އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ޕްރޮޖެކްޓުގެ ޕޯޓު ތަރައްޤީކުރުމާއި، މަޝްރޫޢާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއުގެ މާސްޓަރ ޑިވެލޮޕަރުގެ ހައިސިއްޔަތުން މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީއެފްޒެޑް)އާ ކެޕިޓަލް އޭޝިއާ އިންވެސްޓްމަންޓްސް (ސީއޭއައި)އާ ދެމެދުގައެވެ.
އެމްއައިޑީއެފްޒެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ. ސީއޭއައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރ ޓަން ކުން ޗީއާއޯ ޖޯޖް އެވެ.
މި ފްރޭމްވަރކް އެއްބަސްވުމުގެ ދަށުން އިހަވަންދިއްޕޮޅު ސަރަހައްދު، ވިޔަފާރިއާ ލޮޖިސްޓިކްސް ހަބަކަށް ބަދަލުކުރުމަށް ސަރުކާރުން ރާވާފައިވާ ޕްލޭނާ އެއްގޮތަށް މޯލްޑިވްސް ގޭޓްވޭ މަޝްރޫއުގެ ސްކޯޕާ ފިޔަވަހިތައް ތަރައްގީކުރުމަށް ބޭނުންވާ ޕްލޭން އެކުލަވާލެވޭނެއެވެ. މީގެ އިތުރުން ފައިނޭންޝަލް އެސެސްމަންޓް ހެދުމާ، މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ މުހިއްމު ކޮމަރޝަލް ޓަރމްސް ކަނޑައެޅުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
މި ސްޓްރެޓެޖިކް ޕާޓްނާޝިޕްގެ ދަށުން ދެފަރާތުން ގުޅިގެން ކުރިއަށް ގެންދިއުމަށް އަމާޒު ހިފާފައިމިވަނީ ދެމެހެއްޓެނިވި ތަރައްގީގެ އަސާސްތަކާ އެއްހަމަ ކުރެވިގެން އިޖްތިމާއީ ގޮތުން ޒިންމާދާރު ދިގު މުއްދަތުގެ ލާބައާއި މަންފާލިބެނިވި، ރާއްޖެއަށް އިގްތިސާދީ ކުރިއެރުން ލިއްބައިދޭނެ މަޝްރޫއެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެމްއައިޑީއެފްޒެޑް އަކީ ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަން ހަރުދަނާ ކުރުމަށް ބޭނުންވާ މުހިއްމު މަޝްރޫއުތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވުމަށް ސަރުކާރުގެ ފަސް ކުންފުންޏެއްގެ ހިއްސާ ހިމެނޭހެން މިއަހަރުގެ ޖެނުއަރީ މަހު އުފައްދާފައިވާ ކުންފުންޏެކެވެ. އެމްއައިޑީއެފްޒެޑް އަކީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއު ހިންގުމުގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ރައްކާކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ މަޝްރޫއުތައް ވެސް ލީޑުކުރާ ކުންފުންޏެވެ.
ސިންގަޕޫރުގައި ފަންޑް މެނޭޖްކުރުމުގެ ލައިސަންސް ލިބިފައިވާ ސީއޭއައި އަކީ އިންފްރާސްޓްރަކްޗަރ، ފިންޓެކް، އައިޓީ، އިޔާދަކުރަނިވި ހަކަތަ އަދި ހޮސްޕިޓާލިޓީ ފަދަ ތަފާތު ޕޯޓްފޯލިއޯތަކުން ޖުމްލަ 1.3 ބިލިއަން ޑޮލަރުގެ އެސެޓް މެނޭޖްކުރަމުންދާ ކުންފުންޏެކެވެ.