.jpg&w=3840&q=75)
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ މެދުތެރެއަށް ޑްރޯން ހަމަލާއެއްދީ ފަލަސްތީނުގެ 3 މީހުން ޝަހީދު ކޮށްލައިފި

ސައިފް އަޒުހަރު - 17 މާރިޗު 2025 - 11:50
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ މެދުތެރެއަށް ޑްރޯން ހަމަލާއެއްދީ ފަލަސްތީނުގެ 3 މީހުން ޝަހީދު ކޮށްލައިފިއެވެ.
މި އުދުވާނީ ހަމަލާގައި ޝަހީދުވި 3 މީހުންގެ ތެރެއިން ދެމީހުންނަކީ ދެބެއިންނެވެ.
އިސްތިއުމާރީ އިސްރާއީލުން ޑްރޯން ހަމަލާދިނީ، ބުރެއިޖް ރެފިއުޖީ ކޭމްޕްގެ އިރުމަތީ ސަރަހައްދުގެ ވާދީ ގާޒާ ބްރިންޖް ސަރަހައްދުގައި އެމީހުން ދަރުހޮވަން އުޅެނިކޮށް ކަމަށް، ޣައްޒާގެ އެކި މަސްދަރުތަކުން ބުނެއެވެ.
ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް މިއަހަރުގެ ޖެނުއަރީމަހުގެ 19 ވަނަ ދުވަހު އަމަލުކުރަން ފަށާފައި ވީނަމަވެސް، އިސްތިއުމާރީ އިސްރާއީލުން ގެންދަނީ ކެނޑިނޭޅި ޣައްޒާގެ އެކި ހިސާބުތަކަށް ޑްރޯންއާއި، ބޮޑުބަޑީގެ ހަމަލާތައް ދެމުންނެވެ.
ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއެކު އެއްބަސްވެ ސޮއިކުރިފަހުންވެސް، ޣައްޒާގެ އެކި ތަންތަނަށް ހަމަލާދީ މިހާތަނަށް 130 މީހުން ޝަހީދު ކޮށްލާފައި ވެއެވެ. އަދި 500 އަށްވުރެ ގިނަމީހުން ޒަޚަމްކޮށްލާފައި ވެއެވެ.
އިހަށްދުވަހުވެސް ޣައްޒާގެ އުތުރުގައި ދެ ވެހިކަލަކަށް ބޮންއަޅައި 9 މީހުން ޝަހީދު ކޮށްލާފައި ވެއެވެ.
ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ މުއްދަތު މި މާޗްމަހުގެ 1 ވަނަ ދުވަހު ހަމަވުމާއެކު، އިސްރާއީލުންވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި، ބޯފެނާއި، ތެލާއި ބޭސްފަދަ އިންސާނީ އެއްވެސް އެހީއެއް އެތެރެކުރިޔަނުދީ ޣައްޒާ އެއްކޮށް ބަންދުކޮށްފައެވެ.
ޣައްޒާގައި ބޯފެން އުފައްދާ މައި ޑީސަލިނޭޝަން ޕްލާންޓަށް ދެމުން އައި ކަރަންޓު، މާޗް 3 ވަނަ ދުވަހު އިސްރާއީލުން ކަނޑާލުމާ ގުޅިގެން ޣައްޒާ މިހާރުވަނީ ބޯފެނަށް ޖެހިފައެވެ.
ހަނގުރާމައިގެ ހަތިޔާރަކަށް ކާބޯތަކެތި ހަދައި، އިސްތިއުމާރީ އިސްރާއީލުން ގެންދަނީ ޣައްޒާގެ ދެމިލިއަން ރައްޔިތުން ބަނޑަށްމަރަން މަސައްކަތް ކުރަމުންނެވެ.
މިހާލަތުގައި އުޅެމުން ކައްކާ ގޭސްވެސް ނުލިބި، ޣައްޒާގެ ގިނަ އާއިލާތައް މިހާރު ކައްކަން ބޭނުންކުރަނީ ދަރެވެ. އެކި ތަންތަނަށް ދަރުހޮވަން ގޮސް އުޅޭ މީހުންނަށް ޓެރަރިސްޓުން ގެންދަނީ ހަމަލާދީ ޝަހީދުކުރަމުންނެވެ.