
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކޮށްފި

މުޙައްމަދު ފަޟްލޫން - 23 ޖުލައި 2026 - 06:26
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމުގެ ގޮތުން އިސްކަންދަރު ކޮށީގައި މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވަޒީރުލް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާނެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދުގެ އިތުރުން ފުލުހުންގެ މުއައްސަސާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 23 ވަނަ ދުވަހަކީ ފުލުހުންގެ ހަނދާނީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ.
މި ދުވަސް ފާހަގަކުރަން ފަށާފައިވަނީ 16 ޖޫން 2013 ގައި ނެރުނު ޚާއްޞަ އަމުރެއްގެ ދަށުންނެވެ.
މި ދުވަހުގެ މައިގަނޑު މަގްސަދަކީ، ގައުމީ ވާޖިބު އަދާކުރުމުގެ މަތިވެރި މަސްއޫލިއްޔާތުގައި ދެމިތިއްބަވައި، ނުވަތަ އެ މަސައްކަތުގެ ތެރެއިން ދިމާވި ހިތާމަވެރި ހާދިސާތަކުގައި ފުރާނަ ގުރުބާންކުރި ފުލުހުންގެ ހަނދާންތައް އައުކޮށް، އެ ބޭފުޅުންގެ އަގުނުކުރެވޭ ފަދަ ޚިދުމަތްތަކާއި ޤައުމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ގުރުބާނީގެ އަގު ވަޒަންކުރުމެވެ.
މިއަދުގެ ރަސްމިއްޔާތުގައި، އިސްކަންދަރު ކޮށީގެ ބޭރުގައި ހުންނަ މެމޯރިއަލް ވޯލް ގައި ގާޑް މައުންޓް ކުރުމަށްފަހު، ވަކިވެދިޔަ ފުލުހުންގެ ޒިކުރާ އައުކުރުމުގެ ގޮތުން ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފައިވެއެވެ.
މީގެ އިތުރުން، މި ދުވަހާ ގުޅުވައިގެން އެ ފަރާތްތަކުގެ ފުރާނައަށް ހެޔޮ ދުއާކުރުމަށް ހާއްސަ ދުއާއެއް ވެސް ކުރެވުނެވެ.
ޕޮލިސް މެމޯރިއަލް ޑޭ ފުރަތަމަ ފާހަގަކުރަން ފެށީ، ފުލުހުންގެ ޝަރަފުވެރި ޔުނީފޯމުގައި ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ދިން ރަހުމުކުޑަ ހަމަލާއެއްގައި 23 ޖުލައި 2012 ގައި ޝަހީދުވި ޕޮލިސް ސާޖަންޓް އާދަމް ހަލީމުގެ މަތިވެރި ގުރުބާނީގެ ހަނދާންތައް އާކުރުމުގެ ގޮތުންނެވެ.
އާދަމް ހަލީމް ޝަހީދުވެވަޑައިގަތީ ކ. ކާށިދޫގައި ޑިއުޓީގައި ހުންނަވަނިކޮށް، ގޭ ބަންދުގެ އަމުރާ ހިލާފުވެގެން އުޅުނު މީހަކަށް ގާނޫނީ އިމުގެ ތެރެއިން އަމުރަށް ތަބާވުމަށް އެންގުމުން، އެކަމާ ހިތްހަމަނުޖެހި އެ މީހާ ދިން ނުރައްކާތެރި ހަމަލާއެއްގެ ސަބަބުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ގްރޭޓަރ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ގެންނަ އިސްލާހުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
7 ގަޑިއިރު ކުރިން

އުކުޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމަކާ ގާތަށް
7 ގަޑިއިރު ކުރިން

ތުލުސްދޫ "އިސްރަށްވެހިންގެ ހިޔާވަހި" މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި
7 ގަޑިއިރު ކުރިން

ބަރަހަނާ ފޮޓޯ ބޭނުންކޮށްގެން ބިރުދެއްކި މައްސަލަ ކުރިއަށް ގެންދެވޭނެ: ސުޕްރީމް ކޯޓް
7 ގަޑިއިރު ކުރިން


.gif&w=3840&q=75)