
މާލެ-ޓެކްސީ ލައިން ގެ ކާރުތައް
އެމްޓީސީސީގެ "މާލެ ޓެކްސީ": ގަވާއިދާ ޚިލާފު، ކޮރަޕްޝަންގެ ހާއްޔަކަށް!

ރިޟްވާން މޫސާ - 09 އޯގަސްޓު 2026 - 10:28
މާލޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ޙަޔާތުގައި ދަތުރުފަތުރުގެ ނިޒާމަކީ އެންމެ މުހިންމު އެއް ވަސީލަތެވެ. ދުވަހުން ދުވަހަށް ކުރަންޖެހޭ ދަތުރުތަކާއި، އޮފީސްތަކަށާއި، ސްކޫލްތަކަށާއި، ހޮސްޕިޓަލްތަކަށް ދިއުމަށްޓަކައި ޓެކްސީގެ ޚިދުމަތަކީ މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް ކޮންމެހެން ބޭނުންތެރި ޚިދުމަތެކެވެ. ނަމަވެސް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން "މާލެ" ޓެކްސީގެ ނަމުގައި ފެށި ޚިދުމަތަކީ މާލޭގެ ދަތުރުފަތުރުގެ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ބަދަލުގައި، ސަރުކާރުގެ ކުންފުންޏަކުން ޤާނޫނާއި ގަވާއިދުގެ އިމުން ބޭރުވެ، ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ތުހުމަތާއި އެކު، ރައްޔިތުންނަށް ކުރި ބޮޑު މަލާމާތަކަށް ވަނީ ވެފައެވެ.

ގަވާއިދާ ފުޅާދާއިރާއެއްގައި ޚިލާފުވުން - ޤާނޫނީ އިމުން ބޭރުން ހިންގާ ޚިދުމަތެއް
ދިވެހިރާއްޖޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށްޓަކައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން އެކުލަވާލައި އާންމުކޮށްފައިވާ "ޓެކްސީ ގަވާއިދު" (ގަވާއިދު ނަންބަރު 2022/R-132) އަކީ ދިވެހިރާއްޖޭގައި ދުއްވާ އެންމެހައި ޓެކްސީތަކާއި ޑްރައިވަރުން އަމަލުކުރުން ލާޒިމު ގަވާއިދެކެވެ. ނަމަވެސް، އެމްޓީސީސީން "މާލެ" ޓެކްސީގެ ނަމުގައި ނެރުނު އުޅަނދުތަކާއި ދޭ ޚިދުމަތަށް ބަލާއިރު، މި ގަވާއިދުގެ އަސާސީ އެއްވެސް މާއްދާއަކަށް ޙުރުމަތްތެރިކޮށް ހިތާފައެއް ނުވެއެވެ.
- އަރާފޭބުމަށް 4 ދޮރު ނުހުރުން: ޓެކްސީ ގަވާއިދުގެ 26 ވަނަ މާއްދާގެ (ރ) ގައި ސަރީޙަކޮށް ބަޔާންކޮށްފައިވަނީ ކާރު ޓެކްސީއެއްގައި ކުރީ ސީޓަށާއި ފަހަތު ސީޓަށް އަރައި ފޭބޭގޮތަށް މަދުވެގެން 4 (ހަތަރު) ދޮރު ހުންނަންވާނެ ކަމަށެވެ. ނަމަވެސް އެމްޓީސީސީން ބޭނުންކުރާ ގިނަ އުޅަނދުތަކަކީ 4 ދޮރު ހަމަނުވާ، ފަސިންޖަރުންނަށް އަރައިފޭބުމަށް ދަތި ކުދި އިލެކްޓްރިކް އުޅަނދުތަކެކެވެ.
- ދިއްލޭ "TAXI" ބޯޑު ނެތުން: ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން، ކޮންމެ ޓެކްސީއެއްގެ މަތީގައި "TAXI" ލިޔެފައިވާ، ދިއްލޭ ބޯޑެއް ހަރުކޮށްފައި ހުންނަންޖެހެއެވެ. އެމްޓީސީސީގެ ކާރުތަކުގައި މިފަދަ އެއްވެސް ބޯޑެއް ނުހުރެއެވެ.
- ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީވެފައި ނުވުން: ގަވާއިދުގެ 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާގެ ދަށުން، ކޮންމެ ޓެކްސީއަކީ ޓްރާންސްޕޯޓް މިނިސްޓްރީގައި ހުއްދަދެވިފައިވާ ޓެކްސީ ސެންޓަރެއްގައި ރަޖިސްޓަރީވެ، އެ ސެންޓަރެއްގެ ދަށުން ޚިދުމަތްދޭ އުޅަނދަކަށް ވާންޖެހެއެވެ. ނުވަތަ މާއްދާ 35 ގެ ދަށުން ޕްރައިވެޓް ހަޔަރގެ ހުއްދަ ނަގަންޖެހެއެވެ. އެމްޓީސީސީން މިފަދަ އެއްވެސް އިޖުރާއަތެއް ފުރިހަމަކޮށްފައެއް ނުވެއެވެ.
- ޑްރައިވަރުންގެ ޓެކްސީ ލައިސަންސް ނެތުން: ގަވާއިދުގެ 19 ވަނަ މާއްދާއާއި 27 ވަނަ މާއްދާގައިވާ ގޮތުން، ޓެކްސީ ދުއްވާ ކޮންމެ ޑްރައިވަރަކީ މިނިސްޓްރީން ދޫކުރާ "ކާރު ޓެކްސީ ޑްރައިވަރ ލައިސަންސް" އޮތް އަދި ޚާއްޞަ ތަމްރީނު ފުރިހަމަކޮށްފައިވާ މީހަކަށް ވާންޖެހެއެވެ. އަދި ފަސިންޖަރުންނަށް ފެންނާނެހެން އެ ލައިސަންސް އުޅަނދުގައި ހަރުކުރަންޖެހެއެވެ. އެމްޓީސީސީގެ ޑްރައިވަރުންގެ އަތުގައި މިފަދަ ލައިސަންސެއް ނެތް ކަން އެބަ ހާމަވެ އެވެ.

