
މިއަދުގެ މިހާތަނަށް ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު 38 އަށް އަރައިފި

ސައިފް އަޒުހަރު - 02 ޖޫން 2025 - 14:39
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ އެތަން މިތަނަށް ދެމުންގެންދާ ޓެރަރިސްޓު ހަމަލާތަކުގައި މިއަދުގެ މިހާތަނަށް ޝަހީދުކޮށްލި މީހުންގެ އަދަދު 38 އަށް އަރައިފިއެވެ.
ޣައްޒާ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، މިއަދުގެ ފަތިހުން ފެށިގެން ދެމުންގެންދާ ހަމަލާތަކުގައި ޣައްޒާގެ އުތުރުގެ ރަށްތަކުން އެކަނިވެސް 27 މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ.
ޣައްޒާގެ މެދުތެރޭ ދީރުލް ބަލާހުގައި ހުންނަ އަލްއައިޝިއްޔާ ސްކޫލަށް ބޮންއަޅައި 3 މީހުން ޝަހީދުކޮށްލާފައި ވާއިރު، ދީރުލް ބަލާހްގެ ދެކުނުގެ ހިސާބަކަށް ވައިގެ ހަމަލާދީ އެކަކު ޝަހީދުކޮށްލާފައި ވެއެވެ.
ޣައްޒާގެ މެދުތެރޭ އަލް ބުރެއިޖް ރެފިއުޖީ ކޭމްޕަށްވެސް ޓެރަރިސްޓުން ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމުގެ ސަބަބުން އެކަކު ޝަހީދުވެފައި ވެއެވެ.
ޣައްޒާގެ ދެކުނުން ޚާން ޔޫނިސްގެ ގެއަކަށް ބޮންއެޅުމުގެ ސަބަބުން އެތައް ބަޔަކު ޒަޚަމްވެފައި ވާއިރު، ދެކުނުގެ ޖަބަލިއާއަށް ދިން ވައިގެ ހަމަލާތަކުގައި ދެމީހުން ޝަހީދުވިއެވެ.
ޚާން ޔޫނިސްގެ ހަމަދު ސިޓީގައި އާންމުން ދިރިއުޅޭ އިމާރާތަކަށްވެސް ބޮންއަޅާފައި ވެއެވެ.
ޣައްޒާގެ ދެކުނުގައި "ސޭފް ޒޯން" ގެގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުގައި އާންމުން ދިރިއުޅޭ ޓެންޓަކަށް ބޮންއަޅައި 4 މީހުން ޝަހީދުކޮށްލާފައި ވާއިރު، މި ހަމަލާގައި އިތުރު އެތައް ބަޔަކު ޒަޚަމްވިއެވެ.
ޣައްޒާގެ އުތުރުގެ ޖަބަލިއާ އަލް ބަލަދްގައި ހުރި ތިން ގެއަކަށް ބޮންއަޅާފައި ވާއިރު، ގާޒާ ސިޓީގެ ޒައިތޫން އަވަށުގައި ހުރި ގެއަކަށް ބޮންއަޅައި އެއް އާއިލާގެ 5 މެމްބަރުން ޝަހީދުކޮށްލާފައި ވެއެވެ.
ޣައްޒާގެ އުތުރުގެ އޯލްޑް ގާޒާ ސްޓްރީޓްގައި ހުރި ގެއަކަށް ޓެރަރިސްޓުން ބޮންއަޅައި 9 މީހުން ޝަހީދުކޮށްލާފައި ވެއެވެ.
ޓެރަރިސްޓުން ގެންދަނީ ޣައްޒާއަށް ހުއްޓާނުލާ ބޮންއަޅައި، މިސައިލުން ހަމަލާދެމުންނެވެ. ނުވިތާކަށް އެއްގަމުމަގުން ދޭ ހަމަލާތައްވެސް ވަރުގަދަ ކޮށްފައި ވެއެވެ.