.jpeg&w=3840&q=75)
އައިވީއެފް ދުވަހާ ގުޅިގެން އައިޖީއެމްއެޗުން ދަރިމައިވުމުގެ ފަރުވާ ހޯދާ ފަރާތްތަކަށް ހިތްވަރު ދީފި

އާމިނަތު ޝަޒްލާ - 25 ޖުލައި 2026 - 11:00
ދުނިޔޭގެ އައި.ވީ.އެފް ދުވަހާއި ދުވަހާ ގުޅިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ވަނީ، އަމިއްލަ އާއިލާއެއް ބިނާކުރުމަށް ފޮނި ހުވަފެންތަކެއް ދެކެމުންދާ އަދި އެކަމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަމުންދާ ހުރިހާ ދެމަފިރިންގެ އަގުވަޒަންކޮށްފިއެވެ.
މިއަދުގެ މުނާސަބަތުގައި އައިޖީއެމްއެޗުން ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، މިއަދަކީ އުންމީދާއި، ސާބިތުކަމާއި، އަމިއްލަ އާއިލާއެއް ބިނާކުރުމަށް ކުރާ މަސައްކަތުގެ އަގުވަޒަންކުރާ ދުވަސް ކަމަށެވެ. އަދި އައި.ވީ.އެފް މެދުވެރިކޮށް ދަރިމައިވުމުގެ ފަރުވާ ހޯއްދަވަމުންދާ ހުރިހާ ދެމަފިރިން ކުރައްވާ ކެތްތެރިކަމާއި، ދައްކަވާ ހިތްވަރަށް އެ ހޮސްޕިޓަލުން ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.
"ތިޔަބޭފުޅުންގެ ހިތްވަރަކީ އަޅުގަނޑުމެންގެ މަސައްކަތުގައި ކޮންމެ ދުވަހަކުވެސް ލިބޭ ނުހަނު ބޮޑު ހިތްހަމަޖެހުމެއް،" އައިޖީއެމްއެޗްގެ މެސެޖުގައި ބުނެފައިވެއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ނޭޝަނަލް ފާޓިލިޓީ ސެންޓަރުގެ އެހީތެރިކަމާއެކު، އާއިލާއަށް އާ މެންބަރަކު އިތުރުވެ، އުފާވެރިކަން ލިބިފައިވާ ހުރިހާ އާއިލާތަކަށް އެ ހޮސްޕިޓަލުން ވަނީ މަރުހަބާ ކިޔާފައެވެ. އައިޖީއެމްއެޗުން ފާހަގަކުރި ގޮތުގައި، އެ އާއިލާތަކުގެ މޫނުމަތިން ފެންނަ އުފާވެރިކަމަކީ، އޯގާތެރިކަމާއެކު ފޯރުކޮށްދޭ ފަރުވާގެ ސަބަބުން އިންސާނާގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތައް ހާމަކޮށްދޭ އަލިގަދަ ހެކިތަކެކެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސިއްހީ ދާއިރާއަށް ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން، ދަރިމައިވުމުގެ މައްސަލަތަކަށް ދެވޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
ދުނިޔޭގެ އައި.ވީ.އެފް ދުވަހުގެ މުނާސަބަތުގައި އައިޖީއެމްއެޗުން ވަނީ، އުންމީދުން ފެށިގެން ދަރިލައްވައި، މައިންބަފައިންގެ އުފާ ލިބުމާ ހަމައަށް ކުރާ ދަތުރުގެ ކޮންމެ މަރުހަލާއެއްގައިވެސް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން ދީފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލޭގެ މީހުން ނޫޅޭ އެޕާޓްމެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
7 ގަޑިއިރު ކުރިން

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް!
7 ގަޑިއިރު ކުރިން

މިނިވަން ދުވަހުގެ ހަރަކާތްތަކަށް ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެ ވަޑައިގެންފި
7 ގަޑިއިރު ކުރިން

5 މިލިއަން ގަސް އިންދުމުގެ މަޝްރުޢޫގެ ދަށުން މަތިވެރީގައި ގަސް އިންދުމުގެ ހަރަކާތެއް
7 ގަޑިއިރު ކުރިން


.gif&w=3840&q=75)