logo

ދިވެހިރާއްޖޭގެ ފުރަތަމަ ބައިނަލްއަޤަވާމީ ޒަކާތު ކޮންފަރެންސް މާދަމާ

profile

މަރްޔަމް ލީމް އަބޫބަކުރު - 27 ނޮވެމްބަރު 2024 - 21:34

ފަތުވާ މަހާސިންތާ 2024 ---ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ފަތުވާ މަހާސިންތާ 2024 ---ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސްއެއް މާދަމާ ބާއްވާނެއެވެ.

"އިންޒެކް 2024" (އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް) ގެ ނަމުގައި މި ބޭއްވޭ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

މި ކޮންފަރެންސްގައި ރާއްޖޭގެ އެކި މުއައްސަސާތަކުންނާއި މެލޭޝިޔާގެ ބައެއް އިންސްޓިޓިއުޝަންތަކުން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާއިރު، ޕެނަލިސްޓުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންނާއި، އިސްލާމިކް ފައިނޭންސްއާއި އިޤްތިޞާދީ ދާއިރާގެ މާހިރުން ބައިވެރިވެލައްވާ ގޮތަށްވެސް ވަނީ އިންތިޒާމް ކުރެވިފައެވެ.

އިންޒެކްގެ އަމާޒަކީ ރާއްޖޭގެ އިޖްތިމާއީ އަދި އިޤްތިޞާދީ މައިދާނަށް ފެތޭ ގޮތުގެމަތިން، އަވަސް އަދި ފަސޭހަ ގޮތަކަށް ޚިދުމަތްދެވޭ ޒަކާތުގެ އޮނިގަނޑެއް ޤާއިމުކުރުމެވެ. އަދި މި ނިޒާމުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކޮށްދިނުމެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމް ކުރިއެރުވުމަށް ބާއްވާ ކޮންފަރެންސެކެވެ.

މި ހަރަކާތުގައި އުޅޭ މީހުންނާއި، ސިޔާސަތުތައް ކަނޑައަޅާ ފަރާތްތައް އަދި މުޖްތަމައުގެ އިސްވެރީން ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުމަށް ޓަކައި މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކުރުން ހިމެނެއެވެ. އަދި ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް ހެއްދެވުމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ 15 ޑިސެމްބަރު 2023 ގައެވެ. މި ނިންމެވުމަކީ ރާއްޖޭގައި ޒަކާތުގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިޔަށް ގެންދިޔުމަށްޓަކައި ނިންމެވި ނިންމުމެކެވެ. އަދި މިއަހަރުގެ 2 ޖަނަވަރީ ގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައި ޒަކާތު ހައުސް އުފައްދަވާފައި ވެއެވެ.

މި ޒަކާތު ހައުސް ރަސްމީކޮށް އިފްތިތާޙް ކުރެއްވީ ރައީސް ޑރ. މުޢިއްޒުއެވެ.

https://wamco.com.mv/
tel:+9607331319