އާންމު އަމިއްލަ ފަރުދަކު މިއިން އެންމެ ގަވާއިދަކާ ޚިލާފުވި ނަމަވެސް، ފުލުހުން ނުކުމެ އުޅަނދު ޓޯކޮށް، ގަވާއިދުގެ 41 ވަނަ މާއްދާގެ ދަށުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެއެވެ. ނަމަވެސް، ސަރުކާރުގެ ކުންފުނި އެމްޓީސީސީން ގަވާއިދުގެ ހުރިހާ މާއްދާއަކަށް ފުޅާދާއިރާއެއްގައި މުގޫއަޅައި ގަވާއިދާ ޚިލާފަށް ދުއްވާއިރު، ކަމާބެހޭ މުއައްސަސާތައް ތިބީ ހަނުއެވެ. މިއީ ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވުމުގެ އުޞޫލާ މުޅިން ޚިލާފު ކަމެކެވެ.
"ރައްޔިތުންގެ ކުންފުނީގެ" ނަމުގައި ރައްޔިތުންނަށް ކުރާ މަލާމާތް!
އެމްޓީސީސީ އަކީ އުފެދުނީއްސުރެ "ރައްޔިތުންގެ ކުންފުނި" ގޮތުގައި ބްރޭންޑް ކުރެވިފައިވާ ކުންފުންޏެކެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިންނާއި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ ކުންފުންޏެއްގެ މައިގަނޑު މަޤްޞަދަކަށް ވާންޖެހޭނީ ރައްޔިތުންނަށް ފެންވަރު ރަނގަޅު އަދި ރައްކާތެރި ޚިދުމަތެއް ފޯރުކޮށްދިނުމެވެ.
ޤާނޫނަށް ހުރިހާ ފަރާތްތަކަކުން ވެސް އިޙްތިރާމް ކުރަންޖެހޭނެއެވެ. ކުންފުންޏެއްގެ ނަމުގައި ދައުލަތުގެ ނުފޫޒު ބޭނުންކޮށްގެން، ޤާނޫނީ މިންގަނޑުތަކަށް ފުރަގަސްދީ، ޚިދުމަތުގެ ފެންވަރު ދަށްކޮށް، ގަވާއިދާ ޚިލާފު އުޅަނދުތަކެއް މަގުމައްޗަށް ނެރުމަކީ ރައްޔިތުންގެ އިޙްސާސްތަކާއި ރައްކާތެރިކަމަށް ބޮޑުތަނުން އިހުމާލު ވުމެވެ. މިއީ "ރައްޔިތުންގެ ކުންފުނި" އޭ ބުނެ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި، ރައްޔިތުންގެ މޫނުމަތީގައި އެމްޓީސީސީގެ "ދޯހަޅި" ހިންގުންތެރިން ޖެހި ތަފާލެކެވެ.
ރައްޔިތުންގެ ކުންފުނީގެ ނަމުގައި، ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން، ޤާނޫނާއި ގަވާއިދާ ޚިލާފަށް ޚިދުމަތްދީ، ރައްޔިތުންނަށް ލިބެންޖެހޭ ލުއިފަސޭހަތައް ފޯރުކޮށް ނުދިނުމަކީ، މިއީ ރައްޔިތުންނަށް ކުރެވޭ ކިހާ ބޮޑު މަލާމާތެއް ތޯ؟
އިސްލާޙީ ފިޔަވަޅު އަޅައި، މަޝްރޫޢު ތަޙުޤީޤު ކުރަންޖެހޭ
އެމްޓީސީސީގެ "މާލެ ޓެކްސީ" ގެ ޚިދުމަތަކީ ދިވެހިރާއްޖޭގެ ޓެކްސީ ގަވާއިދާ މުޅިން ޚިލާފަށް، ކޮރަޕްޝަންގެ ތުހުމަތުތަކާއެކު ހިންގަމުންދާ، އަދި ރައްޔިތުންނަށް އެއްވެސް ލުއިފަސޭހައެއް ފޯރުކޮށްދެވިފައިނުވާ ނާކާމިޔާބު މަޝްރޫޢެކެވެ.
މިކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީން ހަނުނުތިބެ، ގަވާއިދާ ޚިލާފަށް ދުއްވާ އުޅަނދުތަކާމެދު ސަރުކާރު ކުންފުންޏެއް އަދި އަމިއްލަ ފަރުދެއް ތަފާތުކުރުމެއް ނެތި ފިޔަވަޅު އަޅަންޖެހެއެވެ.
ގުޅުން ހުރި ޙަބަރުތައް
އެމްޑީޕީގެ ސީދާ ހަރަކާތް "ދަތިވެއްޖެ" އަޑު އުފުލުން މިއަދު ހަވީރު ލޯކަލް މާރުކޭޓް ސަރަހައްދުގައި!
21 ގަޑިއިރު ކުރިން
މަޖީދީ މަގުގައި މުޒާހަރާ ކުރުމުގެ ހުއްދައަށް އެދިއްޖެ!
21 ގަޑިއިރު ކުރިން

ރިސޯޓުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަނީ: އިނގިރޭސިވިލާތް ރާއްޖޭގެ މާކެޓުގެ ކުރީގައި!
21 ގަޑިއިރު ކުރިން

ސިންގަޕޫރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި
ދުވަހެއް ކުރިން


