
އެމްޓީސީސީގެ "މާލެ-ޓެކްސީ" ބޮޑު ކޮރޮޕްޝަން

ރިޟްވާން މޫސާ - 10 އޯގަސްޓު 2026 - 07:41
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން "މާލެ ޓެކްސީ"ގެ ނަމުގައި ފެށި ޚިދުމަތަކީ މާލޭގެ ދަތުރުފަތުރުގެ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ބަދަލުގައި، ސަރުކާރުގެ ކުންފުންޏަކުން ޤާނޫނާއި ގަވާއިދުގެ އިމުން ބޭރުވެ، ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ބޮޑު ތުހުމަތުތަކެއްގެ އިނގިލި ދިއްކުރެވޭ ކަމެކެވެ.
ކާރު ގެނައުމުގައި ބޮޑު ކޮރަޕްޝަން - ރައްޔިތުންގެ ފައިސާ ނާޖާއިޒު ގޮތުގައި ބޭނުންކުރުން
"މާލެ ޓެކްސީ"ގެ މަޝްރޫޢަކީ ހަމައެކަނި ގަވާއިދާ ޚިލާފު ޚިދުމަތެއް ނޫނެވެ. މިއީ މާލީ ގޮތުންނާއި ޕްރޮކިއުމަންޓް އުޞޫލުތަކަށް ބަލާއިރު ބޮޑު ކޮރަޕްޝަނެއް އެކުލެވިގެންވާ މަޝްރޫޢެކެވެ.
މި މަޝްރޫޢަށް ބޭނުންވާ ކާރުތައް ހޯދުމުގައި އާންމުކޮށް ހުޅުވާލެވިގެން ބީލަން ކުރުމުގެ އުޞޫލުތަކާ ޚިލާފަށް، ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށްޓަކައި ބާޒާރުގެ އަގަށްވުރެ މާ ބޮޑު އަގުގައި ކާރުތައް ގަނެފައިވާ ކަމުގެ ތުހުމަތުތައް ވަނީ ފެންމަތިވެފައެވެ. ރާއްޖޭގެ މަގުތަކާ ނުގުޅޭ، އަދި ޓެކްސީ ގަވާއިދުގެ މިންގަނޑުތަކަށް ނުފެތޭ ކުދި އިލެކްޓްރިކް އުޅަނދުތަކެއް ބޮޑު އަގުގައި ގެނައުމުގެ ފަހަތުގައިވަނީ ކުންފުނީގެ އިސްވެރިންގެ އަމިއްލަ މަންފާއެވެ.

ރައްޔިތުންގެ ފައިސާއިން ހިންގާ ކުންފުންޏަކުން މިފަދަ ބޮޑު ޚަރަދެއް ކުރާއިރު، އޭއިން ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތެވެ. ބަދަލުގައި، އެތައް މިލިއަން ރުފިޔާއެއް ވަނީ ބޭކާރު ގޮތުގައި ދުއްވާލާފައެވެ. އެކައުންޓަބިލިޓީއެއް ނެތި، މާލީ އުޞޫލުތަކާ ޚިލާފަށް ހިންގާފައިވާ މި ޕްރޮކިއުމަންޓް މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންނާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަވަސް މުއްދަތެއްގެ ތެރޭގައި ތަޙުޤީޤު ކުރަންޖެހެއެވެ.
އެމްޓީސީސީން ތައާރަފް ކުރި މާލެ ޓެކްސީ ލައިންގެ ބައެއް ކާރުތައް ނުދުއްވައި ބަހައްޓާފައި ހުންނާތީ އެކަމުގެ ކަންބޮޑުވުމާއި، ޝަކުވާތައް ވެސް އާންމު ފަރާތްތަކުން ދަނީ ކުރަމުންނެވެ.
މީސް މީޑިޔާގައި ބަޔަކު ކޮށްފައިވާ ޕޯސްޓެއްގައި ފެންނަނީ ހުޅުމާލޭ ފޭސް 2 ގައި އެމްޓީސީސީން ގެނެސްފައިވާ މާލެ ޓެކްސީގެ ބައެއް ކާރުތައް ޕާކުކޮށް ބަހައްޓާފައިވާ މަންޒަރެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކޮށް އެ މީހުން ބުނެފައިވަނީ "މި އުޅަނދުފަހަރަށް ރައްޔިތުންގެ ފައިސާއިން މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން ގިނަ އުޅަނދުފަހަރު ބޭނުންނުކޮށް ބަހައްޓާފައި ހުރުމުގެ ސަބަބުން، އެކަމުގެ މާލީ ބުރަ އަދިވެސް އުފުލަންޖެހެނީ ރައްޔިތުންނަށް" ކަމަށެވެ.
އޭގެ އިތުރުން، އާންމުންނަށް ޚިދުމަތް ދިނުމުގެ ބަދަލުގައި، އޭގެ ތެރެއިން ބައެއް އުޅަނދުފަހަރު ވީ.އައި.ޕީން އުފުލުމަށާއި އާއިލީ ދަތުރުތަކަށް ބޭނުންކުރަމުންދާ ކަމުގެ ކަންބޮޑުވުންތައްވެސް ދަނީ އިތުރުވަމުން ކަމަށެވެ.
މި ޕޯސްޓުގައި ބުނެފައިވަނީ މިކަން މިހެން ހިނގާނަމަ، މިއީ ދައުލަތުގެ ވަސީލަތްތައް ނާޖާއިޒު ގޮތުގައި ބޭނުންކުރުމުގެ ނުހަނު ސީރިއަސް މައްސަލައެއް ކަމަށާއި، އާންމުންގެ ކަންބޮޑުވުންތަކަށް ތިޔަދޭ ހައްލަކީ މިއީތޯ ސަރުކާރަށް ސުވާލު އުފައްދާފަ އެވެ. އަދި މި ކަމަކީ ހައްލެއްގެ ގޮތުގައި ހުށައެޅި ކަންތައްތަކުގެ ތެރެއިން މިލިއަނުން ޙަރަދުކޮށްގެން ހިންގި ސިޔާސީ އޮޅުވާލުމެއް ކަމަށެވެ.
އެމްޓީސީސީގެ "ދޯހަޅި" ހިންގުންތެރިން ރައްޔިތުންނަށް ދޭ މެސެޖު
"ރައްޔިތުންގެ ކުންފުނީގެ" ނަމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ "ދޯހަޅި" ހިންގުންތެރިން މިއަދު އިނގިލި ދިއްކުރެވޭ ނާޖާއިޒު އަދި ޚިޔާނާތްތެރި އަމަލުތަކުން ރައްޔިތުންނަށް ލިބެމުންދަނީ ނުހަނު ނުރައްކާތެރި، އަދި ހިތާމަވެރި މެސެޖެކެވެ. އެއީ ރައްޔިތުންގެ ނަމުގައި، ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ ކުންފުންޏެއްގެ އިސްވެރިންގެ މަގުސަދަކީ އާންމުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުން ނޫން ކަމާއި، އޭގެ ބަދަލުގައި އަމިއްލަ އެދުމާއި ސިޔާސީ މަންފާ އިސްކުރުން ކަމެވެ.

ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ޤާއިމުކުރެވުނު ކުންފުންޏެއްގެ ނިވާފަތްގަނޑުގައި ތިބެ، ބޯދާ އަދި ޖަވާބުދާރީވުމެއް ނެތް ގޮތެއްގައި ކުންފުނި ހިންގަމުންދާއިރު، ރައްޔިތުންގެ އިތުބާރު މުޅިން ކެނޑިގެން ގޮސްފިއެވެ. މިފަދަ އަމަލުތަކުން ސާފުވާ ހަގީގަތަކީ، އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ކަންބޮޑުވުންތަކަށް މި ހިންގުންތެރިންގެ އެއްވެސް އަހައްމިއްޔަތުކަމެއް ނެތްކަމެވެ. މިއީ "ރައްޔިތުންގެ ކުންފުނި" ސިޔާސީ އޮޅުވާލުމެއްގެ ވަސީލަތަކަށް ހަދައި، ދައުލަތުގެ މާލިއްޔަތު ބޭކާރުކޮށްލުމަށް ފަސްނުޖެހޭނެކަން އަންގައިދޭ އަލިގަދަ ހެކިތަކެކެވެ.
ޤާނޫނުގެ ކުރިމަތީގައި އިސްތިސްނާއެއް އޮވެގެން ނުވާނެއެވެ. ވަކިން ހާއްސަކޮށް ރައްޔަތުންގެ މުދަލާއި ފައިސާ އިސްރާފުކޮށް ނާޖާއިޒު ގޮތުގައި ބޭނުން ކުރަމުންދާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވޅު އަޅަން ޖެހެއެވެ. އޭސީސީން މި މަޝްރޫޢުގެ ޕްރޮކިއުމަންޓް މައްސަލަ ބަލައި، ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހެއެވެ. ރައްޔިތުން އެދެނީ "ރައްޔިތުންގެ ކުންފުނީގެ" ނަމުގައި މަލާމާތް ކުރުމުގެ ބަދަލުގައި، ޤާނޫނީ މިންގަނޑުތަކަށް ފެތޭ، އިޚްލާޞްތެރި، އަދި ޙަޤީޤީ ޚިދުމަތެކެވެ.
ގުޅުން ހުރި ޙަބަރުތައް

އެމްޓީސީސީގެ "މާލެ ޓެކްސީ": ގަވާއިދާ ޚިލާފު، ކޮރަޕްޝަންގެ ހާއްޔަކަށް!
ދުވަހެއް ކުރިން
އެމްޑީޕީގެ ސީދާ ހަރަކާތް "ދަތިވެއްޖެ" އަޑު އުފުލުން މިއަދު ހަވީރު ލޯކަލް މާރުކޭޓް ސަރަހައްދުގައި!
ދުވަހެއް ކުރިން
މަޖީދީ މަގުގައި މުޒާހަރާ ކުރުމުގެ ހުއްދައަށް އެދިއްޖެ!
ދުވަހެއް ކުރިން

ރިސޯޓުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަނީ: އިނގިރޭސިވިލާތް ރާއްޖޭގެ މާކެޓުގެ ކުރީގައި!
ދުވަހެއް ކުރިން


