.jpg&w=3840&q=75)
ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު
ރާއްޖެޓީވީގެ ނޫސްވެރިންނަށް ދިން ހަމަލާ އަބްދުﷲ ޝާހިދު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި

އާމިނަތު ޝަޒްލާ - 26 ސެޕްޓެމްބަރު 2026 - 11:18
ދ. މީދޫގައި ޙަރަކާތްތެރިވަމުން ދިޔަ ރާއްޖެޓީވީގެ ނޫސްވެރިންނަށް ދިން ހަމަލާއާއި ކުރި ފުރައްސާރަ، ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދ. މީދޫގައި މަސައްކަތް ކުރަމުންދިޔަ ރާއްޖެޓީވީގެ ނޫސްވެރިންގެ ޓީމަށް އަމާޒުކޮށް ދިން ހަމަލާއާއި، އެ ފަރާތްތަކަށް ކުރި ފުރައްސާރަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި ނޫސްވެރިންނަށް އެއްވެސް ބިރުވެރިކަމެއް ނެތި، ރައްކާތެރިކަމާއެކު މަސައްކަތް ކުރެވޭނެ އަމާން މާހައުލެއް ގާއިމުކޮށްދިނުމަށާއި، މިފަދަ ނާތަހުޒީބު އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރަށާއި ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.
މީގެއިތުރުން ޝާހިދު ވިދާޅުވީ، އެކި ކަހަލަ ގޮންޖެހުންތަކާއި، ނުރައްކާތަކާއި، ބިރުވެރިކަމާ ކުރިމަތިލާންޖެހޭ ހާލަތްތަކުގައިވެސް، ރާއްޖެ ޓީވީގެ ޓީމުން ޙަޤީގަތް ހާމަކުރުމުގައި ދައްކުވައިދޭ ސާބިތުކަމާއި ހިތްވަރަށް ސާބަސް ދެއްވާ ކަމަށެވެ.
ދިވެހިރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުމަކީ ޤާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ޙައްޤަކަށްވާއިރު، ޑިމޮކްރެސީއެއްގެ ހަތަރުވަނަ ބާރަކީ ނޫސްވެރިކަމެވެ. މީގެ ކުރިންވެސް ރާއްޖޭގެ ސިޔާސީ ހަލަބޮލި ދަނޑިވަޅުތަކުގައި ނޫސްވެރިންނަށް އެކި ކަހަލަ އިންޒާރުތަކާއި ހަމަލާތައް އަމާޒުވެފައިވާކަން ފާހަގަކުރެވެއެވެ. ވަކިން ޚާއްޞަކޮށް، ރާއްޖެޓީވީއަކީ މާޒީގައިވެސް ބޮޑެތި ގެއްލުންތަކަކާއި އަނިޔާތަކަކާ ކުރިމަތިލާންޖެހުނު ސްޓޭޝަނެކެވެ. އެގޮތުން އެ ސްޓޭޝަން ރޯކޮށްލުމާއި، ނޫސްވެރިންނަށް މަގުމަތިން ޖިސްމާނީ ހަމަލާތައް ދިނުން ފަދަ ހާދިސާތައް މީގެ ކުރިން ރާއްޖޭގައި ހިނގާފައިވެއެވެ.
ދ. މީދޫގައި ހިނގައިދިޔަ މި ހާދިސާއާ ގުޅިގެން ނޫސްވެރިންގެ ރައްކާތެރިކަމާމެދު އޮތް ކަންބޮޑުވުން އަނެއްކާވެސް އިތުރުވެފައިވާއިރު، މިނިވަން މާހައުލެއްގައި ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ފުރުޞަތު ކޮންމެ މީޑިއާއަކަށްވެސް އޮންނަންޖެހޭނެ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ. އަދި މިފަދަ މައްސަލަތައް އަވަހަށް ތަޙުޤީޤުކޮށް އިންސާފު ގާއިމުކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި މީޑިއާ ދާއިރާގެ ފަރާތްތަކުން ދެކެއެވެ.
ގުޅުން ހުރި ޙަބަރުތައް

ނަތަންޔާހޫ ކުރެއްވި ތުހުމަތުތައް ޤަޠަރުން ދޮގުކޮށްފި
2 ގަޑިއިރު ކުރިން

ވަގުތުގެ ބޭނުން ހިފައި ރަގަޅު ނަތީޖާއެއް ހޯދުމަށް ދަރިވަރުންނާއި، ބެލެނިވެރިން މަސައްކަތް ކުރަން ޖެހޭ: ރައީސް
7 ގަޑިއިރު ކުރިން

ވިލުންތެރި ކުރިމަގެއް ކަށަވަރުކުރުމުގެ ގޮތުން ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއިން ގޮވާލައްވައިފި
7 ގަޑިއިރު ކުރިން

"ތިލަމާލެ ބުރިޖް" މިވަގުތު ކުރިއަށްދަނީ ފިނިޝިންގ ގެ މަސައްކަތް
8 ގަޑިއިރު ކުރިން


