
ވަޒީފާގެ ބާޒާރު ހަރުދަނާކުރުމަށް "މައި ކެރިއަރ ޕޯޓަލް" އިފްތިތާޙުކޮށްފި

އާމިނަތު ޝަޒްލާ - 10 އޯގަސްޓު 2026 - 12:03
ނޭޝަނަލް ކެރިއަރ ސަރވިސްއިން ރާއްޖޭގެ ވަޒީފާގެ ބާޒާރު ހަރުދަނާކުރުމަށްޓަކައި "މައި ކެރިއަރ ޕޯޓަލް" އިފްތިތާޙުކޮށްފިއެވެ.
މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.
މިއީ ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރާއި، މުވައްޒަފުން ހޯދުމުގެ ނިޒާމުގެ އިތުރުން ކެރިއަރ ޑިވެލޮޕްމަންޓްގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕޯޓަލަކެވެ.
މިއީ ޕޯޓަލް ތަރައްގީކޮށްފައިވަނީ ނޭޝަނަލް ކެރިއަރ ސަރވިސް (އެން.ސީ.އެސް) އިންނެވެ.
އަދި މިމަސައްކަތަށް ފަންޑްކޮށްފައި ވަނީ ވޯލްޑްބޭންކުގެ އެހީގައި ކުރިއަށްގެންދާ "ސެއިލްސް" ޕުރޮޖެކްޓުންނެވެ. މި ޕޯޓަލްގެ މައިގަނޑު މަޤްޞަދަކީ ވަޒީފާ ހޯދާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކުގެ އިތުރުން ކެރިއަރ އެޑްވައިޒަރުން އެއް ވިއުގައަކުން ގުޅުވާލައި، ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަ ނިޒާމެއް ޤާއިމުކުރުމެވެ.
މިއަދު އިފްތިތާޙުކުރެވުނު މި ޕޯޓަލްގައި ވަޒީފާގެ ފުރުޞަތުތަކުގެ އިތުރުން، މުސްތަޤުބަލު ބައްޓަންކުރުމަށް އެހީތެރިވެދޭނެ ތަފާތު ވަސީލަތްތައް ހިމެނިފައިވެއެވެ.
އޭގެ ތެރޭގައި:
• ކެރިއަރ ގައިޑަންސް: ވަޒީފާ ހޯދާ ފަރާތްތަކާއި ތަމްރީނުލިބިފައިވާ ކައުންސިލަރުން ސީދާ ގުޅުވައިދީ، އަމާޒުތައް ކަނޑައެޅުމަށާއި ފަރުދީ ގޮތުން ބޭނުންވާ އިރުޝާދު ފޯރުކޮށްދެއެވެ. އަދި މަސައްކަތުގެ ދާއިރާއިން ކުރިއެރުން ހޯދުމަށް އެކުލަވާލާ 'އެކްޝަން ޕްލޭން' ތައް މޮނިޓަރ ކުރެވޭނެ އިންތިޒާމު މި ޕޯޓަލް މެދުވެރިކޮށް ވަނީ ހަމަޖެހިފައެވެ.
• ކެރިއަރ ޕާތުވޭ ޑިޒައިނަރ: މިއީ ކެރިއަރުގައި ދުރު ރާސްތާގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި، ކަމާބެހޭ މާހިރުންގެ އިރުޝާދާއެކު ކުރިއަށްދާނެ މަގުޗާޓެއް ކުރަހައިދޭ ބައިވެރިއެކެވެ.
• މައިލްސްޓޯން ޓްރެކަރ: މީހާގެ ތައުލީމީ ފެންވަރާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާ އެއް ފެނުމަކުން ފެންނާނޭހެން ތަރުތީބުކޮށްދޭ ޗާޓެކެވެ. މީގެ ސަބަބުން ހާސިލުކުރެވިފައިވާ ކާމިޔާބީތަކާއި، އިތުރަށް ތަރައްގީކުރަންޖެހޭ ހުނަރުތައް ފަސޭހައިން ދެނެގަނެވޭނެއެވެ.
• ވަޒީފާއާ ގުޅުވައިދިނުން: ވަޒީފާގެ ފުރުސަތުތައް އިޢުލާނުކުރުމާއި، މީހާގެ ހުނަރާ ގުޅޭ ވަޒީފާތައް އޮޓޮމެޓިކުން ހުށަހަޅައިދިނުމުގެ އިތުރުން، ވަޒީފާއަށް ކުރިމަތިލުމުގެ މަރުހަލާ ލުއިފަސޭހަކޮށް އަވަސްކޮށްދެއެވެ.
މި މަސައްކަތްތަކަކީ ވެސް، ދިވެހިންނަށް އިސްކަންދޭ ވަޒީފާގެ ބާޒާރެއް ޤާއިމުކުރުމުގެ ސިޔާސަތުގެ ދަށުން، ޤާބިލު އަދި ހުނަރުވެރި ޒުވާން މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން މޯލްޑިވްސް 2.0ގެ ތެރެއިން ކުރެވިގެންދާ މަސައްކަތެކެވެ.
ގުޅުން ހުރި ޙަބަރުތައް

ފިލިޕީންސްގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެންދިޔުމުގެ ހާދިސާތަކުގައި 15 މީހުން މަރުވެއްޖެ
ދުވަހެއް ކުރިން

ކައުންސިލްތަކަށް ދެން އޮތީ ހަމަ އެކަނި ވިހާ، މަރުވާ ހިސާބު ބެލުން އެކަނި: މައުރޫފް
ދުވަހެއް ކުރިން

އެމްޓީސީސީގެ "މާލެ-ޓެކްސީ" ބޮޑު ކޮރޮޕްޝަން
ދުވަހެއް ކުރިން

އެމްޓީސީސީގެ "މާލެ ޓެކްސީ": ގަވާއިދާ ޚިލާފު، ކޮރަޕްޝަންގެ ހާއްޔަކަށް!
2 ދުވަސް ކުރިން


