.jpeg&w=3840&q=75)
ނުރައްކާތެރިކޮށް ސައިކަލު ދުއްވައި ފުލުހުންގެ ކާރުގައި ޖެއްސި މީހަކު ހައްޔަރުކޮށް ބަންދު ޖަހައިފި

އާމިނަތު ޝަޒްލާ - 05 އޮކްޓޯބަރު 2026 - 10:31
މަސްތުގެ ހާލަތުގައި ހުރެ، އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ސައިކަލު ދުއްވައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވެހިކަލެއްގައި ޖެއްސި މީހަކު ހައްޔަރުކޮށް އޭނާގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން މިމަހު 4 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ކ. މާފުށި، ސްނޯސްކައި، އުމުރުން 26 އަހަރުގެ އަޙްމަދު ފާރިޒްއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، އެ ދުވަހުގެ ފަތިހު 03:52 އެހައިކަންހާއިރު ހެލްމެޓް ނާޅައި، ސައިކަލުމަތީގައި އޮށޯވެގެން ނުރައްކާތެރިކޮށް ހުޅުމާލެއިން މާލެއަށް ހައިވޭ މަތިން ސައިކަލެއް ދުއްވާފައިދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށެވެ. އެ މައުލޫމާތާ ގުޅިގެން އެމީހާ ދެނެގަނެ، މާލޭގެ ޓްރެފިކް ލައިޓް ކައިރިން މަޑުކުރުމަށް ފުލުހުން އެންގުމުން، އެ އެންގުމަށް ތަބާނުވެ ބޮޑުތަކުރުފާނުމަގުން އޭނާ ވަނީ ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި ފިލަން މަސައްކަތްކޮށްފައެވެ.
އަދި ފުލުހުންގެ ވެހިކަލް އޭނާގެ ފަހަތުން ގޮސް ތަކުރާރުކޮށް މަޑުކުރަން އެންގުމުންވެސް މަޑުނުކޮށް ފިލަން އުޅުމުގެ ތެރޭގައި، ފުލުހުންގެ ކާރުގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި ހާދިސާގައި ފުލުހުންގެ ކާރަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، އެކްސިޑެންޓަށްފަހު އޭނާ ވަނީ ސައިކަލު އެ ސަރަހައްދަށް ދޫކޮށްލުމަށްފަހު ފިލާފައެވެ. ނަމަވެސް، މާލެތެރެ ޕެޓްރޯލްކުރަމުންދިޔަ ފުލުހުން ކުރި މަސައްކަތުން، މާލެ، މޫންލައިޓް ހިނގުމުން އޭނާ ހުއްޓުވައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ހައްޔަރުކުރި އަޙްމަދު ފާރިޒަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފުވެފައިވާ، އަދި 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާވެސް ނުދައްކައި އޮތް މީހެކެވެ. އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި، ވަންވޭއާ ހިލާފަށް ދުއްވުމާއި، ބާރު ސްޕީޑުގައި ދުއްވުމާއި، ލޯގަނޑު ނުޖަހައި ދުއްވުމާއި، ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމުގެ އިތުރުން، މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެއެވެ.
ފާރިޒްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 7 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
މާލެއާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖާއި ހައިވޭގައި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ވެހިކަލް ދުއްވުމާއި، ޓްރެފިކް ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މިފަދަ ނުރައްކާތެރި އަމަލުތައް ހުއްޓުވުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ހާއްސަ އޮޕަރޭޝަންތަކެއް ހިންގައި، ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރެވިއްޖެ: ޑރ އިސްމާއިލް ޝަފީއު
ގަޑިއިރެއް ކުރިން

އައްޑޫ ސިޓީ ކައުންސިލާއެކު ރައީސް ޔާމީން މުހިންމު މަޝްވަރާތަކެއް ކުރައްވައިފި
2 ގަޑިއިރު ކުރިން
.webp&w=3840&q=75)
އިންޑޮނޭޝިއާގެ ލުމަޖަންގަށް 4.6 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ
2 ގަޑިއިރު ކުރިން

މާލޭގައި ބަނގުރާ އުފައްދައި ވިޔަފާރިކުރަމުން ދިޔަ ދެ ބިދޭސީން ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން


