
ޕަލްމެއިރަސް އާއި އިންޓަ މިއާމީ ވާދަކުރި މެޗުގެ ތެރެއިން...
ކުލަބު ވޯލްޑްކަޕް: އިންޓަ މިއާމީ ޕަލްމެއިރަސް މެޗު އެއްވަރުވެ ދެޓީމު ވެސް ދެވަނަ ބުރަށް

ހަސަން ޝަމްއޫން - 24 ޖޫން 2025 - 08:39
އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އޭގައި މިއަދު ހެނދުނު ބްރެޒިލްގެ ޕަލްމެއިރަސް އާއި އެމެރިކާގެ އިންޓަ މިއާމީ ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ދެޓީމު ވެސް މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވެއްޖެއެވެ.
މުބާރާތުގައި އިންޓަ މިއާމީ ކުޅުނު ފުރަތަމަ މެޗުގައި އަލް އަހްލީ އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން ޕޯޓޯ ބަލިކޮށްފައެވެ. އަދި ޕަލްމެއިރަސްގެ ފުރަތަމަ މެޗުގައި ޕޯޓޯ އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން އަލް އަހްލީ ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އިންޓަ މިއާމީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ޓަޑިއޯ އެލެންޑޭ އެވެ. މިއީ އެޓީމުގެ ތަޖުރިބާކާރު ފޯވާޑް ލުއިސް ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައޫ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އިންޓަ މިއާމީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ އިންޓަ މިއާމީ އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި އެޓީމުން ވަނީ އިރުތު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒް އެވެ.
އިންޓަ މިއާމީން ދެލަނޑުގެ ލީޑެއް ހޯދުމާއެކު ޕަލްމެއިރަސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އަދި މެޗުގެ ފަހު 10 މިނެޓް ތެރޭގައި އެޓީމުން ވަނީ ދެލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
އެގޮތުން އެޓީމުން ފަރަގު ކުޑަކުރި ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ޕައުލީނިއޯ ކާމިޔާބުކުރިއިރު، އޭގެ ހަތް މިނެޓުފަހުން އެޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ މިޑްފީލްޑަރު މޮރީސިއޯ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން މިދެޓީމަށް ވެސް ފަސް ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ގުރޫޕްގެ އެއްވަނަ ލިބުނީ ޕަލްމެއިރަސް އަށެވެ. އަދި ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި އިންޓަ މިއާމީ އަށް ވެސް ވަނީ މުބާރާތުގެ ދެވަނަ ބުރުން ފުރުސަތު ލިބިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބާކީ ހަތަރު މެޗު އޮއްވައި ލިވަޕޫލުން ލީގު ޗެންޕިއަންކަން ކަށަވަރުކޮށްފި
2 މަސް ކުރިން

ފޮރެސްޓް ބަލިކޮށް މެންޗެސްޓާ ސިޓީ އެފްއޭކަޕް ފައިނަލުން ޖާގަ ހޯދައިފި
2 މަސް ކުރިން

ރަށުން ބޭރުގައި ޕީއެސްޖީ އިން އާސެނަލް ބަލިކޮށްފި
2 މަސް ކުރިން

ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި އަލް ނަސްރު ޗެންޕިއަންސް ލީގުން ކަޓައިފި
2 މަސް ކުރިން