
މުހައްމަދު ޝައްފާން އިސްމާއިލް
ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެންޕިއަންކަން ޝައްފާން ހޯދައިފި

ހަސަން ޝަމްއޫން - 31 އޯގަސްޓު 2025 - 00:29
ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު ތަޖުރިބާކާރު ކުޅުންތެރިޔާ މޫސާ މުންސިފް އަހުމަދު ބަލިކޮށް މުހައްމަދު ޝައްފާން އިސްމާއިލް ތިން ވަނަ ފަހަރަށް ގައުމީ ޗެންޕިއަންކަން ހޯދައިފި އެވެ.
މީގެ ކުރިން 2022 އަދި 2023 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ ފިރިހެން ސިންގަލްސް ޗެންޕިއަންކަން ޝައްފާން ހޯދި ނަމަވެސް މިދިޔަ އަހަރުގެ މުބާރާތުގައި އަނިޔާގެ ސަބަބުން ޝައްފާން ވާދައެއް ނުކުރެއެވެ. އަދި މިދިޔަ އަހަރުގެ ފައިނަލުގައި 11 ފަަހަރު ގައުމީ ފިރިހެން ސިންގަލްސް ޗެންޕިއަންކަން ހޯދާފައިވާ މުންސިފް ބަލިކޮށް ޗެންޕިއަންކަން ހޯދީ، އަހްޔާރު އަހުމަދު ހާލިދު އެވެ.
ހެންވޭރު މުނިއުފާ، ގައުމީ ޓީޓީ ހޯލުގައި ކުޅުނު މި އަހަރުގެ ގައުމީ ފިރިހެން ސިންގަލްސް ފައިނަލުގައި، ދެ ކުޅުންތެރިންގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަަމަ ސެޓް 11-13 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މުންސިފް އެވެ.
ނަމަވެސް ފުރަތަަމަ ސެޓަށްފަހު ޝައްފާން ކުޅުން ރަނގަޅުކުރިއިރު، ޖެހިގެންއައި ތިން ސެޓް 11-07، 13-11 އަދި 16-18 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޝައްފާން ވަނީ މެޗުން މޮޅުވެފައެވެ. އަދި މިއީ ޤައުމީ ފިރިހެން ސިންގަލްސް ފައިނަލުގައި މުންސިފް ޖެހިޖެހިގެން ބަލިވި ހަތަރުވަނަ ފަހަރެވެ.
މީގެ އިތުރުން ފުރަތަަމަ ޑިވިޝަންގެ ފިރިހެން ޑަބަލްސް ޗެންޕިއަންކަން ފައިނަލުގައި ޝަައްފާން އާއި އިބްރާހިމް އައުޒަމް އަޒީމް ބަލިކޮށް ހޯދީ މުންސިފް އާއި މުހައްމަދު ޒީސްތު ނަސީމްގެ ޕެއާ އެެވެ. އަދި މިކްސް ޑަބަލްސް އިން ދެވަނަ ހޯދީ ފާތިމަތު ދީމާ އަލީ އާއި ޝައްފާންގެ ޕެއާ އެވެ.
ގައުމީ މުބާރާތުގެ 13 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެންޕިއަންކަން އައްޔޫބް އިޒްކާން ސަލީމް ހޯދިއިރު 15 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެންޕިއަންކަން ހޯދީ މުހައްމަދު އާލް އިމްރާން އެވެ. އަދި މުހައްމަދު ހަލަފް ރާފިއުއާ އެއް ޕެއާ އަކަށް ކުޅެ، އާލް ވަނީ މި އުމުރުފުރާގެ ފިރިހެން ޑަބަލްސް ޗެންޕިއަންކަން ވެސް ހޯދައިފަ އެވެ.
17 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެންޕިއަންކަން ފައިނަލުގައި އާލް ބަލިކޮށް، ހަލަފް ހޯދިއިރު، މި އުމުރުފުރާގެ ފިރިހެން ޑަބަލްސް ޗެންޕިއަންކަން ހޯދީ ހަލަފް އާއި އައުން އިބްރާހިމް ލަތީފްގެ ޕެއާ އެވެ. އަދި މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ، ހަލަފް އާއި އައިޝަތު އަލްސާ ނާފިޒުގެ ޕެއާ އެވެ.
19 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެންޕިއަަންކަން، ޒީކް ހަސަން ލަތީފް ހޯދިއިރު އެއް ވަނަ ޓީމަކީ، އިހާ ޓޭބަލް ޓެނިސް އެކަޑަމީ އެވެ.
ގުޅުން ހުރި ޙަބަރުތައް

އެންމެ ފަހުގެ ޗެންޕިއަން ވެމްކޯ ބަލިކޮށް، ޤައުމީ ވޮލީބޯޅަ ލީގު ޕޮލިސް ކުލަބުން ކާމިޔާބުކޮށްފި
4 މަސް ކުރިން

44 ޓީމާއެކު 12 އަހަރުންދަށުގެ މައިލޯ އެކަޑަމީ ޗެންޕިއަންޝިޕް 2025 ފެށިގެން ކުރިއަށްދަނީ
4 މަސް ކުރިން

ގައުމީ ދިގުފެތުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
4 މަސް ކުރިން
12 އަހަރުންދަށުގެ މައިލޯ އެކަޑަމީ ޗެންޕިއަންޝިޕް މާޒިޔާ އިން ކާމިޔާބުކޮށްފި
4 މަސް ކުރިން