސްތަކަށް މީހުން ހުށަހެޅިފައިވާ މިންވަރު އިތުރު ވެފައިވެއެވެ.
މިއަހަރުގެ ދުނިޔޭގެ ހިތުގެ ދުވަހު އަޅުގަނޑުމެން ޢަޒުމު ކަނޑައަޅަންވީ ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް ދުޅަހެޔޮ ހިތެއްގެ ވެރިބަޔަކަށްވުމަށް ގަދައަޅާ މަސައްކަތް ކުރުމަށެވެ. މިހުރިހާ ކަންތައްތަކަށް ސަމާލު ވެވިއްޖެނަމަ، ހިތުގެ ބައްޔަށް ހުރި ނުރައްކާތައް ފާހަގަކުރެވި، ދުރާލާ އަޅަންވީ ފިޔަވަޅުތައް ދެނެގަނެވި، ދުޅަހެޔޮ ޞިއްޙަތެއް ބައްޓަން ކުރުމަށްޓަކައި މަސައްކަތްކުރަންވީ ގޮތްތަކެއް އެކަށައެޅުމަށް ފަސޭހަ ވެގެން ދާނެއެވެ.
ހިތުގެބަލީގެ ނުރައްކަލުން ސަލާމަތް ވުމަށް ސަމާލުކަންދޭންވީ ކަންތައްތައް:
- ޞިއްޙީ ގޮތުން ރައްކާވެ ތިބުމަށް އާދަވެ ޓެސްޓުތައް ހަދައި ބަލަމުން ދިއުން.
- އާދަވެ ކޮލެސްޓްރޯލް، ލޭގެ ޕްރެޝަރު، ހަކުރު ހުންނަންވާ މިންވަރަށް ސަމާލުކަން ދިނުން.
- ލޭގެ ޕްރެޝަރު ދެނެގަތުން.(ލޭގެ ޕްރެޝަރު މައްޗަށް ދިއުމަކީ ހިތުގެ ބައްޔަށް ހުރި އެންމެ ބޮޑު ނުރައްކަލެވެ. އަދި ނޭނގި ހުއްޓާ ފުރާނަ ދިއުމަށް (ކުއްލި މަރު) މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަށް ވެގެންދެއެވެ. ޤަވާޢިދުން ލޭގެ ޕްރެޝަރު ނުބަލާ ކަމުގައިވާނަމަ މިކަމުގެ އެއްވެސް ޢަލާމާތެއް ނުފެނި ހުއްޓާ ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު ބޮޑުވެގެން ދެއެވެ.)
- ޤަވާޢިދުން ޑޮކްޓަރަށް ދައްކައި ލޭގައި ކޮލެސްޓްރޯލް ހުރި މިންވަރު ދެނެގަތުން މުހިންމު.
- ޤަވާޢިދުން ބަރުދަން ހުންނަވަރު ބަލައި، އިސްކޮޅާއި އެކަށީގެންވާ މިންވަރަށް ބަރުދަން ހުރިތޯ ބެލުން.